މިފެށޭ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބާއި، އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު ކޮންމެހެންވެސް އެތާރީޚްގައި އޮންނަން ޖެހޭނެ ކަމަށްބުނެ ވަކާލާތު ކުރާ ފަރާތްތަށް އެހާވަރަކަށް އެކަމަށް ވަކާލާތު ކުރަނީ، އެފަރާތްތަކަށް ކޮންމަންޒެއް ފެންނާތީތޯ ރައްޔިތުންގެ މެދުގައި ސުވާލު ހިނގަމުން އެބަދެއެވެ.
އިންތިޚާބު ލަސްކުރުމުގެ ޤާނޫނީ ބާރެއް ނެތް، ލަސްކުރަން ޖެހޭ ހާލެއްވެސް ނެތް – އީސީ
ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ލަސްކުރުމުގެ ޤާނޫނީ އެއްވެސް ހައިސިއްޔަތެއް އިލެކްޝަން ކޮމިޝަނަށް ނެތްކަމަށާއި، ރާއްޖޭގައި އިންތިޚާބު ފަސްކުރަންޖެހޭފަދަ ޙާލަތެއް އޮތްކަމަށް ކޮމިޝަންގެ މެމްބަރުންނަށް ޤަބޫލުނުކުރެވޭކަމަށް އިލެކްޝަން ކޮމިޝަނުން އިއްޔެވަނީ ވިދާޅުވެފައެވެ.
''ކޮމިޝަންގެ މެންބަރުންނަށް އިއްތިފާގު އެބަވޭ އަދި ރާއްޖެއަކަށް [އިންތިހާބު ލަސް ކުރަން] ކޯޓުގެ އިސްތިޝާރީ ލަފަޔަކަށް އެދެން ޖެހޭ ހާލަތެއް ނާންނަ ކަމަށް'' ކައުންސިލް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް އަހުމަދު ޝަރީފް އިއްޔެ ވިދާޅުވެފައިވެއެވެ.
އިންތިހާބު ލަސްކޮށްފި ނަމަ ދައުލަތުން ކުރަން ޖެހޭ ހަރަދު ބޮޑުވާނެ ކަމަށާއި އެގޮތުން އިތުރަށް 30 މިލިއަން ރުފިޔާ އިންތިހާބަށް ހަރަދު ކުރަން ޖެހިދާނެ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާ ގުޅޭ ކަންކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ލަފާދޭ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ރޭ ބާއްވަން ނިންމުމުން ގިނަބަޔަކު ހީކުރީ އިންތިޚާބާއި ބެހޭގޮތުން ގޮތެއް ނިންމަނީ ކަމަށެވެ. ނަމަވެސް އެވާހަކަ އެބައްދަލުވުމުގައި ނާދެއެވެ.
މިއަދު އަޑުމިއިވެނީ އިންތިޚާބު ފަސް ކުރުމާ ގުޅޭގޮތުން މިރޭ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮތެއް ނިންމާނެކަމަށެވެ. ބަލަމާ ހިންގަވާށެވެ!
އިދިކޮޅު ޕާޓީއަށްވެސް ކޮވިޑް-19ގެ ބިރުވެރިކަމަށްވުރެ މުހިންމުވީ ސިޔާސީ ސަބަބެއް!
އިންތިޚާބު ފަސްކުރުމާ ގުޅޭ މަޝްވަރާ އަށް ދިއުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޝަރުތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމެވެ.
ނަމަވެސް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ކުރެެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިޚާބު ފަސްކުރަންޖެހޭ ހާލަތަކަށް ގޮސްފި ނަމަ އެކަމަށް އިދިކޮޅު ކޯލިޝަނުން ވެސް ތާއީދު ކުރާނެ ކަމަށެވެ.
އެކޯލީޝަނުން ކުރިންވަނީ ކޮވިޑް-19 ގެ ބިރުވެރިކަން ފެތުރިފައިވާތީ، ކެމްޕެއިން ކުރުކޮށްލައި ޓީމުތައް އެނބުރި މާލެއަށް ގޮސްފައެވެ.
އެމްއާރުއެމުން އެދެނީ އިންތިޚާބު ލަސްކުރަން!
އިންތިޚާބު ފަސްކޮށްދިނުމަށް އެދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމުން ވަނީ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ.
އެމްއާރުއެމްއިން އީސީއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނީ މިހާރު ފެތުރެމުންދާ ކޮވިޑް-19އާ ގުޅިގެން ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި އެކަށީގެންވާ އަދަދަކަށް ރައްޔިތުން ވޯޓުލާން ނުނިކުމެދާނެ ކަމަށެވެ. އެހެންކަމުން އެހާ ބޮޑު ހަރަދެއްކޮށް ރައްޔިތުންގެ އެއްބާރުލުން ނުލިބިއްޖެނަމަ އެއީ ބޮޑު އިސްރާފަކަށް ވެދާނެކަން އެ ޕާޓީގެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
ކޯލިޝަންގެ ދެބައިވެރިއަކު ބަހެއް ނުކިޔާ!
ސަރުކާރު ހިންގާ ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި، އަދާލަތު ޕާޓީ ފާޅުގައި މިކަމާއި ބެހޭ ގޮތުން ބަހެއް ނުކިޔައެވެ. ނަމަވެސް އެދެޕާޓީގެ މާބޮޑު ކެމްޕެއިން ހަރަކާތެއް ނުހިނގައެވެ. އަދި އެދެޕާޓީ ރަސްމީކޮށް ކެމްޕެއިން ފެއްޓިކަމެއްވެސް ހާމައެއް ނުކުރެއެވެ.
ޖޭޕީން ވަނީ ކޮވިޑް-19 ގެ ބިރުވެރިކަން ފެތުރިފައިވާތީ އެޕާޓީގެ ކެމްޕެއިން ފަށްޓާ ޖަލްސާ ވަކި މުއްދަތެއްނެތި ފަސްކޮށްފައެވެ.
ބޮޑުޕާޓީގެ ގިނަ އިސްވެރިން އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ތާރީޚްގައި އިންތިޚާބު ބޭއްވުމަށް ތާއީދު!
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެންދަވަނީ އިންތިޚާބު ފަސްކުރުމާ ދެކޮޅު ހައްދަވަމުންނެވެ.
ފާއިތުވިވި ދެ ދުވަހުގެ މަޖިލިސް ތަޅުން އަޑު އަހާލި މީހަކަށްވެސް އެކަން އެނގޭނެއެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންވެވަޑައި ނުގަންނަވާ ކަމަށާއި، ގިނަ މެންބަރުން އިންތިހާއަށް ބޭނުންވަނީ އިންތިހާބު ކުރިއަށް ގެންގޮސް ނިންމަވައިލެއްވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެންމެ ފަހުގެ ޖަލްސާގައިވަނީ ވިދާޅުވެފައެވެ.
ކައުންސިލް އިންތިހާބުގެ ވޯޓު ބާތިލުވާ ގޮތް ބަދަލު ކުރަން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި ބިލުގެ ބަހުސް ގައި އިއްޔެ އެމްޑީޕީގެ ގިނަ މެމްބަރުން ވަކާލާތު ކުރެއްވީ އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚްގައި ބާއްވަން ޖެހޭނެކަމަށެވެ.
ކުރިއަށް އޮތްލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ބާރު ނާޅާކަމަށާއި، އަދި އެކަމަށް ގޮވާނުލާކަމަށް އެމްޑީޕީއިންވެސް އިއްޔެވަނީ ބުނެފައެވެ.
އެޕާޓީ އޮފީހުގައި އިއްޔެ ކުރިއަށްދިޔަ އެޕާޓީގެ، ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން “ރަށްވެހި ފަތިސް”އާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްޑީޕީ ކެމްޕެއިން “ރަށްވެހި ފަތިސް”ގެ ސްޕޯކްޕާސަން އަަފްޝަން ލަޠީފް ވިދާޅުވީ އެމްޑީޕީއިން ދެކޭ ގޮތުގައި އިލެކްޝަން ކޮމިޝަނާއި އިންތިޚާބު ލަސްކުރުމަށް އެއްވެސް މަޝްވަރާއެއް ނުކުރަށްވާ ކަމަށް އެކޮމިޝަނުން ވިދާޅުވަމުން ދާކަމަށެވެ.
އެހެންކަމުން އެމްޑީޕީއަށް ފެންނަނީ އިލެކްޝަންކޮމިސަނުން އެނިންމަވާ ގޮތަށް އިންތިޚާބު ކުރިންވެސް އޮތް ތާރީޚްގައި ބާއްވާ ކުރިއަށް ގެންދަވާނެކަމަށް ކަމަށާއި، އަދި އެކަމުގައި އެމްޑީޕީގެ އެއްބާރުލުން ލިބޭނެކަމަށެވެ.
ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުތައް އަޑުއެހުމުން އެބަލިން ސަލާމަތް ވުމަށް ނުވަތަ ދުރުވުމަށް ފަސޭހަތަކެއް ވެގެންދާނެކަމަށާއި، އެމްޑީޕީއިން އެންމެބޮޑަށް ކުރާކަމަކީ ރައްޔިތުން ހޭލުންތެރި ކުރުން ކަމަށާއި އެހެންކަމުން އިންތިޚާބު ފަސްކުރާކަށް އެމްޑީޕީއިން ގޮވާ ނުލާކަމަށްވެސް އަފްޝަން ވިދާޅުވިއެވެ.
ރައްޔުތިންގެ ޚިޔާލު ހުރީ ކިހިނެއް!
ރައްޔިތުންގެ ޚިޔާލު އަންނަނީ މީސް މީޑިއާގައި ތިލަވަމުންނެވެ. އިންތިޚާބުގައި ވޯޓުލާން ނުނުކުންނާނެ ކަމަށްވެސް މީހުން ބުނަމުން އެބަދެއެވެ.
ކެމްޕެއިނުގައި ދޮރުން ދޮރަށް ހިނގި ބައެއް ކެނޑިޑޭޓުން ބުނެފައިވަނީ ގިނަ ރައްޔިތުން އެމީހުންގެ ގޭގެޔަށް ކެނޑިޑޭޓުން ވަންނަން ބޭނުން ނުވާކަމަށެވެ. ކެމްޕެއިން ކުރެވެން އޮތީ ދަތުރު ފަތުރު ކޮށްގެން ކަމަށްވީއިރު މިވަގުތު ދަތުރު ފަތުރުކުރުން ރައްކާތެރިއެއްވެސް ނޫނެވެ.
ރާއްޖެއިން 8 ބިދޭސިއެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ސިއްޚީ ދާއިރާއާއި މުޅި ސަރުކާރު ހޭބޯނާރައި ރައްޔިތުންގެ ސަލާމަތަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއްގައި ޝާމިލް ވެފައިވާތަންވެސް އެބަ ފެނެއެވެ.
އެންމެ ފަހުން، ޤާނޫނު ނަމްބަރު 7/2012، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ 33 ވަނަ މާއްދާއިން ވަޒީރަށް ލިބިގެންވާ ބާރުގެ ދަށުން، ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދަކަށް މިއަދުން ފެށިގެން 30 ދުވަހުގެ މުއްދަތަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ހެލްތު މިނިސްޓަރު އަބުދުﷲ އަމީން މިއަދު މިވަނީ އިއުލާނު ކުރައްވާފައެވެ!
ޭނޭނގިގެން މިއުޅެނީ އިންތިޚާބު ފަސްނުކުރުމަށް އެދޭ ފަރާތްތަކަށް ފެންނަނީ ކޮންމަންޒަރެއްކަމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!