އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 ނުވަތަ ކޯރޯނާވައިރަހަށް، ޓެސްޓް ކުރައްވައިފިއެވެ.

މިހާތަަނަށްވެސް ކޮރޯނާއަށް ޓެސްޓުކުރަން ޓްރަމްޕް ވަނީ ދެކޮޅު ހައްދަވައިފައެވެ. އެކަމާ ގުޅިގެން ޓްރަމްޕްއަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

Ad
rt

ކޯރޯނާގެ މައްސަލައިގެން ފާޑިކިޔުންތައް އަމާޒުވަމުން ދިޔަނަމަވެސް އެކަމަށް މާބޮޑު ފަރުވާލެއްނެތި ޓްރަމްޕް ގެންދެވީ އެކި ބޭފުޅުންނާ ސަލާމްވެސް ކުރައްވަމުންނެވެ.

ކޮވިޑް-19 އަށް ޓެސްޓު ކުރެއްވީ އެކަން ކުރައްވަން ފެނިވަޑައިގަތުމުން ކަމަށާއި، ދެ ދުވަސްތެރޭ ނަތީޖާ ލިބޭނެކަމަށް މިއަދު އޮތް ނޫސް ކޮންފަރެންސްއެއްގައި ވަނީ ޓްރަމްޕް ވިދާޅުވެފައެވެ.

ދާދި ފަހުން ޓްރަމްޕްއާ ބައްދަލުކުރެއްވި ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯގެ ސެކްރެޓަރީއަށް ކޮރޯނާވައިރަސް ޖެހިފައިވާކަން ވަނީ ޓެސްޓްތަކުން ޔަގީންވެފަ އެވެ. އޭގެ އިތުރުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި އެހެން މީހުންނާވެސް ޓްރަމްޕް ވަނީ ދާދި ފަހުން ބައްދަލުކުރައްވައިފަ އެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ޓްރަމްޕް ވަނީ އެ ޤައުމުގައި ސްޓޭޓް އޮފް އެމަރޖެންސީ (އެސްއޯއީ) އިއުލާނުކުރައްވާފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އެމެރިކާގައި އިއުލާންކުރިއިރު، އެ ޤައުމުގެ 44 ސްޓޭޓަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ޖުމްލަ 2499 މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން 55 މީހަކު އެމެރިކާގައި ވަނީ މަރުވެފަ އެވެ.

އެމެރިކާގައިވެސް މި ވައިރަސްއާ ގުޅިގެން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުމާއި، ސުކޫލުތައް ބަންދު ކުރުމުގެ އިތުރުން ބައެއް ކުޅިވަރު ހަރަކާތްތައްވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައެވެ.