މަގުމަތީގައި ހިނގި އެކްސިޑެންޓެއްގައާއި އިމާރާތަކުން ވެއްޓި ދެ ކުޑަކުއްޖަކު ނިޔާވުމާ ގުޅިގެން، މަގުމައްޗާއި އުސް އިމާރާތްތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށާއި އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.
ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ، މީގެ ދެ ދުވަސް ކުރިން ހިނގި މަގުމަތީ އެކްސިޑެންޓެއްގައި ޒަޚަމްވި ކުޑަ ކުއްޖަކު ނިޔާވުމާއި، މިއަދު އިމާރާތަކުން ވެއްޓުނު ތުއްތު ކުއްޖަކު ނިޔާވި ޚަބަރުން، މުޅި ޤައުމަށްވެސް ނުތަނަވަސް އަދި ހިތާމަވެރި އިޙްސާސްތަކެއް ކުރުވާފައިވާ ކަމަށެވެ. އަދި ނިޔާވި މަޢުޞޫމް ދެ ކުދިންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، އެ ދެ މަރުޙޫމުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކާއި ފާގަތިކަން ލެހެއްޓެވުން އެދި އެމަނިކުފާނު ދުޢާކުރެއްވިއެވެ.
މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ މިފަދަ ކުއްލި ނުރައްކާތެރި އެކްސިޑެންޓްތަކާމެދު އާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމަޢު ގުޅިގެން ކުރަންޖެހިފައިވާ ޤައުމީ އަދި އިންސާނީ މަސައްކަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް، އުސް އިމާރާތްތަކުގެ ކުޑަދޮރުތަކާއި، ބެލްކަނި އަދި ރެއިލިންގ ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ނަފްސާނީ އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި، އެފަދަ މީހުންނާއި ކުދިން އުޅޭ ގޭގޭގައި އިމާރާތްތައް ބަލަހައްޓާ ފަރާތްތަކާއި ޢާއިލާތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ސަރުކާރާއި ކުންފުނިތަކާއި މަދަނީ ޖަމުޢިއްޔާތަކުގެ އިތުރުން އެންމެހައި ފަރުދުން ގުޅިގެން، ޚާއްޞަ އިސްކަމެއް ދީގެން މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަޤީންކުރުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ. އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގްުރާމުތައް ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ކުރިއަށް ގެންގޮސްދެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ކުރެއްވި ޕޯސްޓް ނިންމަވާލައްވާފައިވަނީ ދިވެހި މުޖުތަމަޢަށާއި ޢާއިލާތަކަށް ސަލާމަތާއި އަމާންކަން މިންވަރުކުރެއްވުން އެދި މާތްﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!