ކަރަންޓީނު ކުރުމަށް 10 ދުވަސްތެރޭގައި ކ. ވިލިވަރު ތައްޔާރުކޮށް، ޑިޒާސްޓަރ މެނޭޖްމެންޓް އެތޯރިޓީ އާއި ހަވާލުކޮށްފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، ކ. ވިލިވަރުގައި ކަރަންޓީނު ކުރުމަށް 30 ކޮޓަރި ތައްޔާރުކޮށްފައިވާކަމަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވިލިވަރުއަކީ އަތަމާއަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. ނަމަވެސް އެ ރަށް ފަހުން މުހައްމަދު އަލީ ޖަނާހުއަށް ދޫކޮށްފައިވާކަމަށާއި، ޖަނާހު އަތުން ސަރުކާރުން އެ ރަށް ނެގީ އެގްރިމެންޓުގައިވާ މާއްދާއާއި ހަވާލާދީކަމަށެވެ. އަދި މިވަގުތަށް އެ ރަށް ނެގީ 3 މަސް ދުވަހަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަރަންޓީން ފެސިލިޓީއެއް ޤާއިމްކުރުމަށް ރިސޯޓުގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ އިތުރު ރަށެއް ބަލާފައިވާކަމަށާއި، އެރަށް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުންގެންދާކަމަށެވެ. އަދި އިތުރު ކަރަންޓީން ފެސިލިޓީތައް ޤާއިމްކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޯވިޑް-19 އާއި ގުޅިގެން ސަރުކާރުން އަންނަނީ ހަލުވި ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!