މިއީ ކުރެއްދޫގައި މަސައްކަތް ކުރަމުން އަންނަ ނ. ކުޑަފަރީއަށް ނިސްބަތްވާ ޒުވާނަކު އެރަށުގެ ރައްޔިތުންނަށް ފޮނުވި އަސަރުގަދަ މެސެޖެއްގެ ވާހަކައެވެ. "ތަދާ ވޭނުގައި މިހެން ރޯލުމުން" މިލަވައިގެ ވީޑިއޯ ހިމައި އާދަމް ނިޔާމްގެ ފޭސްބުކްގައި ހިއްސާކުރި މެސެޖެކެވެ. ފޭސްބުކްގައި އެއިނާގެ ޝުޢޫރު ހިއްސާކޮށް ލިއުނު ޕޯސްޓަށް ގިނަބަޔެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެގޮތުން މިޕޯސްޓް އަސަރުގަދަ ވެގެން ގޮސްފައިވަނީ ހިމަނާފައިވާ ވީޑިއޯގެ ސަބަބުންނެވެ. ސްޓެލްކޯގެ ޑްރާމާ "ހުޅުކޮޅު" ގެ ތީމް ލަވަ "ތަދާ ވޭނުގައި މިހެން ރޯލުމުން" މިދަވައިގައި ދައްކުވައިދޭ ހާދިސާއާއި ނިޔާމްގެ ހިތުގެ އުދާސްތައް ބުނެދޭ ކަހަލައެވެ. ނުރައްކާތެރިބައްޔެއް ޖެހި ރަށަށް ދިއުމުން ރަށު އެންމެން ބިރުން ފިލާ މަންޒަރާއި އެންމެން އެކަހެރިކޮށްލާ މަންޒަރަކީ ހިތްދަތި މަންޒަރު ތަކެކެވެ. މިއަދު ދުނިޔެ މިއޮތް ހާލަތަށް ބަލާއިރު މިއީ ނުވެ ނުދާނެ ކަމެކޭ ނުބުނެވޭނެއެވެ.

Ad
rt

ނިޔާމް ފޭސްބުކްގައި ލިއުނު ޕޯސްޓު ފަށަމުން ބުނެފައިވަނީ

"އަހަރެންނަކީ މި ރާއްޖެއިން ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެނުނު ރަށް "ކުރެއްދޫ" ގައި މަސައްކަތް ކުރަމުން އަންނަ މުއައްޒަފެކެވެ. މިއަދު އަހަރެންގެ ރަށް ނ. ކުޑަފަރީ އެންމެހައި ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީން ކަމަކީ މާތްﷲގެ ހޮޔޮ ރަހުމަތްފުޅުން މި ނުރައްކާތެރި ބަލި މިރަށުން ފިލައިގެން ނުދަނީސް މިރަށުން ފައިބައިގެން ރަށަށް ނުދާނެ ކަމުގެ ޔަގީން ކަމެވެ.

ސަރުކާރުންނާއި، ހެލްތު ޕުރޮޓެކްޝަން އޭޖެންސީން ނާއި އަދި ޓުއަރިޒަމް މިނިސްޓްރީ އަންގާ އެންގުންތަކަށް ކިޔަމަންތެރި ކަމާއެކު ބޯ ލަނބާނެ ކަމުގެ ޔަގީންކަން ނިޔާމް ވަނީ ދީފައެވެ. އެއަށްފަހު ނިޔާމް ވަނީ އެއިނާގެ ދަރިންގެ ވާހަކަ ހިއްސާކޮށްފައެވެ. ރިސޯޓުގައި އެކަހެރިވެ ހުންނަން ޖެހުމުން ދަރިންނާއި އާއިލާ ކުރަމުންދާ ވޭނާއި އިހުސާސް އަންދާޒާ ކުރުމަކީ ނާދިރުކަމެކެވެ.

އަހަރެންގެވެސް ލޯބި ލޯބި ދެ ދަރިން ތިބެއެވެ. އަހަރެންވެސް ރަށަށް ދާހިތްވެއެވެ. އަހަރެންގެ ދަރިފުޅު ގުޅާފަ ބުނި "މާމަ ބުނި، ބައްޕައަކަށް އަވަހަކަށް ރަށަކަށް ނާދެވޭނެއޯ! ބައްޕަ ހުރީ ލޮކު ކޮއްފައޯ!! އެއީ ކީވޭ؟ ކޮއްކޮ ވަރަށް ދެރަވޭ ބައްޕައަށް ނާދެވެންޏާ!!!" ބުނާނެ އެކައްޗެއްވެސް ނެތެވެ. ކިޔާދޭނީވެސް ކިހިނެތް ހެއްޔެ؟ ކޮރޯނާއެއް، ކޮވިޑެއް އެނގެނީކީ ނޫނެވެ.

މަންމަ އާއި ލޯބި ލޯބި ދަރިންގެ ވާހަކައަށްފަހު ނިޔާމް ބުނެފައިވަނީ

އަހަރެން ކެތްކުރާނަމެވެ. ހިތްވަރު ކުރާނަމެވެ. މާތް ﷲ ހަޟްރަތުން ކޮންމެ ދުވަހަކުމެ ދުޢާކުރަނީ މި ޢާފާތުން އަވަހަށް މިންޖު ކޮށްދެއްވުންއެދިއެވެ. އާއިލާއަށް ކެތްތެރިކަން ދެއްވުން އެދިއެވެ. އެންމެހައި ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވުން އެދިއެވެ. ހައްދަވާ ބޮޑުކުރައްވާ ރަސްކަލާކޯ، އަޅަމެން މިނުރައްކާތެރި ބަލި މަލިމަޑުކަމުން ސަލާމަތް ކުރައްވާ ރައްކާކުރަށްވާންދޭން. =އާމީން=

ނިޔާމްގެ ޕޯސް މިހިސާބުން ނިމުނީއެވެ. ދެން އޮތީ ނިޔާމް އަންހެނުންގެ ވާހަކައެވެ. މިކަމާއި ގުޅިގެން އަންހެނުންގެ ޝުއޫރުވެސް ވަނީ ފޭސްބުކްގައި ބަނޑުން ކޮށްލާފައެވެ.

އައްސި ކޮއްފިއޭ މިކޮރޯނާ މުޅި ހިތާ ފިތާ!
ފައްސިވެއްޖެއޭ ރިއްސުމުން މުޅި ބޮލާ މެއާ!
ނައްސިވުންއޮތީ ދޮވެގެނެ މުޅި އަތާ ފަޔާ!
❤️❤️

އަންހެނުން ފޭސްބުކްގައި ލިއުނު ޝުޢޫރު ޝެެއަރ ކުރަމުން ނިޔާމް ބުނެފައި ވެއެވެ.

ނިޔާމް އަންހެނުން ކޮށްފައިވާ ދިގު ޕޯސްޓު ނިންމާލަމުން ބުނެދޭ ވަރަށް މުހިންމު ވާހަކަ އެއް އެބައޮތެވެ.

ކުރެއްދޫ ރިސޯޓްގައި މަސައްކަތް ކުރަމުން އަންނަ ދިވެހި މުއައްޒަފުން އުޅެމުން އަންނަނީ ބިރުވެރި ކަމެއްގެ ތެރޭގައި، އިޓަލީގެ ޕޮސިޓިވްވި މީހާ އުޅުނު ރޫމް އެއްވެސް ޑިސް އިންފެއްކުޓް ކުރުމެއްނެތި ގެސްޓުން ގެންގުޅެމުން ދަނީ، މިކަމުގެ ޝަކުވާ ރޫމް ބޯއި މީހާ (އަހަރެންގެ ފިރިމީހާގެ ނަން) ކާރީ ކުރުމުން މަޖުބޫރު ކޮށް ރޫމް އެޅުމަށް ޑިއުޓީއަށް ނުކުތުމަށް އަމުރު ކުރަމުން ދަނީ"

ރައްޓެއްސަކު ފޮނުވާފައިވާ ސްކްރީން ޝޮޓެއްގައިވާކަމަށް ބުނެ ނިޔާމްގެ އަންހެނުން ލިޔެފައި ވެއެވެ. އެއާއި ވިދިގެން ނިޔާމް ގެ އަންހެނުން ބުނެފައިވަނީ

އެނގެއެވެ. އަހަރެމެން ކޮންމެ މީހަކުވެސް މި ބަލި ޖެހިދާނެތީ ބިރުގަނެއެވެ. ބޭހެއް އުފެއްދިފައި ނެތީމައާއި އެކުގައެވެ. ގައިންގަޔަށް ފަސޭހައިން އަރާތީއާއި މި ބަލީގައި މަރުވާ މީހުން އިތުރުވަމުން ދާތީއެވެ. އެއްވެސް ވަރަކަށް ތެދު ދޮގު ނުބަލައި ހަބަރުތައް ފެތުރުމުން ރައްޔިތުންގެ ހިތުގައި ނަފުރަތާއި ބިރުވެރިކަން އުފެދިގެން ދެއެވެ. އަހަރެންނަށް އެނގޭހާވެސް އެއްޗަކީ ކުރެއްދޫގެ އެއްވެސް މުއައްޒަފަކަށް ވަޒީފާއަށް ނުކުތުމަށް މަޖުބޫރު ކޮށްފައި ނުވާކަމެވެ. އިންސާނިއްޔަތު ކަމެއް ހުރި މީހެއް އެނގި ހުރެ މަރުގެ ތުންފަތް މައްޗަކަށް އެއްވެސް މުއައްޒަފެން ނުނެރޭނެ ކަމެވެ.

ހަގީގަތް ނުބަލާ ފޭސްބުކުގައި ނުވަތަ ވައިބަރއިން ލިބޭ ކޮންމެ މެސެޖެއް ޝެއަރ ކުރުމުގެ ބަދަލުގައި ކަމުގެ ހަޤީގަތް ބެލުން މުހިންމުކަން މިކަމުންވެސް އެނގިގެން ދެއެވެ. މިގޮތަށް ދަޢުރުކޮށްލެވޭ ކޮންމެ ޕޯސްޓެއް މެސެޖެއް އަދި ވާހަކަ އަކުން އެތައް އާއިލާތަކެއްގެ ކަންބޮޑުވުމަށް ލުޔެއް ލިބުމުގެ ބަދަލުގައި މިލިބެނީ އިތުރު ހިތްދަތިކަމާއި ނުތަނަވަސް ކަމެކެވެ. މިހުތޫރަތްތެރި ދަނޑިވަޅުގައި ހެޔޮކަމެއް ނޫނީ ހެތޮ އަމަލެއް ކުރުން އައުލާކަން ބޮޑުވެގެން ވެއެވެ.

ކޮންމެ މީހަކަށްވެސް މި ބަލި ޖެހުމުގެ ފުރުޝަތު އެބައޮތެވެ. އަހަރެމެންނަށް ކުރެވެން އޮތް ކަމަކީ ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުމާއި، މުއައްސަސާތަކުން އަންގާ އެންގުން ތަކަށް ތަބާވުމެވެ. މި ބަލިން ރައްކާތެރިވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރުމެވެ. ކޮރޯނާ ވަނީ މުޅި ދުނިޔެ ވަށާލާފައެވެ. ރާއްޖޭގައި މިހާރު ވަނީ ހުރިހާ ރިސޯޓްތަކެއް 14 ދުވަހުގެ ލޮކް ޑައުންއެއްގައެވެ. ސުކޫލްތަކާ، ކޮލެޖުތައް ވަނީ ބަންދު ކުރެވިފައެވެ. އަހަރެންނާއި އަހަރެންގެ ދެ ދަރިން މިއިނީ ފިރިމީހާ ވާނެ ގޮތެއް ނޭންގިފައެވެ. ވަރަށް ދެރަވެފައެވެ.
ދެރަގޮތެއްވެދާނެތީއެވެ. ފިރިމީހާ ރަށަށް ދަރިން ކާރިއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. ﷲ ހަޟުރަތުން އެދި ދުއާކުރަނީ ފިރިމީހާ ހެޔޮހާލުގައި ލެހެއްޓެވުމެވެ. އާމީން

ނިޔާމްގެ އަންހެނުންގެ ޕޯސްޓް ނިންމާލަމުން ބުނެފައިވެއެވެ.