ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފޯރުކޮށްދޭ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްތަކުގެ ތެރެއިން އެކަނިވެރި މައިންބަފައިންނާއި ކާބޯތަކެތީގެ އެހީ ލިބެމުންދާ ފަރާތްތަކުން އޮންލައިންކޮށް ރީ-ރަޖިސްޓަރީވުމަށް ހުޅުވާލައިފިއެވެ.

އެންސްޕާއިން މިކަމަށް ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް އެހީގެ ދަފްތަރުގައި ރަޖިސްޓަރީވެ، އެހީ ލިބެމުންދާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް ތަނުގައިވެސް އެހީ ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށެވެ.

Ad
rt

އެ އެޖެންސީން އާންމުކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި އެހީތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް އެދޭ ފަރާތްތަކުން 30 ނޮވެންބަރު 2026 ގެ ކުރިން https://one.gov.mv މެދުވެރިކޮށް އަލުން ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފޯމު ހުށަނާޅާ ފަރާތްތަކަށް ދެން އެހީ ކުރިއަށް ގެންދެވޭނީ، އައު ފޯމެއް މެދުވެރިކޮށް އެހީއަށް އެދި ހުށަހެޅުމުން، އެހީ ދިނުމުގައި ބަލާ މިންގަނޑުތަކަށް ރިއާޔަތްކުރުމަށްފަހު ކަމަށްވެސް އެންސްޕާއިން ބުނެއެވެ.

އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީތައް އިތުރަށް ހަރުދަނާކޮށް، އެންމެ އެކަށީގެންވާ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ޤާނޫނު ނަންބަރު 2/2014 (އިޖްތިމާޢީ ރައްކާތެރިކަމުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދު ނަންބަރު 2016/R-22 (އިޖްތިމާޢީ ރައްކާތެރިކަމުގެ އާންމު ގަވާއިދު) ގެ 8 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން، އިޖްތިމާޢީ ރައްކާތެރިކަމުގެ އެހީއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެހީ ޙައްޤުވާ ފަރާތްތަކަށް އެހީ ދެވޭނީ މީލާދީ 2 އަހަރުގެ މުއްދަތަށް މަހުން މަހަށެވެ.

ރީ-ރަޖިސްޓަރީވާން ހުޅުވާލާފައިވާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީ ހިމެނެއެވެ. މީގެ އިތުރުން، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި، އެ ކުދިން ބަލަހައްޓާ ފަރާތްތަކަށް ދެވޭ މާލީ އެހީވެސް މީގެ ތެރޭގައި ހިމެނޭކަމަށް އެންސްޕާއިން މައުލޫމާތުދެއެވެ.

މީގެ އިތުރުން، ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީ ލިބެމުންދާ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ މުއްދަތުގެ ކުރިން ރީ-ރަޖިސްޓަރީވުމަށް ފޯމު ހުށަހަޅަންޖެހޭނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް އެންސްޕާގެ ހޮޓްލައިން 1402 އަށް ގުޅުމުން މަޢުލޫމާތު ލިބޭނެ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.