ނޭޕާލާއި ޗައިނާގެ އެކި ސަރަހައްދުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 633 އަށް އަރައި، 3،000 އާ ގާތްކުރާ އަދަދަކަށް މީހުން ގެއްލިގެން ހޯދަން ފަށައިފިއެވެ.

ރެސްކިއު ޓީމުތަކުން މިހާރު ދަނީ އެކަހެރިވެފައިވާ ސަރަހައްދުތަކަށް ވާސިލުވުމަށާއި މުވާސަލާތީ ހިދުމަތްތައް އިއާދަކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަމުންނެވެ.

Ad
rt

މި ކާރިސާގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ނޭޕާލަށެވެ. ނޭޕާލުގެ ނެޝަނަލް ޑިސާސްޓާ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީއާ ހަވާލާދީ ކަތަމަންޑޫ ޕޯސްޓުން ހަނިޝަނި ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުން 626 މީހަކު މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި 2،426 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. ސާޗް ޓީމުތަކުން ދަނީ ކޯރުތަކުގެ އޮއިވަރާއެކު ދެމިގެންގޮސްފައިވާ ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ހަށިގަނޑުތައް ނޭޕާލާއި އިންޑިއާ ގުޅޭ އިންއާ ހަމައަށް ވެސް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޭޕާލުގައި މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ސަރަހައްދުތަކުގެ ތެރޭގައި ޗިތުވާން އަދި ނަވާލްޕަރާސީ އީސްޓް ހިމެނެއެވެ. ހިމާލަޔާއިން ފެށިގެން އަންނަ މައި ކޯރުތައް ކަމަށްވާ ބޮޓެކޯޝީ އާއި ތުރިޝޫލީ ކޯރު ފުރިގެން ބޮޑުވުމާ ގުޅިގެން ގޯރްކާ، ދާދިންގް އަދި ނުވާކޯޓް ސަރަހައްދުތަކުން ވެސް ދަނީ ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑުތައް ފެންނަމުންނެވެ. ނޭޕާލުގެ ކަމާބޭހޭ އިދާރާތަކުން ބުނެފައިވަނީ ޖުމްލަ 2،301 މީހަކު ސަލާމަތްކޮށް، އަނިޔާވި މީހުންނަށް ފަރުވާ ދެމުންދާ ކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން ސަލާމަތްކުރެވިފައިވަނީ ނުވާކޯޓާއި ރަސުވާ ޑިސްޓްރިކްޓުންނެވެ.

ގެއްލިފައިވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ގައުމުތަކުގެ ރައްޔިތުން ވެސް ހިމެނެއެވެ. އިންޑިއާއިން ބުނެފައިވާ ގޮތުގައި ނޭޕާލުގައި އެ ގައުމުގެ 320 ރައްޔިތަކު ވީނުވީއެއް ނޭނގި ގެއްލިފައިވެއެވެ. މިއީ މި ކާރިސާގައި ގެއްލިގެން ހޯދަމުންދާ ބޭރު ގައުމުތަކުގެ މީހުންގެ ތެރެއިން އެންމެ ބޮޑު އާބާދީއެކެވެ. އިންޑިއާގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕާސަން ރަންދީރު ޖައިސްވާލް ހުކުރު ދުވަހު ވިދާޅުވީ، "އަޅުގަނޑުމެންނަށް ގުޅުން ނުވެވޭ ނުވަތަ ގެއްލިފައިވާ މީހުންގެ އަދަދަށް ބަލާއިރު، މި ވަގުތުގެ އަދަދަކީ 320،" ކަމަށެވެ.

އިންޑިއާގެ ފޮރިން މިނިސްޓްރީން އިތުރަށް ބުނެފައިވަނީ އެހެން ގައުމުތަކުގެ ރައްޔިތުކަން އޮތް ނަމަވެސް އިންޑިއާ ދަރިކޮޅުގެ 100 ވަރަކަށް މީހުންނާ ވެސް ގުޅުން ކެނޑިފައިވާ ކަމަށެވެ. ނަމަވެސް އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސަލާމަތްކުރެވިފައެވެ. އޭގެ ތެރޭގައި ތުރިޝޫލީ-1 ހައިޑްރޯޕަވަރު ޕްރޮޖެކްޓްގައި މަސައްކަތްކުރާ 63 މީހުން ހިމެނެއެވެ. އަނެއްކޮޅުން، ޗައިނާގެ ދައުލަތުގެ މީޑިއާ ޝިންހުއާ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ގައުމުން 7 މީހަކު މަރުވެ، 554 މީހަކު ވަނީ ގެއްލިފައެވެ.

މި ކާރިސާއާ ގުޅިގެން ނޭޕާލުން ވަނީ ބައިނަލްއަގުވާމީ ސާޗް އެންޑް ރެސްކިއު ޓީމުތަކަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދިނުމަށް އެއްބަސްވެފައެވެ. ސަލާމަތީ އަދި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި 4،811 އޮފިޝަލުން ހަރަކާތްތެރިވަމުންދާއިރު، ނޭޕާލް ފުލުހުންގެ 27 އޮފިސަރަކާވެސް ވަނީ ގުޅުން ކެނޑިފައެވެ. އިންޑިޕެންޑެންޓް ޕަވަރު ޕްރޮޑިއުސާސް އެސޯސިއޭޝަނާ ހަވާލާދީ ޝިންހުއާއިން ބުނި ގޮތުގައި، ފެންބޮޑުވުމުގެ އަސަރުކުރި ހައިޑްރޯޕަވަރު 11 ސައިޓަކާ ގުޅުންހުރި 934 މީހަކު ވެސް ވަނީ ގެއްލިފައެވެ. އިންޓަނޭޝަނަލް ރެޑްކްރޮސްއިން ލަފާކުރާ ގޮތުގައި މި ކާރިސާގެ އަސަރު 93،000 ވަރަކަށް މީހުންނަށް ކޮށްފައިވާނެއެވެ.

ކަރަންޓާއި މުވާސަލާތީ ހިދުމަތްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ގުޅުން ކެނޑިފައިވާ މީހުންނާ ރެސްކިއު ޓީމުތަކުން ބައްދަލުވަމުންދާ ވަރަކަށް، ގެއްލިފައިވާ މީހުންގެ އަދަދުތަކަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ކަމާބޭހޭ ފަރާތްތަކުން ވަނީ އިންޒާރުދީފައެވެ. އެކަހެރިވެފައިވާ ސަރަހައްދުތަކަށް އެހީތެރިން ވާސިލުވެ، މުވާސަލާތީ ހިދުމަތްތައް އިއާދަކުރެވޭ ވަރަކަށް މަރުވި މީހުންނާއި ގެއްލުނު މީހުންގެ އަދަދު ބަދަލުވަމުންދާނެ ކަމަށް އިދާރާތަކުން ބުނެއެވެ.