އއ. އަތޮޅުގައި ހިންގަމުން އަންނަ ކުރަމަތި އައިލެންޑް ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކުވި ބިދޭސީއަކު ފެނުމާއި އެކު އޭނާ އައިސޮލޭޝަން އަށް ގެންގޮސް އެ ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާކޮށްފިއެވެ.
ނެޝަނަލް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތައް ފެނުނު ބިދޭސީ މީހާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި އެރިސޯޓަށް އަރާފޭބުން ވަގުތީގޮތުން ހުއްޓާލެވިފައި ކަމަށް އެޗްޕީއޭއިން ބުންޏެވެ.
އއ. އަތޮޅުގައި ހިންގާ ކުރަމަތި އައިލެންޑް ރިޒޯޓްގައި ހުރި ބިދޭސީ އެއްގެ ފަރާތުން #ކޯވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމުން، އޭނާ އައިސޮލޭޝަން ފެސިލިޓީއަށް ބަދަލުކޮށް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރިޔަށް
އެރިޒޯޓަށް އަރާފޭބުން ވަގުތީގޮތުން ވަނީ ހުއްޓާލެވިފައި
— Health Protection Agency (@HPA_MV) March 10, 2020
މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ހަ މީހަކު ވަނީ ފެނިފައެވެ. އޭގެ ތެރެއިން ހަތަރު ކޭސްއަކީ މި ވައިރަސް ފުރަތަމަ ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓުން ފެނުނު ކޭސްތަކެކެވެ. އަނެއް ދެ މީހުންނަކީ ސޭންޑީސް ބަތަލާއަށް ޗުއްޓީ ހޭދަކޮށްލަން އައިސްފައި ތިބި އިޓަލީވިލާތުގެ ދެ ފަތުރުވެރިންނެވެ. މި ވައިރަސްއަށް ޕޮޒިޓިވްވީ އެންމެންނަކީ ބިދޭސީންނެވެ.
ކޮވިޑް-19 އަށް ޝައްކުވެގެން ކަރަންޓީނު ކުރި ށ. ފޯކައިދޫއަށް ނިސްބަތްވާ ކުރެއްދޫ މުވައްޒަފާއި، ފަރުކޮޅު ފުށީގައި އައިސޮލޭޓް ކޮށްފައިވާ ޔުނިވަރސަލް ޓިކެޓިންގ އޮފީހުގެ މުވައްޒަފަކާއި އިތުރު މީހެއް ކޮރޯނާއަށް ނެގެޓިވްވެފައިވާކަމަށް ހެނދުނު އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!