ޗައިނާގެ ޓިއަންޖިންގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ އޭވީސީ ވިމެންސް ވޮލީބޯލް އޭޝިއަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ، ހުކުރު ދުވަހު ކުޅުނު ކުއާޓާ ފައިނަލް މެޗުތައް ކާމިޔާބުކޮށް އީރާން އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާއިން ކަށަވަރުކޮށްފިއެވެ.
މި ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކޮށްފައިވަނީ ބުރާސްފަތި ދުވަހު ޖާގަ ކަށަވަރުކުރި ޖަޕާން އަދި ތައިލެންޑާ އެކުގައެވެ. 2028 ވަނަ އަހަރުގެ ލޮސް އެންޖެލިސް އޮލިމްޕިކްސްގެ އެއް ޖާގަ އަދި 2027 ވަނަ އަހަރުގެ އެފްއައިވީބީ ވޮލީބޯލް ވޯލްޑް ކަޕްގެ ތިން ޖާގަ ލިބޭ މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ހޮނިހިރު ދުވަހުއެވެ. ފުރަތަމަ ސެމީގައި ޖަޕާން އަދި ތައިލެންޑް ބައްދަލުކުރާއިރު، ދެވަނަ ސެމީގައި ބައްދަލުކުރާނީ ޗައިނާ އަދި އީރާނެވެ.
އީރާނުން ހޯދި ތާރީޚީ ކާމިޔާބީ
ކުއާޓާ ފައިނަލްގައި އިންޑޮނޭޝިއާ އަތުން ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް، ފަހަތުން އަރައި 3-1 ސެޓުން (19-25، 25-16، 25-12، 25-17) މެޗު ކާމިޔާބުކޮށް އީރާނުން ވަނީ ތާރީޚުގައި ފުރަތަމަ ފަހަރަށް އޭޝިއަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގައި އީރާނުގެ އިލާހެ ޕޫރު ސާލިހު ވަނީ މޮޅު ކުޅުމެއް ދައްކައި 29 ޕޮއިންޓް ހޯދައިދީފައެވެ. އަދި ފާތިމާ ޚަލީލީ ވަނީ 15 ޕޮއިންޓް ހޯދާފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން އިލާހެ ބުނީ، "ޓީމުގެ ކުޅުންތެރިންނާއި ކޯޗު އަދި އެންމެންނާމެދު ވަރަށް ފަޚުރުވެރިވާ" ކަމަށާއި އިންޑޮނޭޝިއާއާ ދެކޮޅަށް ޓީމުން ވަރަށް މޮޅަށް ކުޅުނު ކަމަށެވެ.
ބަލިނުވެ ޗައިނާ ކުރިއަށް
އަމިއްލަ ގައުމުގައި ކުޅެމުން އަންނަ ޗައިނާއިން ވަނީ ކުއާޓާ ފައިނަލްގައި ވިއެޓްނާމްގެ މައްޗަށް 3-0 ސެޓުން (25-15، 25-22، 25-13) ސީދާ މޮޅެއް ހޯދައި، މުބާރާތުގައި މިހާތަނަށް އެއްވެސް ސެޓެއް ނުގެއްލި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މި މެޗުގައި ޗައިނާގެ ވޫ މެންގްޖިއޭ އަދި ޒުއާންގ ޔުޝާން، ކޮންމެ ކުޅުންތެރިއަކު 18 ޕޮއިންޓް ހޯދައިދިނެވެ.
ޗައިނާގެ ވޫ ފާހަގަކުރި ގޮތުގައި "ޕްލޭއޮފް މަރުހަލާގައި ކޮންމެ ޓީމަކުންވެސް ބޭނުންވާނީ ކުރިއަށްދާން، އެހެންކަމުން ކޮންމެ މެޗަކީވެސް ނުރައްކާތެރި މެޗެއް" ކަމަށެވެ. އަދި ދެވަނަ ސެޓުގައި އެންމެ އެދެވޭ ރިދަމް ނުފެނުނު ނަމަވެސް އެކަންކަން ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
މުބާރާތުގެ ސެމީ ފައިނަލުން މޮޅުވާ ދެ ޓީމު އާދީއްތަ ދުވަހު ރަން މެޑަލް މެޗުގައި ވާދަކުރާއިރު، އެ ދެ ޓީމަށް އޮލިމްޕިކްސް ޖާގައަށް ވާދަކުރުމުގެ ފުރުސަތުގެ އިތުރުން 2027 ގެ ވޯލްޑް ކަޕުން ޖާގަ ކަށަވަރުވާނެއެވެ. ވޯލްޑް ކަޕްގެ ތިންވަނަ ޖާގަ ލިބޭނީ ލޯ މެޑަލް މެޗުން މޮޅުވާ ޓީމަކަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!