2019 ވަނަ އަހަރު ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ވުހާން ސިޓީއިން ފެތުރެންފެށި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު ލައްކައަށްވުރެ މަތިވެއްޖެއެވެ.
ދުނިޔޭގެ ހުރިހާ ބައްރަކަށްހެން ފެތުރިފައިވާ މި ނުރައްކާތެރި ވައިރަސް މިހާރުވަނީ ދުނިޔޭގެ ކަންކޮޅުތަކުން 100679 މީހުންނަށް ޖެހިފައެވެ.
ދުނިޔޭގެ 95 ޤައުމަކަށް މިވައިރަސް ފެތުރިފައިވާއިރު، މިވައިރަސްގެ ސަބަބުން 3412 މީހުންވަނީ މަރުވެފައެވެ. އަދި މިވައިރަސް ޖެހުނު މީހުންތެރެއިން 55989 މީހުން މިވައިރަސްއިން ފަސޭހަވެފައިވެސް ވެއެވެ.
މިވައިރަސް އެންމެ ގިނައިން ޖެހިފައިވަނީ ވައިރަސް ފެތުރެންފެށި ޗައިނާއިންނެވެ. އެޤައުމުން 80559 މީހުންނަށް މިހާތަނަށް މިވައިރަސް ޖެހިފައިވެއެވެ. ދެވަނައަށް އެންމެ ގިނަމީހުންނަށް މިވައިރަސް ޖެހިފައިވާ ސައުތު ކޮރެއާގެ 6593 މީހުންނަށް މިވައިރަސް ޖެހިފައިވެއެވެ. 4747 މީހުންނަށް މިވައިރަސްޖެހި ތިންވަނައަށް އެންމެގިނަ މީހުންނަށް މިވައިރަސް ޖެހިފައިވަނީ އީރާނު މީހުންނަށެވެ.
ރާއްޖެއަށް މިވައިރަސްގެ ނުރައްކާ ބޮޑުވެ ރޭވަނީ ވައިރަސްއަށް ޝައްކުވެގެން އެކަހެރި ކުރެވުނު މީހަކު ނެގަޓިވު ވެގެން ދޫކޮށްލާފައެވެ. އަދި އިތުރު މީހަކު ވައިރަސްއަށް ޝައްކުވެގެން އެކަހެރި ކުރެވިފައިވާކަމަށް އެޗްޕީއޭއިން ރޭވަނީ ހާމަކޮށްފައެވެ.
އޭގެއިތުރުން އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ވ. ތިނަދޫގައި ޗުއްޓީ ހޭދަކުރަމުން އައި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ކޮރޯނާ ގެ އަލާމާތްތަކެއް ފާހަގަވެފައިވާތީ، އޭނާ ކަރަންޓީނު ސެންޓަރަށް ގެނައުމުގެ މަސައްކަތް ކުރަމުން ދިޔަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!