މާލޭގެ ހުރިހާ ޕާކްތަކެއް އާންމުންނަށް ބަންދުކޮށްފިއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރިގެން ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ދަށުން މާލޭގެ ހުރިހާ ޕާކްތަކާއި މައިޒާންތައް މާދަމާއިން ފެށިގެން އާންމުންނަށް ބަންދުކުރަން ނިންމައިފި އެވެ.

Ad
rt

މި ނިންމުމުގެ ދަށުން ޖުމްހޫރީ މައިދާންވެސް އާންމުންނަށް ބަންދު ކުރަން ވަނީ ނިންމާފައެވެ.

އެތަންތަން ބަލަހައްޓާ މާލޭ ސިޓީ ކައުންސިލުން މިރޭ ނެރެފައިވާ އިއުލާނެއްގައި ބުނީ މާދަމާއިން ފެށިގެން ޖުމްހޫރީ މައިދާނާއި، ސަލްޓަންޕާކް އަދި މާލޭގެ ހުރިހާ ޕާކްތައް އާންމުންނަށް ވަގުތީ ގޮތުން ބަންދުކުރަން ނިންމާފައިވާ ކަމަށެވެ.

އެތަންތަން ބަންދުކުރަން ނިންމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސަރުކާރުން އިއުލާންކޮށްފައި ވާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ހަފްތާ ބަންދާ ދިމާކޮށް، ގިނަ އަދަދެއްގެ ކުޑަކުދިންނާއި، ޢާއިލާތައް އަދި ބިދޭސީން ވެސް މާލޭގައި ހުންނަ ޕާކްތަކަށް ޒިޔާރަތްކޮށް ހަދަ އެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިގައިވަނީ 8 ބިދޭސީއެއްގެ ގައިންނެވެ. އޭގެ ތެރޭގައި ހިމެނޭ ފަތުރުވެރި ދެމަފިރިންނަށް ފަރުވާ ދެވެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އެވައިރަސް ޖެހުނު 8 މީހުންގެ ހާލުވެސް ރަނގަޅުކަމަށް މިރޭ ސަރުކާރުންވަނީ ބުނެފައެވެ.