ކޮވިޑް19 އާއި ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީން) ނިންމައިފިއެވެ.

Ad
rt

އެމްއެމްސީން މިގޮތަށް ނިންމާފައިވަނީ ވައިރަހާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ފެތުރުމާ ގުޅޭގޮތުން އެ ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައެވެ.

އެމްއެމްސީންއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) އާ ގުޅޭ ޚަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް، ހަގީގަތާހިލާފު ދޮގު ޚަބަރާއި މައުލޫމާތު ގެނެސް ނުދިނުމަށާއި، މައުލުމާތު އާއްމުކުރުމުގައި ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް އެ ކައުންސިލުން އިލްތިމާސް ކޮށްފައިވެއެވެ.

“މި ވައިރަހާ ގުޅޭގޮތުން ސިއްހީ މައުލޫމާތު ފެތުރުމުގައި އޭގެ ސައްހަ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރުކުރުމަށާއި ސިއްހީ މައުލޫމާތު ޙަވާލާދޭ މަސްދަރުތަކަކީ ބައިނަލްއަޤްވާމީ ސިއްހީ އިދާރާތަކުގެ މިންގަނޑުތަކާ އެއްގޮތަށް ޝާއިޢުކޮށްފައިވާ މައުލޫމާތުކަން ކަށަވަރުކުރުމަކީ ނޫސްވެރިންގެ ފަރުދީ އަދި ޕްރޮފެޝަނަލް ޒިންމާއެއްކަންވެސް މިކައުންސިލުން ރާއްޖޭގެ ނޫސްވެރިންނާއި މީޑިއާތަކުގެ އިސްވެރިންނަށް ހަނދާންކޮށްދެމެވެ.”

އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އަދި ކޮރޯނާވައިރަހާ ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިޔާތަކަށް ގާނޫނީ ފިޔަވަޅު އެޅުމަށާއި، ވައިރަހާ ގުޅިގެން މީޑިއާތައް ވިލަރެސް ކުރުމަށް ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް ވެސް މި ޖަލްސާގައި ނިންމާފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.

މީގެ އިތުރުން، މި ހައްސާސް ދަނޑިވަޅުގައި ރާއްޖޭގެ މީޑިއާތަކުން ޚަބަރާއި މައުލޫމާތު ފެތުރުމުގައި ޢަމަލުކުރަމުންދާގޮތް އެ ކައުންސިލުން ވިލަރެސް ކުރަމުންދާނެ ކަމަށާއި މީޑިއާތަކުގައި ޝާއިޢުކުރާ ކޮންޓެންޓަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ޙާލަތާ އެކަށީގެންވާ ކޮންޓެންޓެއް ކަމުގައިނުވާނަމަ، އެކޮންޓެންޓަކާ ގުޅޭގޮތުން އެ ކައުންސިލުން އެމީޑިއާއަކާ މުއާމަލާތުކުރާނެކަމަށާއި އެ ކައުންސިލުން އަންގާ އެންގުންތަކާ އެއްގޮތަށް ޢަމަލުނުކުރާ މީޑިއާތަކާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުއަޅާނެ ވާހަކަ ދަންނަވާކަމަށްވެސް މީޑިއާ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކަށް ފިޔަވަޅު އެޅުމާ ގުޅޭގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށް ވެސް މި ޖަލްސާގައި ނިންމާފައިވާ ކަމަށް އެމްއެމްސީން ބުނެއެވެ.