ރ. މަޑުއްވަރީއާއި، ކ. ކާށިދޫގެ އިތުރުން ސ. ހުޅުދޫ އަދި ހުޅުމާލޭގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި 17 ގެއެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ގިނަ ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި އޮޕަރޭޝަންތަކަކީ އެ ރަށްރަށުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މަޢުލޫމާތުތަކަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

Ad
rt

މި އޮޕަރޭޝަންތަކުގެ ތެރެއިން ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި، ރ. އަތޮޅު ޕޮލިހާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި މަޑުއްވަރީގެ ހަތް ގެއެއް ބަލައިފާސްކޮށް، ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. ނަމަވެސް އޭގެ ތެރެއިން ދެ މީހުން ފިޔަވައި ދެން ތިބި މީހުން ވަނީ ދޫކޮށްލާފައެވެ. ފުލުހުން ބުނި ގޮތުގައި މި އޮޕަރޭޝަނުގައި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 53.05 ގުރާމެވެ.

މަޑުއްވަރީއިން ހައްޔަރުކުރި ދެ މީހުންނަކީ އެ ރަށު ބޮންތި، މުޙައްމަދު މުޢިއްޒު (27އ) އާއި، ތުނޑި، އާދަމް ޢާޞިމް (29އ) އެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު މުޢިއްޒު 10 ދުވަހަށް އަދި އާދަމް ޢާޞިމް ހަތް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކ. ކާށިދޫގައި ހިންގި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ކ. އަތޮޅު ފުލުހުން ގުޅިގެން މި މަހުގެ 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި ކާށިދޫގެ 10 ގެއެއް ބަލައިފާސްކޮށް 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނެވެ. މީގެ ތެރެއިން ހަތަރު މީހަކު ދޫކޮށްލާފައިވާއިރު، އަނެއް ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އެކަކު ވަނީ ކޯޓުން ދޫކޮށްލާފައެވެ. މި އޮޕަރޭޝަނުގައި 32.55 ގުރާމުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކާށިދޫ މައްސަލައާ ގުޅިގެން ބަންދުގައި ބޭއްވުމަށް ކޯޓުން އަމުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ކ. ކާށިދޫ، ރިހިތަރި، މުޙައްމަދު އަޙުދު (30އ) އާއި، ގދ. ރަތަފަންދޫ، ދިލްޝާދުގެ، ޣާނިމް މުފީދު (26އ) އެވެ. މި ދެ މީހުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މީގެ އިތުރުން ކ. ކާށިދޫ، ރެޑިއަމްގެ، ޢަބްދުލްޢަލީމް މުޙައްމަދު (37އ) އާއި، މާލެ، ގ. މާލެހިޔާ 2 02-13، މަދީޙް ރަޝީދު (29އ) އާއި، ކ. ކާށިދޫ، ޝަބްނަމްގެ، ނަޒާން މުޙައްމަދު ޝާކިރު (22އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން ސ. ހުޅުދޫގައި މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 29 ވަނަ ދުވަހު ވަނީ މީހަކު ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ތޯތާޕަރީ، އިކުރާމް (47އ) އެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެއިން ވެސް ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި އޮގަސްޓު މަހުގެ 30 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގެ ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު ހުޅުމާލެ ލޮޓް 11279 ކައިރިން، އޭނާއަށް ފުލުހުން ފެނުމުން އެއްޗެއް ފޮރުވައި ދުވެފައިގޮސް ފިލަން މަސައްކަތްކުރުމާ ގުޅިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. އޭނާ ހުއްޓުވައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސް އަދި އޭނާ ފޮރުވަން މަސައްކަތްކުރި ތަކެތި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 153 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 108.16 ގުރާމެވެ.