ވަގުތީ ގޮތުން އާންމު އެއްވުންތަށް ބޭއްވުން ހުއްޓާލުމަށާއި، ސްކޫލްތައް ބަންދުކުރަން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން އިލްތިމާސް ކޮށްފިއެވެ.

މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަނުން (އެމްއެމްއޭ) އިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ ކޮވިޑް-19 ރާއްޖެއިން ފެނިފައިވާ މިދަނޑިވަޅުގައި ވަގުތީ ގޮތުން އާންމު އެއްވުންތަށް ބޭއްވުން ހުއްޓާލުމަށާއި، ސްކޫލްތައް ބަންދުކުރަން ވަރަށް ބޮޑަށް އިލްތިމާސް ކުރާ ކަމަށެވެ.

Ad
rt

އެމްއެމްއޭން އެގޮތަށް ގޮވާލާފައިވާ ޓުވީޓުގައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތު މިނިސްޓްރީގެ އިތުރުން ރައީސް އޮފީހާއި އެޑިއުކޭޝަން މިނިސްޓްރީ ޓެގުކޮށްފައެވެ.

ކުޑަކުދިންގެ ބަަލިތަކުގެ ޚާއްސަ ޑަކްޓަރު، ޑރ. ނިޔާފްވެސް މިއަދު ވަނީ ސްކޫލް ބަންދު ކުރުމަކީ މިވަގުތަށް ބުއްދިވެރިކަމެއް ކަމަށް ވިދާޅުވެފައެވެ.

ޑރ. ނިޔާފަކީ ރާއްޖޭގައި އެކި ކަހަލަ ރޯގާ އާއި ބަލިމަޑުކަން ފެތުރޭ ވަގުތުތަކުގައި ރައްޔިތުން ހޭލުންތެރި ކުރުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އެ ގޮތުން ބަލީގެ އަލާމާތްކާއި ރައްކާތެރިވުމަށް އަޅަން ވީ ފިޔަވަޅުތައް ފަދަ މުހިންމު މައުލޫމާތުތައް އޭނާ ގެންދަވަނީ ސޯޝިއަލް މީޑިއާގައި ހިއްސާކުރައްވަމުންނެވެ. އަދި އާންމުން ކުރާ ސުވާލު ތަކަށް ވެސް އޭނާ ގެންދަވަނީ ޖަވާބު ދެއްވަމުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ސްކޫލުތައް ބަންދުކޮށްފައި ބޭއްވުމަކީ މި ވަގުތަށް ބަލާ އިރު އެންމެ ރައްކާތެރި ގޮތް ކަމަށް ޑރ. ނިޔާފް ވިދާޅުވީ ވެސް ސޯޝިއަލް މީޑިއާގައި އާންމުންގެ މީހަކު އޭނާއާ ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

ކޮވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުޑަކުދީން ގެއިން ބޭރަށް ނުގެންދިޔުމަށް ވެސް ޑރ. ނިޔާފް ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މިޓްޑާމް ބްރޭކަށް ސްކޫލްތައް މިވަގުތު ޗުއްޓީގައި އޮތްއިރު، ސްކޫލުތައް ދެން ހުޅުވޭނީ އަންނަ އާދިއްތަ ދުވަހުއެވެ.