މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ރ. މަޑުއްވަރި / ރަންތަރި، މުޙައްމަދު ނަޖީޙް (31އ) އާއި، ބ. ކިހާދޫ / ޒުވާރިމާގެ، އާމިނަތު ޝަހާމާ ޙަމީދު (18އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި އެ ދެ މީހުން ހައްޔަރުކުރުމަށްފަހު، ކޯޓު އަމުރެއްގެ ދަށުން މާލޭގެ މައްޗަންގޮޅީގައި ހުރި ގެއެއް ވަނީ ބަލައި ފާސްކޮށްފައެވެ.
މައްޗަންގޮޅީގެ އެ ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 20.19 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ނަޖީޙް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. އަދި އާމިނަތު ޝަހާމާ ޙަމީދު ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުންގެ އިދާރާއިން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!