ނުރައްކާތެރި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފަދަ ވައިރަސް ތަކުން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ބައެއްފަހަރު “ސެލްފް އައިސޮލޭޝަން” ނުވަތަ އަމިއްލައަށް ނަފްސު އެކަހެރި ކުރަންޖެހޭ ފަހަރު އާދެއެވެ .
ޕަބްލިކް ހެލްތު ޕްރޮފެސަރ މައިކަލް ބޭކަރ ރޭޑިއޯ ނިއުޒީލޭންޑަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ސެލްފް އައިސޮލޭޝަން ނުވަތަ އެކަހެރި ވުމުގެމާނައަކީ އެހެން ފަރާތްތަކަށް ބަލި ފޯރަފާނެ އެންމެހާ ހާލަތްތަކުން ދުރުވެގަތުމެވެ. އޭގެ މާނަ އަކީ އެހެން މީހަކާއި މޫނާއި މޫނު ދިމާވާގޮތަށް 15 މިނެޓައްވުރެއް ގިނައިރު ނުހުރުމެވެ. އެހެންކަމުން ހަށިގަނޑުގައި ބަލީގެ އަލާމާތެއް ވާނަމަ އާންމުކޮށް މީހުން އެއްވެ އުޅޭތަންތަނަށް ގޮސްނޫޅުމަށް ސިއްހީ ހިދުމަތްތެރިން ލަފާދެއްވައެވެ. ސްކޫލް، އޮފީސް، ކޮލެޖް ޔުނިވަރސިޓީ، ކުޅިވަރުކުޅޭ ތަންތަން ، މިސްކިތް، ޕާކު، މީހުން ޖަމާވާފަދަ ތަންތަނަށް ނުގޮސް ގޭގައި އެކަހެރިވެ މަޑުކުރަންޖެހެއެވެ.
ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވާ އެންމެންވެސް 14 ދުވަހުގެ މުއްދަތަކަށް އެހެންމީހުންނާއި އެކަހެރިކޮށް މަޑުކުރަންޖެހެއެވެ. ގޭގައި އެހެން މީހުންނާއި އެކު ދިރިއުޅޭ މީހެއްނަމަ އެކަނި ކޮޓަރިއެއްގައި އެކަހެރިވެ ވީވަރަކުން ގޭގެ އެހެންމީހުންނާއި ވަކިން އުޅެވޭތޯ ބަލަންޖެހެއެވެ. ގޭތެރެއަށް ނުވަތަ މީހުންގެ ތެރެއަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައިނިކުންނަންވާނީ މާސްކުއަޅައިގެން ނެވެ.
ވަކިން ފާހާނާ ބޭނުންކުރެވެން ހުރިނަމަ ރަނގަޅު ގޮތަކީވަކިފާހާނާއެއް ބޭނުންކުރުމެވެ. ބަލިމީހާ ބޭނުންކުރާ ތުވާލި، ފެންބޯތަށި ފަދަ ހިފާގެންގުޅޭ ސާމާނު އެހެން ފަރާތްތަކުން ބޭނުންކޮށްގެން ނުވާނެއެވެ.
ބަދިގެ ނުވަތަ ކާގޭ ބާެނުންކުރާނަމަ އެތާގައި އެހެން މީހުން ނެތް ވަގުތުތަކުގައި ބޭނުންކުރުން އެދެވިގެންވެއެވެ. އެންމެ އެދެވިގެންވާ ގޮތަކީ ކާތަކެތި ކޮޓަރިއަށް ގެންދިއުމެވެ. ކާން ބޭނުންކުރާ ތަށި، ސަމްސާ، އޫ އަދި ޖޯޑް ފަދަ ސާމާނު ބޭނުން ކުރަންވާނީ ވަކިންނެވެ. ބަލިވެ އުޅޭނަމަ ނުވަތަ ބަލިމީހަކު އުޅޭނަމަ ގޭތެރޭގެ ހުރިހާތަނެއް ޤަވާއިދުން ސާފުކުރުން މުހިއްމެވެ.
ކުޑަކުދިންނާއި ، ދިފާއިީ ބާރު ދަށް މީހުންނާއި، ދޮށީއުމުރުގެ މީހުން، ބޮޑެތި ބަލިތަކުގައި އުޅޭ މީހުން އަދި މާބަނޑު މީހުންނާއި އެއް ތަނެއްގައި ހުރުން އެދެވިގެންނުވެއެވެ.ވީވަރަކުން މިފަދަ ފަރާތްތަކާއި ދުރުހެލިވާންޖެހެއެވެ. ބަލިވެ އުޅޭއިރު ސިއްހަތަށް ފައިދާހުރި ކާނާ އަދި ގިނައިން ދިޔާތަކެތި ބޭނުންކުރުން މުހިއްމެވެ. ހަށިގަނޑާއި ނިދާތަން އަދި ދިރިއުޅޭ ތަނުގެ ސާފުތާހިރުކަމަށް ވަރަށް ބޮޑު އިސްކަމެއް ދޭންވާނެއެވެ.
14 ދުވަހުގެ ސެލްފް އައިސޮލޭޝަން ނިމޭއިރު އެއްވެސް ސިއްހީ މައްސަލައެއް އަދި ބަލީގެ އަލާމާތެއް ހަށިގަނޑުން ފެންނަން ނެތްނަމަ ކުރިއެކޭ އެެއްފަދައިން ދިރިއުޅުމުގެ މައިދާނަށް ނުކުމެވޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!