ކޮވިޑް-19 ވެކްސިން ކަމަށްބުނެ ފޭކު ވެކްސިން ވިއްކަން އުޅުނު ދެމީހަކު ބަންގްލަދޭޝްއިން ހައްޔަރުކޮށްފިއެވެ.
އެގައުމުގެ ބަޔެއް ނޫސްތަކުން އަދި އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓުކޯށްފައިވާ ގޮތުން 27 އަހަރުގެ މީހަކާއި 35 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. 35 އަހަރުގެ މީހާއަކީ ޑޮކްޓަރެއްކަމަށް އެމީހާ ބުނެފައިވާކަމަށާއި، މިދެމީހުން ހައްޔަރުކޮށްފައިވަނީ މަގުމަތީގައި ފޭކު ވެކްސިންތަކެއް ވިއްކަން އުޅެނިކޮންކަމަށް ފުލުހުންނާއި ހަވާލާދީ އެނޫސްތަކުގައި ވަނީ ބުނެފައެވެ. މިމީހުން ހައްޔަރުކޮށް 2 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާކަމަށް ބުނެފައިވެއެވެ.
ކޮވިޑް-19އަށް ޚާއްސަ ވެކްސިންއެއް ވިއްކަން ފަށައިފި ކަމަށްބުނެ ފޭކް ޚަބަރުތަކެއްވެސް ވަނީ މީސްމީޑިޔާގައި ދަރުވާން ފަށާފައެވެ. މިފޭކް ވާހަކަ ތަކުގައި ބުނާ ގޮތުގައި ކޮވިޑް-19އަށް ވެކްސިންއެއް އުފެއްދުނު ހަމައެކަނި ގައުމަކީ އޮސްޓްރޭލިއާއެވެ. އަދި އެ ވެކްސިން ގަނެވުނު ހަމައެކަނި ގައުމީ ސުވިޒަލަންޑްއެވެ.
އޮސްޓްރޭލިއާއިން އުފެއްދި ކަމަށް ބުނާ ވެކްސިންގެ 6 ޑޯޒް ފުރިހަމަ ކޮށްފިނަމަ އެ އަހަރު ދުވަހު އެމީހަކު ކޮވިޑް-19އިން ސަލާމަތްވާނެ ކަމަށް ބުނެފައިވެއެވެ. 50 ޔޫރޯއަށް ވިއްކާ މި ވެކްސިން ގަތުމުގެ ފުރުސަތު، އީމެއިލް މެދުވެރިކޮށް ހުޅުވާލާފައި އޮތް ކަމަށްވެސް މިޕޯސްޓުތަކުގައި ދައުރުވަމުންދެއެވެ.
ކޮވިޑް-19އަށް ކާމިޔާބު ކަމާއެކު އަދި އެއްވެސް ވެކްސިންއެއްވެސް އަދި ހާއްސަ ފަރުވާއެއްވެސް ހޯދިފައި ނުވެއެވެ. އެންމެ އަވަހަށްވެސް ވެކްސިންއެއް ތައްޔާރުކުރެވޭ ވަރުވާނީ މިއަހަރުގެ މެދަކާ ހިސާބުގައި ކަމަށް ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!