މި ސީޒަނުގެ ޑޮމެސްޓިކް ލީގުތަކުގައި ސްޕެއިންގެ ރެއާލް މެޑްރިޑާއި ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ފުރަތަމަ ފަހަރަށް ބަލިވުމާ ކުރިމަތިލާން ޖެހިއްޖެއެވެ.
ހުކުރު ދުވަހު ކުޅުނު މެޗުތަކުގައި ރެއާލް މެޑްރިޑް ބަލިވީ ރެއާލް ބެޓިސް އަތުން 1-0 އިންނެވެ. އަދި ޕީއެސްޖީ ވަނީ އަމިއްލަ ދަނޑުގައި މޮނާކޯ އަތުން 2-1 އިން ބަލިވެފައެވެ.
ބެޓިސް އަތުން ރެއާލް މެޑްރިޑަށް ހިތްދަތި ބައްޔެއް
ކޯޗު ހޯސޭ މޮރީނިއޯ އެނބުރި އައުމަށްފަހު ރެއާލް މެޑްރިޑް ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވެފައި ވަނިކޮށް، ބެޓިސް އިން ވަނީ އެ ޓީމު ހައިރާންކޮށްލާފައެވެ. ބެޓިސްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އައު ފޯވާޑް ޓްރޯއި ޕެރޮޓް އެވެ. މެޗުގެ އިތުރު ވަގުތުގައި ވިނީޝިއުސް ޖޫނިއާއަށް ކުރި ފައުލަކާ ގުޅިގެން ރެއާލަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ބެޓިސްގެ ކީޕަރު އަލްވާރޯ ވަލެސް ވަނީ ދިފާއުކޮށްފައެވެ.
"އަހަރެންގެ ޓީމުން މޮޅު ކުޅުމެއް ދެއްކި، އަދި ބައެއް ފަހަރު ބަލިވަނީ ކީއްވެގެން ކަމެއް ވެސް ނޭނގޭނެ. މުޅި މެޗު ކޮންޓްރޯލްކޮށް ގިނަ ފުރުސަތުތަކެއް ހޯދިން. އެއްވަރުވި ނަމަވެސް މާޔޫސްވާނެ، އެހެންވީމާ ބަލިވުމުން ކުރާނެ އިހުސާސް ތަސައްވުރު ކޮށްލައްވާ" މެޗަށްފަހު ވާހަކަދައްކަމުން މޮރީނިއޯ ބުނެފަވެއެވެ.
ރެއާލް މެޑްރިޑަށް ދެން އޮތީ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި އިންޓަ މިލާނާ ދެކޮޅަށް ކުޅޭ މެޗެވެ.
ކޮންޓްރެކްޓް އައުކުރި ދުވަހު ޕީއެސްޖީއަށް ނާކާމިޔާބީ
ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ 2030 ވަނަ އަހަރުގެ ނިޔަލަށް އެ ޓީމުގައި މަޑުކުރުމަށް އެއްބަސްވި ދުވަހު، މޮނާކޯ އަތުން އެ ޓީމު ވަނީ ބަލިވެފައެވެ. މެޗުގެ 31 ވަނަ މިނެޓުގައި މާކީނިއޯސް ޕީއެސްޖީއަށް ކުރިހޯދައިދީފައި ވަނިކޮށް، މޮނާކޯ އިން ވަނީ ފްލާވިއޯ ނަޒީންހޯ އަދި ސްޓެނިސް އިދުމްބޯގެ ލަނޑުތަކުން ފަހަތުން އަރައި މެޗު ކާމިޔާބުކޮށްފައެވެ. މިއާއެކު މޮނާކޯ ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެ ލީގުގެ އެއްވަނައިގައި ހަމަޖެހިލާފައެވެ.
މި ބައްޔަކީ ޕީއެސްޖީން އެންރީކޭގެ އިތުރުން ޔާއޯ ނެވޭސް، ލޫކަސް ބެރަލްޑޯ، ސެނީ މަޔުލޫ އަދި ވިލިއަން ޕާޗޯ ފަދަ ކުޅުންތެރިންގެ ކޮންޓްރެކްޓް 2031 ގެ ނިޔަލަށް، އަދި ފަބިއަން ރުއިޒްގެ ކޮންޓްރެކްޓް 2028 ގެ ނިޔަލަށް އައުކުރިކަން އިއުލާނުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ވީ ބައްޔެކެވެ. މީގެ އިތުރުން އެވަޓަންއަށް ބަދަލުވުމުގެ ވާހަކަތައް ނާކާމިޔާބުވުމާ ގުޅިގެން މޮނާކޯގެ އެމެރިކާ ފޯވާޑް ފޮލަރިން ބަލޮގުން މި މެޗުގެ ސްކޮޑުގައި ހިމަނާފައެއް ނުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!