ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އިޒްރޭލުން ދެމުންދާ ވަރުގަދަ ހަމަލާތަކެއްގައި ފާއިތުވި ތިން ދުވަހުގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންނާއި މެޑިކަލް އޮފިޝަލުން ހިމެނޭހެން 27 މީހަކު ޝަހީދުވެ، 69 މީހަކު ޒަޚަމްވެއްޖެއެވެ.
އިޒްރޭލުގެ ވައިގެ ހަމަލާތަކާއެކު ނަބަތިއްޔާ ސަރަހައްދާއި އަލީ އަލް-ޠާހިރު އުސްބިންތަކުގެ ވަށައިގެން ވަނީ "އަލިފާނުގެ ބުރެއް" އުފެދިފައި ކަމަށް އެ ސަރަހައްދުގެ އާންމުން ސިފަކޮށްފައިވެއެވެ.
ލުބުނާނުގެ ހެލްތް މިނިސްޓްރީން ބުނި ގޮތުގައި، އަލީ އަލް-ޠާހިރު އުސްބިންތަކުގެ ކައިރީގައިވާ ކަފްރް ރުމާންގެ އާންމުން ދިރިއުޅޭ ގެއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި އެކަނިވެސް 12 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިންނާއި ހަތަރު އަންހެނުން ހިމެނެއެވެ. އަދި މި ހަމަލާގައި ޒަޚަމްވި 10 މީހުންގެ ތެރޭގައި ތިން ކުޑަކުދިންނާއި ޕެރާމެޑިކެއް ހިމެނޭއިރު، އެ ޕެރާމެޑިކް ވަނީ ފަހުން އެ ރަށުގެ ކާރަކަށް އިޒްރޭލުން ދިން އެހެން ހަމަލާއެއްގައި ޝަހީދުވެފައެވެ. މީގެއިތުރުން ހަފުތާ ބަންދުގައި އަރަބް ސާލިމް، ނަބަތިއްޔާ، މައިފަދޫން، އަލް-ކަފޫރު އަދި އަލް-ރަމާދިއްޔާއަށް ދިން ހަމަލާތަކުގައި 11 މީހުން ޝަހީދުވެ 26 މީހުން ޒަޚަމްވިއިރު، ހުކުރު ދުވަހުގެ ރޭ ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ދިން ހަމަލާތަކުގައި ހަތަރު މީހުން ޝަހީދުވެ 32 މީހުން ވަނީ ޒަޚަމްވެފައެވެ.
ލުބުނާނުގެ ލޭބަރ މިނިސްޓަރު މުހައްމަދު ހައިދަރު ވަނީ ކަފްރް ރުމާންގެ އެޕާޓްމަންޓަކަށް ހޯމަ ދުވަހުގެ ފަތިހު ދިން ހަމަލާގައި އެ މިނިސްޓްރީގެ މުވައްޒަފެއް ކަމަށްވާ ހިބާ އަލީ ޞަބާޙް އާއި އޭނާގެ ފިރިމީހާއާއި ދަރިފުޅުގެ އިތުރުން ފިރިމީހާގެ ބޭބެއާއި އޭނާގެ އާއިލާ އަދި ބަފާބެ ޝަހީދުވުމާ ގުޅިގެން ހިތާމަ ފާޅުކުރައްވާފައެވެ. ހައިދަރު ބުނުއްވީ މިއީ އާންމުންނާއި އާއިލާތަކަށް އަމާޒުކޮށް އިޒްރޭލުން ހިންގާ ޖަރީމާތަކުގެ އިތުރު ހެކިތަކެއް ކަމަށެވެ. މީގެއިތުރުން އިޒްރޭލުން ވަނީ ނަބަތިއްޔާގެ ފައިނޭންސް މިނިސްޓްރީ އިމާރާތަށާއި ޣަންދޫރު ހޮސްޕިޓަލަށްވެސް ހަމަލާދީފައެވެ. އެހެންކަމުން ބައިނަލްއަގުވާމީ މުޖުތަމައުން އިޒްރޭލުގެ މި ޖަރީމާތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއްެ އަޅައިދިނުމަށް އޭނާ ގޮވާލެއްވިއެވެ.
ހޯމަ ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި ސޫރު ކައިރީގައިވާ އަލް-މަންސޫރީ އަދި ބޯޑަރު ކައިރީގައިވާ ޙޫލާގެ ގޭގެއަށް ހަމަލާދީ ވަނީ ބިމާ ހަމަކޮށްލާފައެވެ. އަދި އާދީއްތަ ދުވަހުގެ ރޭ ދޭރު އަލް-ޒަހްރާނީގެ އިމާރާތެއް ހުސްކުރުމަށް އެންގުމަށްފަހު 22 މިނެޓު ތެރޭގައި އެ އިމާރާތް ވަނީ ސުންނާފަތިކޮށްލާފައެވެ. މި ހަމަލާތަކާ ގުޅިގެން އިޒްރޭލު ސިފައިންގެ ތަރުޖަމާނު އެލާ ވަވޭޔާ ބުނީ، މި އޮޕަރޭޝަންތައް ހިންގީ ހިޒްބުއްލާގެ ގޮވާތަކެތި ބަރުކޮށްފައިވާ ډްރޯނެއް އިޒްރޭލު ސިފައިންނަށް އަމާޒުކޮށް ފޮނުވާލުމުން، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިޒްބުއްލާއިން ޚިލާފުވުމާ ގުޅިގެން ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.
ހަމަލާތައް ވަރުގަދަވުމާ ގުޅިގެން ނަބަތިއްޔާއިން ގިނަ ބަޔަކު އަލުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާއިރު، އެ ސަރަހައްދުގެ އެކްޓިވިސްޓުން ވަނީ ނަބަތިއްޔާއަށް ކުރިމަތިވެފައިވާ ނުރައްކަލާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައެވެ. އެކްޓިވިސްޓުން ބުނި ގޮތުގައި އިޒްރޭލުގެ އުދުވާނުގެ އިތުރުން، ލިތާނީ ކަނޑުއޮޅީގެ އުތުރުގައިވާ އަލީ އަލް-ޠާހިރު އުސްބިންތައް ލުބުނާނުގެ ސިފައިންނާ ހަވާލުކުރަން ހިޒްބުއްލާއިން ދެކޮޅުހެދުމުގެ ސަބަބުން އެ އުސްބިންތައް އިޒްރޭލުގެ ސިފައިންގެ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ހަތިޔާރު ހިފައިގެން ރައްކާތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ބުނި ފަރާތްތަކުން މިހާރު ކުރިމަތިވެފައިވާ ހާލަތަށް ޖަވާބުދާރީވާންޖެހޭނެ ކަމަށްވެސް އެކްޓިވިސްޓުން ބުންޏެވެ.
އެކްޓިވިސްޓުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައްޔިތުންނާއި ފަސްގަނޑު ހިމާޔަތްކުރުމަކީ ސިޔާސީ ވާހަކަތަކަށްވުރެ އިސްކަންދޭންޖެހޭ ކަމެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކާއެކު މަޝްވަރާކުރުމަކާ ނުލައި، ނަބަތިއްޔާއާއި އެ ސަރަހައްދުގެ އަވަށުގެ ރައްޔިތުން އިޒްރޭލުގެ އުދުވާނުން ރައްކާތެރިކުރުމުގެ ގާނޫނީ އަދި ގައުމީ ވާޖިބު އަދާކުރުމަށް ލުބުނާނުގެ ރިޔާސަތަށާއި ވަޒީރުންގެ މަޖިލީހަށާއި ސިފައިންނަށް އެކްޓިވިސްޓުން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!