ހުޅުމާލޭގައި ފޭސް ދޭއެއްގައި ސައިކަލެއްގެ ކުރިމަތިން ކުއްލިއަކަށް މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިން ނެއްޓެން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިއްޖެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހުޅުމާލެ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއް، ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހި އެކްސިޑެންޓް ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 8:03 އެހާކަންހާއިރު ކަމަށެވެ.

Ad
rt

މި އެކްސިޑެންޓްގައި ވިނަރެސް 6 ފްލެޓް ކައިރިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލު ޖެހިފައިވާ ކަމަށް މައުލޫމާތު ލިބިފައިވީ ނަމަވެސް، ފުލުހުން އެ ސަރަހައްދަށް ދިޔައިރު ސައިކަލުން ޖެހުނު މީހާ ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.

ފުލުހުން ބުނީ، މި ހާދިސާއާ ގުޅިގެން އިތުރަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ ހިތިގަސް މަގުން އުތުރަށް ދަތުރުކުރި ސައިކަލެއްގެ ކުރިމަތިން ކުއްލިއަކަށް ކުޑަކުއްޖަކު މަގު ހުރަސްކުރުމުންނެވެ. އަދި އެ ކުއްޖާގެ ގައިގައި ނުޖެހި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި ވަނީ މަގުމައްޗަށް ވެއްޓިފައެވެ.

ފުލުހުން ތަހުގީގަށް ފާހަގަކުރެވުނު ގޮތުގައި، މި ހާދިސާގައި އެ ކުޑަކުއްޖާގެ ގައިގައި ސައިކަލުން ޖެހިފައެއް ނުވެއެވެ.

ނަމަވެސް، ސައިކަލު ވެއްޓުމުގެ ސަބަބުން ސައިކަލު ދުއްވަން އިން މީހާއަށާއި ސައިކަލުގެ ފަހަތުގައި އިން މީހާއަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.