އޮސްޓްރިއާގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު، ސުކޫލުތަކުގައި 14 އަހަރުން ދަށުގެ ކުދިން ބުރުގާ އެޅުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ.
މި ގާނޫނުގެ ދަށުން އެ ގައުމުގެ ސަރުކާރު ސުކޫލުތަކާއި އަމިއްލަ ސުކޫލުތަކުގައި ވެސް ހިޖާބާއި ބުރުގާ އަޅައިގެން އުޅުން ވަނީ މަނާކޮށްފައެވެ.
ކޮންސަވޭޓިވް ޕީޕަލްސް ޕާޓީ (އޯވީޕީ) އާއި ސޯޝަލް ޑިމޮކްރެޓްސް (އެސްޕީއޯ) އަދި ލިބަރަލް ނިއޯސް ގުޅިގެން އެކުލަވާލާފައިވާ ކޯލިޝަން ސަރުކާރުން ބުނެފައިވަނީ، މި ގާނޫނަކީ ޖެންޑާ ހަމަހަމަކަމަށް އިސްކަންދީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މަގުސަދުގައި ފާސްކުރި ގާނޫނެއް ކަމަށެވެ.
އެ ގައުމުގެ އިންޓަގްރޭޝަން މިނިސްޓަރު ކްލައުޑިއާ ބައުއާ ބުނެފައިވަނީ، ބުރުގަލަކީ "އަންހެން ކުދިންގެ ކުޑައިރުއްސުރެ އެ ކުދިން ކޮންޓްރޯލްކޮށް، ނިކަމެތިކޮށްފައި ބެހެއްޓުމަށް ބޭނުންކުރާ ނިޝާނެއް" ކަމަށެވެ.
މި ގާނޫނާ ދެކޮޅަށް އަޑުއުފުލާ ފަރާތްތަކުން ބުނަނީ މިއީ މުސްލިމުންނާ ދެކޮޅު ނަފުރަތު އުފެއްދުމަށް މަގުފަހިވާ، އަދި ގާނޫނުއަސާސީއާ ހިލާފު ގާނޫނެއް ކަމަށެވެ. އޮސްޓްރިއާގެ ރަސްމީ އިސްލާމީ ޖަމާއަތް (އައިޖީޖީއޯ) ގެ ކާރްލާ އަނީމާ ބަގާޖާތީ ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ޖަމާއަތުން މި މަނާކުރުމާ ވަރުގަދައަށް ދެކޮޅުހަދާ ކަމަށެވެ. "މިއީ ދީނީ މިނިވަންކަމުގެ އަސާސީ ހައްގު ނާޖާއިޒު ގޮތެއްގައި ހަނިކޮށް، މުސްލިމް އަންހެން ކުދިންނަށް ނިސްބަތްނުވާ ވަރަށް ބޮޑަށް އަސަރުކުރާނެ ކަމެއް،" އޭނާ ވިދާޅުވިއެވެ. އައިޖީޖީއޯއިން ވަނީ އަސާސީ ހައްގުތައް ގެއްލޭ ކަމަށް ގަބޫލުކުރާ އާއިލާތަކުން ކޮންސްޓިޓިއުޝަނަލް ކޯޓަށް މައްސަލަ ހުށަހެޅުމަށް އެހީތެރިވާނެ ކަމަށް ބުނެފައެވެ. މީގެ ކުރިން 2020 ވަނަ އަހަރު ޕްރައިމަރީ ސުކޫލުތަކުގައި ބުރުގާ މަނާކުރަން ކުރި މަސައްކަތްވެސް އެ ގައުމުގެ ކޮންސްޓިޓިއުޝަނަލް ކޯޓުން ވަނީ ދީނީ އިންސާފުވެރިކަމުގެ އުސޫލާ ހިލާފުވާ ކަމަށް ނިންމައި ބާތިލްކޮށްފައެވެ.
މި ގާނޫނު ތަންފީޒުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޓީޗަރުންނާއެވެ. އެގޮތުން ބުރުގާ އަޅައިގެން އަންނަ ކުދިންނާއި އެ ކުދިންގެ ބެލެނިވެރިންނާ ވާހަކައްކައިގެން މައްސަލަ ހައްލުކުރަން ޓީޗަރުން މަސައްކަތް ކުރަންޖެހެއެވެ. އަދި ތަކުރާރުކޮށް ގާނޫނާ ހިލާފުވާނަމަ ކުޑަކުދިންގެ ހައްގުތަކާ ބެހޭ އިދާރާތަކަށް އެންގުމަށްފަހު، އެންމެ ފަހުގެ ފިޔަވަޅެއްގެ ގޮތުން ބެލެނިވެރިން 800 ޔޫރޯ އާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ. ނަމަވެސް، މި ކަން ތަންފީޒުކުރަން ޖެހުމުން ބައެއް ޓީޗަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގްރީން ޕާޓީގެ ސިގީ މޯރާ ވަނީ އެޑިއުކޭޝަން މިނިސްޓަރު ކްރިސްޓޯފް ވީޑާކޭރް، ކުރިންވެސް ބޮޑު ބުރައެއް އުފުލަމުންދާ ޓީޗަރުންގެ މައްޗަށް ފުލުހުންގެ ދައުރު ބޮލުގައި އަޅުވައިފާވައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.
ޔޫރަޕުގެ އެހެން ގައުމުތަކަށް ބަލާއިރު، ފްރާންސްގައި ސުކޫލުތަކުގައި ދީނީ ރަމްޒުތައް ބޭނުންކުރުން މަނާކޮށްފައިވާތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ނަމަވެސް އޮސްޓްރިއާގެ ގާނޫނު ފްރާންސްގެ ގާނޫނާ ތަފާތުވަނީ، މިއީ ހާއްސަކޮށް މުސްލިމް އަންހެނުން އަޅާ ބުރުގާއަށް އަމާޒުކޮށްގެން ހަދާފައިވާ ގާނޫނަކަށް ވާތީއެވެ. ފްރާންސް، ބެލްޖިއަމް އަދި ޑެންމާކެކޭ އެއްގޮތަށް އޮސްޓްރިއާގައިވެސް އާންމު ތަންތަނުގައި މޫނު ނިވާކުރުން (ނިގާބާއި ބުރުގާ) ވަނީ މަނާކޮށްފައެވެ. އައިޖީޖީއޯގެ ބަގާޖާތީ ވިދާޅުވީ، ސިޔާސީ ފައިދާއަށްޓަކައި މަައިނޯރިޓީ ގްރޫޕްތަކަށް އަމާޒުކޮށް ރަމްޒީ ފިޔަވަޅުތައް އަޅަމުންދާ ކަންބޮޑުވާފަދަ އޮއިވަރެއް މުޅި ޔޫރަޕްގައި އުފެދެމުންދާ ކަމަށާއި، މިއީ އަސާސީ މައްސަލަތަކަށް ހައްލެއް ހޯދައިދޭނެ ކަމެއް ނޫން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!