މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެ އެވެ.
(إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ)
އާލުޢިމްރާން: 96
މާނައީ،
"ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި (އަޅުކަމުގެ) ގެޔަކީ، މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތް ލައްވާފައިވާ ތަނެއްގެ ގޮތުގަ އެވެ. އަދި، ޢާލަމްތަކަށް ތެދުމަގެއް ކަމުގަ އެވެ."
ގެފުޅަކީ، ނަމާދުގައި މުސްލިމުންގެ ޤިބުލަ އެވެ. މުސްލިމުން ޙައްޖަށް ގޮސް އުމްރާގެ އަޅުކަން އަދާކުރުމަށް ގެފުޅުގެ ވަށައިގެން ޠަވާފުކުރެ އެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި މުސްލިމަކު ހުއްޓަސް އޭނާގެ ހިތްވާނީ، ގެފުޅާ ގުޅި ލާމެހިފަ އެވެ. އޭނާގެ ހިތުގައި ގެފުޅަށް ވަރަށް ޚާއްޞަ މަޤާމަކާއި ޤަދަރެއް ދެވިފައިވާނެ އެވެ. ކުޅަދާނަކަން ލިބިއްޖެ ނަމަ، މައްކާއަށް ގޮސް ގެފުޅުގެ ވަށައިގެން ޠަވާފުކޮށް، ޙައްޖުގެ އަޅުކަން އަދާކުރުމަކީ، ހަމަ ކޮންމެ މުސްލިމަކުމެ ނުހަނު ޝައުޤުވެރިކަމާ އެކު ކުރާނެ އުންމީދެކެވެ.
ގެފުޅަށް، "ކަޢުބާގެ" އިތުރުން "އަލްބައިތުލް ޙަރާމް" ގެ ނަން ދެވިފައި ވެއެވެ. މި ނަން ދެވިފައި ވަނީ، ގެފުޅު ކައިރީގައި ހަނގުރާމަކުރުން މާތް ﷲ ޙަރާމްކުރައްވާފައިވާތީ އެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ބިންމަތީގައިވާ އެންމެ މާތް، އެންމެ މުޤައްދަސް ތަނަކީ، ގެފުޅެވެ.
ދުނިޔެއަށް މިވަގުތު ކުރިމަތިވެފައިވާ މުސީބާތުގެ ސަބަބުން ރެއާއި ދުވާލު ގެފުޅު ވަށައިގެން ތޮވާފު ކުރާ މަންޒަރަކީ މަދުން ނޫނީ މެދުނުކެނޑޭ ކަމެކެވެ. ފޫހިކަމެއް ނެތި މާތްﷲ ގެ އަޅުތަކުން އެކަލާންގެ އަށް ދުޢާ ދެންނެވުމުގައި އަބަދުވެސް މުސްލިމުން އުޅެމުންދެއެވެ. އެހެން ނަމަވެސް މިއަދު ފެނިގެން މިދަނީ މަދުން ނޫނީ ނުފެންނާނެ ހިތާމަވެރި ހިތްދަތި މަންޒަރެކެވެ.

ކޮރޯނާވައިރަސް ޖެހިފައިވާ އިތުރު މީހަކު ސައުދީ އަރަބިއްޔާ އިން ފެނުމާއި އެކު އެގައުމުން ކޮވިޑް--19 ޖެހުނު މީހުންގެ އަދަދު 5 އެރުމާއި ގުޅިގެން އެގައުމުގެ ސަލާމަތީ ކަންކަން މިވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އަދި އިތުރަށް ވައިރަސް ފެތުރުނަ ނުދިނުމަށް ސައުދީ އިންމިވަނީ ހަރަމްފުޅު ހިމެނޭ ސަރަޙައްދު ބަންދުކޮށް ދޮވެ ސާފުކުރަން ފަށާފައެވެ. މިވަގުތު ތޮވާފުކުރާ ސަރަހައްދުއޮތީ ހުސްނޮންނެވެ. މިއީ މިފަހުން ކައުބާ މިފަދަ ގޮތަކަށް ބަންދު ކުރި ފުރަތަމަ ފަހަރެވެ.

މިއަދު މެންދުރު ފަހުން ފެށިގެން ކައުބާ ހިމެނޭ ސަރަހައްދު މުޅިން ބަންދު ކޮށްފައެވެ. އެ ސަރަހައްދުގައި ތޮވާފް ކުރަން ތިބި އެންމެން ސިފައިން ވަނީ ނެރެފަައެވ. ތޮވާފް ކުރަން ވަދެވޭނެ ހުރިހާ ދޮރުތައްވެސް ބަންދުކޮށް ދޮރުތައް ކައިރީ ގިނަ އަދަދެއްގެ ސިފައިން ދަނީ ފޯރިމަރަމުންނެވެ.
އެ ސަރަހައްދު މުޅިން ހުސްކޮށް ސާފުކޮށްފައެވެ. އަދި އިހްރާމްގައި މިސްކިތަށް ވަނުންވެސް މިވަގުތު ވަނީ މަނާކޮށްފައެވެ. ކައުބާ، ތޮވާފްކުރާ މީހުންނަށް ވަގުތީ ގޮތުން ބަންދުކުރުމަށް ފަހު ދެން ހުޅުވާނެ ވަކި ވަގުތެއްވެސް ސައުދީގެ ކަމާބެހޭ ފަރާތްތަކުން ނުބުނެއެވެ.
އަދި ކައުބާގެ މަތީ ފްލޯތަކުގައި މިހާރުވެސް ތޮވާފް ކުރެވޭނެ ކަމަށެވެ.
ސައުދީގެ އަވައްޓެރި އިރާނުގައި ވަރަށް ބޮޑަށް ވަނީ ވައިރަސް ފެތުރިފައެވެ. އެގޮތުން މިހާތަނަށް މި ބައްޔަށް އިރާނުން 2،922 މީހުން ޕޮޒިޓިވް ވެފައިވާއިރު، މި ބަލީގައި 100 އަށްވުރެ ގިނަ މީހުން ވަނީ އެގައުމުން މަރުވެފައެވެ. އިރާނަކީ ޗައިނާ ފިޔަވައި މި ބަލީގައި ދެން އެންމެ ގިނަ މީހުން މަރުވި ގައުމެވެ.
ކޮވިޑް-19 ގެ ސަބަބުން ސައުދީ އަރަބިއްޔާގެ ސަރުކާރުން އުމްރާއަށް މީހުން އައުން މަނާ ކުރުމާއި ގުޅިގެން ރާއްޖެއިން އުމްރާއަށް ދިއުމަށް ނިންމާފައިވާ ފަރާތްތަކުގެ ވިސާ ދިނުންވެސް ވަނީ ހުއްޓާލާފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ބައިނަލްއަގުވާމީ ސިއްހީ ކުއްލި ހާލަތެއް ދިމާވެފައިވާ މިފަދަ ދަނޑިވަޅެއްގައި ދިވެހި އުމްރާވެރީންނާއި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ އެންމެ އިސް ވާޖިބު ކަމަށެވެ. އެހެންކަމުން ސައޫދީ އަރަބިއްޔާއިން އަޅާފައިވާ ފިޔަވަޅުތައް ދިވެހިރާއްޖެއިން ބަލައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
އެހެންކަމުން، ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް އިހުތިރާމްކޮށް، އެކަންކަމަށް ކެތްތެރިވެ ތިބުމަށް އެ މިނިސްޓްރީން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ނިންމުމެއްގެ ސަބަބުން، އުމްރާ ދަތުރުތައް ރާވާފައިވާ ކުންފުނިތަކާއި، އުމްރާއަށް ދިއުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް، ދިމާވާނެ ދަތިތަކާއި، ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލުކުރާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!