އަރިދަފުސް ރޯގާ ނުވަތަ އެނޫންވެސް ރޯގާއެއްގެ އަލާމާތެއް ހުރި ނަމަ ބަހާއި، ފެރީގެ ޚިދުމަތް ބޭނުން ނުކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެދެފިއެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެމްޕީއެލްއިން އިއްޔެ ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އެ ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ "ބަހާ ފެރީގެ ހިދުމަތް ހޯއްދަވާ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަ ބޭނުން، އަޅުގަނޑުމެން ހަމަ އެދެން އެއްވެސް ކަހަލަ އަރިދަފުސް ރޯގާއެއް ކަހަލަ އަލާމާތެއް ހުރި ކަމަށް ވަންޏާ ބަހުގެ ވެސް އަދި ފެރީގެ ވެސް ބޭނުން ނުކުރެއްވުމަށް،".
ހަމައެއާއެކު، ބަސް ސްޓޮޕްތަކުގައި ގާއިމުކޮށްފައިވާ އަތް ދޮވުމުގެ ވަސީލަތްތަކުގެ ބޭނުން ހިފައި ވީހާވެސް ރައްކާތެރިކަމާއެކު ދަތުރުފަތުރު ކުރުމަށާއި، ކޮންމެހެން ބޭނުން ޖެހިގެން ނޫނީ ބަސް ދަތުރުވެސް އަދި ފެރީ ދަތުރުވެސް ނުކުރުމަށް އެމްޕީއެލް އިން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮރޯނާވައިރަސް، ކޮވިޑް-19 އާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންނާއި، ކަސްޓަމަރުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ.
އެގޮތުން އެކުންފުނިން އަންނަނީ އެކުންފުނިން މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ބަސްތަކާއި، ދެކުނުގައި ދުއްވާ ފެރީތައް ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް ރާއްޖޭގައި ވެސް ފެތުރެން ފަށައިފައިވާތީ، އެވައިރަސް ފެތުރުން ކުޑަކުރުމަށާއި، އެމްޓީސީސީގެ ދަތުރުފަތުރުގެ ނިޒާމު ބޭނުންކުރާ ފަރާތްތަކަށާއި މުވައްޒަފުންގެ ސަލާމަތާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުޅާ ދާއިރާއެއްގެ ދަތުރު ފަތުރުގެ ޚިދުމަތް ދެމުންދާ ސަރުކާރުގެ ކުންފުނި އެމްޓީސީސީއިންވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅައިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!