އެމެރިކާއާއި އިރާނާ ދެމެދު ބަދަލުކުރަމުންދާ ހަމަލާތަކާއި ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށާއި ރަތްކަނޑަށް ދެމުންދާ ހަމަލާތައް ވަރުގަދަވުމާ ގުޅިގެން، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ބަރެލްއެއް 100 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެއެވެ.
ބުދަ ދުވަހު ތެލުގެ އަގަށް އައި މި ބޮޑު އަރައިގަތުމާއެކު، ދުނިޔޭގެ ހިއްސާގެ ބާޒާރުތަކަށްވެސް ވަނީ ބޮޑު ގުޑުމެއް އަރައިފައެވެ.
ބާޒާރުގެ މައުލޫމާތުތައް ދައްކާ ގޮތުން ދުނިޔޭގެ ބެންޗްމާކް ބްރެންޓް ކުރޫޑުގެ އަގު 2.5 އިންސައްތަ އުފުލި، ބަރެލްއެއްގެ އަގު ވަނީ 100.39 ޑޮލަރަށް އަރާފައެވެ. މިއީ އިރާނާއި އެމެރިކާއާ ދެމެދު ގާއިމުކުރެވުނު ހަމަލާތައް ބަދަލުނުކުރުމުގެ އެއްބަސްވުން ޖުލައި މަހުގެ ނިޔަލަށް އުވާލެވުނު ފަހުން ތެލުގެ އަގު މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. އަދި އެމެރިކާގެ ބެންޗްމާކް ކުރޫޑުގެ އަގުވެސް ވަނީ 1.9 އިންސައްތަ އުފުލި، ބަރެލްއެއް 94.85 ޑޮލަރަށް ޖެހިލާފައެވެ. ފަހުން ބްރެންޓް ކުރޫޑުގެ އަގު 99.90 ޑޮލަރަށް ކުޑަކޮށް ތިރިވި ނަމަވެސް، މެދުއިރުމަތީގައި އިތުރު ހަމަނުޖެހުމެއް ހިނގައިފިނަމަ އަގުތައް އަދިވެސް މައްޗަށް ދާނެ ކަމަށް ބެލެވެއެވެ.
ތެލުގެ އަގުތައް މައްޗަށް ދިޔައީ އިރާނުން އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކަށް ބެލިސްޓިކް މިސައިލުން ހަމަލާދޭން އުޅޭކަމަށްބުނެ، އެކަމުގެ ރައްދުގައި އިރާނުގެ ތެޔޮ އުފުލާ ފަސް އުޅަނދަކަށް އެމެރިކާއިން ހަމަލާދިނުމާ ގުޅިގެންނެވެ. އެމެރިކާގެ ސެންޓްކޮމްއިން ބުނީ އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާ ގުޅުންހުރި ހަތަރު އުޅަނދަކަށް އޯމާން ކަނޑުއޮޅީގައި ހަމަލާދީފައިވާ އިރު، އަނެއް އުޅަނދަށް ހަމަލާދީފައިވަނީ އިރާނުގެ ތެލުގެ 90 އިންސައްތަ ބޭރުކުރާ ޚާރްގް އައިލެންޑް ކައިރިން ކަމަށެވެ. މީގެ ތެރެއިން "އެމް/ޓީ ރިއެސްކޯ" ނަމަކަށް ކިޔާ އުޅަނދެއް އޯމާން ކަނޑަށް ފެތިފައިވާ ކަމަށް ބުނެ ސެންޓްކޮމްއިން ވަނީ އެ އުޅަނދަށް ލިބުނު ގެއްލުންތައް ފެންނަ ވީޑިއޯއެއް އެކްސްގައި އާންމުކޮށްފައެވެ. އެމެރިކާއިން ބުނި ގޮތުގައި މި އުޅަނދުތަކަކީ އައިއާރުޖީސީއަށް ފަންޑުކުރާ ނެޓްވޯކެއްގެ ބައެކެވެ.
އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ ބޭސަކަށް މިސައިލް ހަމަލާތަކެއް ދީފައެވެ. އުރުދުންގެ އަސްކަރިއްޔާގެ ތަރުޖަމާނު ބުނި ގޮތުގައި އިރާނުން ފޮނުވާލި 20 މިސައިލްގެ ތެރެއިން 18 މިސައިލް ވަނީ ވައްޓާލާފައެވެ. މީގެ އިތުރުން އިރާނުގެ ރިވޮލިއުޝަނަރީ ގާޑުން ބުދަ ދުވަހު ބުނީ، ހޯރްމުޒް ކަނޑުއޮޅިން ދަތުރުކުރަން އުޅުނު އެމެރިކާގެ ދެ އުޅަނދަކަށާއި، ތެޔޮ އުފުލާ އަށް އުޅަނދެއްގެ އިތުރުން ގަވާއިދާ ހިލާފުވި 10 އުޅަނދަކަށް ހަމަލާދީފައިވާ ކަމަށެވެ. އަދި ޔަމަނުގެ ހޫތީންވެސް ވަނީ އަންގާރަ ދުވަހު ސައުދީ އަރަބިއްޔާގެ ތެޔޮ އުފައްދާ ވަސީލަތްތަކަށާއި ރަތްކަނޑުން ދަތުރުކުރާ ތެޔޮ އުޅަނދުތަކަށް ހަމަލާތައް ދީފައެވެ.
މި އަހަރުގެ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އިރާނަށް ހަމަލާދީ ހަނގުރާމަ ފެށުމުގެ ކުރިން ބްރެންޓް ކުރޫޑް ބަރެލްއެއްގެ އަގު ހުރީ ގާތްގަނޑަކަށް 70 ޑޮލަރުގައެވެ. ނަމަވެސް، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ އުފުލާ ހޯރްމުޒް ކަނޑުއޮޅި ހަނގުރާމައިގެ ސަބަބުން ބަންދުވުމާ ގުޅިގެން ތެލުގެ އަގުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕެޓްރޯލްގެ އަގުތައް ވަރަށް ބޮޑަށް އުފުލި، އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ވަނީ ބޮޑެތި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ތެލުގެ އަގު 100 ޑޮލަރަށްވުރެ މައްޗަށް ދިއުމާ ގުޅިގެން ބުދަ ދުވަހު ދުނިޔޭގެ ހިއްސާގެ ބާޒާރުތައްވެސް ވަނީ ދަށަށް ގޮސްފައެވެ. އެގޮތުން ފްރާންސުގެ ސީއޭސީ 40 އިންޑެކްސް 1.1 އިންސައްތަ ދަށްވި އިރު، ޖަރުމަނުގެ ޑެކްސް 0.9 އިންސައްތަ އަދި އިނގިރޭސިވިލާތުގެ އެފްޓީއެސްއީ 100 އިންޑެކްސް ވަނީ 0.5 އިންސައްތަ ދަށްވެފައެވެ.
އޭޝިއާގެ ވިޔަފާރީގައި، ޖަޕާނުގެ މައި ނިކޭ 225 އިންޑެކްސް ވަނީ 0.2 އިންސައްތަ ދަށަށް ގޮސް، 65,142.78 އަށް ވެއްޓިފައެވެ. އަދި ދެކުނު ކޮރެއާގެ ކޮސްޕީ ވަނީ 1.4 އިންސައްތައިގެ ކުރިއެރުމަކާއެކު 7,051.64 އަށް އަރާފައެވެ.
ހޮންކޮންގުގައި ހޭންގް ސެންގް ވަނީ 0.2 އިންސައްތަ ދަށަށް ގޮސް، 25,274.96 އަށް ވެއްޓިފައެވެ. ޝަންހާއީ ކޮމްޕޮސިޓް ވަނީ 0.3 އިންސައްތަ މައްޗަށް ގޮސް، 3,951.51 އަށް އަރާފައެވެ.
އޮސްޓްރޭލިއާގެ އެސް އެންޑް ޕީ/އޭއެސްއެކްސް 200 ވަނީ 0.1 އިންސައްތަ ދަށަށް ގޮސް، 8,911.40 އަށް ވެއްޓިފައެވެ. އަދި ތައިވާނުގެ ތައިއެކްސް 0.2 އިންސައްތަ މައްޗަށް ދިޔައިރު، މުމްބާއީގެ ސެންސެކްސް ވަނީ 0.9 އިންސައްތަ ދަށަށް ގޮސްފައެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިންތާ ހަމަހަށްވުރެ ގިނަ ދުވަސް ފަހުން، ވޭތުވެދިޔަ ހަފްތާގައި އީރާނާއި އެމެރިކާއާ ދެމެދު ބަދަލުކުރެވެމުންދާ ހަމަލާތައް ވަނީ އިތުރަށް ވަރުގަދަވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!