'ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު'ގެ ދަށުން ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުންދިޔަ ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު އަންނަ މަހުގެ ތެރޭގައި ހަމަވާތީ، އެކަން ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްބީސީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ކަނޑައެޅިފައިވާ މުއްދަތުގައި ރީ-ރަޖިސްޓްރީ ނުކުރާ ނޫސްތައް، ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ބާތިލުވާނެ ކަމަށެވެ. ކުރިން އެކި ވުޒާރާތަކުން މި ދަފްތަރު ބެލެހެއްޓި ނަމަވެސް، މީޑިއާ ކޮމިޝަންގެ ގާނޫނާ އެކު މި ޒިންމާ މިހާރު ވަނީ އެ ކޮމިޝަނާ މަތިކޮށްފައެވެ. އެހެންކަމުން، އައު ގަވާއިދަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި، މީގެ ކުރިން ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުންވެސް އަލުން ރެކޯޑުތައް އާކުރަންޖެހެއެވެ. ގަވާއިދުގެ ދަށުން ދީފައިވާ ހަ މަސްދުވަހުގެ މުހުލަތު އަންނަ މަހުގެ 27 ވަނަ ދުވަހަށް ހަމަވާނެއެވެ.

Ad
rt

އެ ކޮމިޝަނުގެ ވެބްސައިޓުން ލިބެންހުރި މައުލޫމާތުތަކަށް ބަލާއިރު، މިވަގުތާ ހަމައަށް ރާއްޖޭގައި 270 ނޫހާއި، 69 މަޖައްލާގެ އިތުރުން 2 ނިއުސްލެޓަރ އަދި 4 ޖާނަލް ވަނީ ރަޖިސްޓްރީކޮށްފައެވެ. އެއީ މުޅިއެކު 345 ނޫސް މަޖައްލާއެވެ. މީގެ އިތުރުން ޖުމްލަ 53 ބްރޯޑްކާސްޓަރުންނާއި ރީ-ބްރޯޑްކާސްޓަރުން ވެސް މި ދަފްތަރުގައި ހިމެނެއެވެ.

ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައް އެމްއެމްބީސީގެ ވެބްސައިޓުން މިހާރު ލިބެން ހުރިކަމަށް އެ ކޮމިޝަނުން ބުނެއެވެ. އޭގެ ތެރޭގައި ނޫސް މަޖައްލާ ރަޖިސްޓަރީ ކުރުމުގެ ގަވާއިދާއި، ނޫސް މަޖައްލާގެ ޚިދުމަތްތަކަށް އެދޭ ފޯމުގެ އިތުރުން، އެޑިޓަރުގެ މައުލޫމާތު ފޯމާއި، އަގު ފާސްކުރުމަށް ހުށަހަޅާ ފޯމު އަދި މަސްއޫލުވެރިޔާ ބަދަލުކުރުމަށް އެދޭ ފޯމު ހިމެނެއެވެ.

އައު ގަވާއިދުގެ ދަށުން މީޑިއާތައް މައިގަނޑު ހަތަރު ބަޔަކަށް ބަހާލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ޖާނަލް، ނިއުސްލެޓަރ، މަޖައްލާ އަދި ނޫހެވެ. މިއިން ކޮންމެ ބާވަތެއްވެސް ޕްރިންޓް، ވެބްސައިޓް، އެޕްލިކޭޝަން، އިލެކްޓްރޯނިކް މީޑިއާ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގުމުގެ ފުރުސަތު އޮންނާނެއެވެ. ވިޔަފާރިތަކަށާއި ކޯޕަރޭޓިވް ސޮސައިޓީތަކަށްވެސް މި ހުއްދަ ދޫކުރާއިރު، މުއައްސަސާތަކުގެ އެތެރޭގައި މުވައްޒަފުންނަށް ޚާއްސަކޮށްގެން ނެރޭ ކުދި ލިޔުންތަކާއި މަޖައްލާތައް މީގެ ތެރެއިން އިސްތިސްނާވާނެއެވެ.

އެމްއެމްބީސީއިން އަލަށް ދޫކުރާ ރަޖިސްޓްރީގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ. އަދި މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން ރަޖިސްޓްރީ އައުކުރަން ހުށަހަޅަންޖެހޭނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ވިދިވިދިގެން 12 މަސްދުވަސް ވަންދެން އެއްވެސް އެއްޗެއް ޝާއިއުނުކޮށްފިނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއްގެ ރަޖިސްޓްރީ އަމިއްލައަށް ބާތިލުވެގެންދާނެކަމަށްވެސް އެ ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.