އީރާނުގެ އަސްކަރިއްޔާއިން ދުޝްމަނުންނަށް ހައިރާންކުރުވަނިވި އައު ކަންތައްތަކެއް ތައްޔާރުކޮށްފައިވާ ކަމަށާއި، އެ ޤައުމުގެ އަސްކަރީ ޤާބިލުކަމާއި ހޯދުންތައް "ވަގުތު ޖެހުމުން" ހާމަވެގެންދާނެ ކަމަށް އެ ޤައުމުގެ ކެއަރޓޭކަރ ޑިފެންސް މިނިސްޓަރ ބްރިގޭޑިއަރ ޖެނެރަލް މަޖީދު އިބްނު އަލްރިޟާ ވިދާޅުވެއްޖެއެވެ.
ހުކުރު ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޖެނެރަލް އިބްނު އަލްރިޟާ ވިދާޅުވީ، މިވަގުތު އެ ހައިރާންކުރުވަނިވި ކަންކަމުގެ ތަފްޞީލު ހާމަކުރެވެން ނެތް ނަމަވެސް، އީރާނުގެ ޢިލްމުވެރިންނާއި ޒުވާނުން އަދި ދިފާޢީ ޞިނާޢަތުގައި ކުރެވެމުންދާ މަސައްކަތްތަކުން ''އިރާދަކުރެއްވިއްޔާ'' ރަނގަޅު ކަންތައްތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ޚާއްޞަކޮށް ދުޝްމަނުންނަށް އީރާނުގެ މި ހައިރާންކުރުވަނިވި ކަންކަން އެކަށީގެންވާ ވަގުތުގައި އެނގިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ބުރާސްފަތި ދުވަހު ދެއްވި ވަކި މެސެޖެއްގައި ޖެނެރަލް އިބްނު އަލްރިޟާ ވިދާޅުވީ، ހަނގުރާމައިގެ މައިދާނުގައި އީރާނުން ދައްކަމުންދާ ޢަމަލުތަކުގެ ސަބަބުން ސަރަޙައްދުގެ ބާރުގެ ހަމަހަމަކަން ބަދަލުވެފައިވާ ކަމަށެވެ. އަދި "ހަމަލާދީފައި ފިލުމާއި"، ކަނޑު ހުރަސްކޮށް ސިފައިން ފޮނުވުމާއި، ބިރުދެއްކުމުގެ ޒަމާން މިހާރު މާޒީވެފައިވާކަން އީރާނުން ސާބިތުކޮށްދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، މީޑިއާތަކުގައި ދައްކާ މަޖާ ދެއްކުންތަކުން ހަނގުރާމައިގެ މައިދާނުގެ ޙަޤީޤަތް ނުވަތަ ކާމިޔާބު ހޯދާ ފަރާތް ބަދަލުނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އީރާނުގެ ރައްޔިތުންނާ ވާހަކަދައްކަން ޖެހޭނީ އިޙްތިރާމާއެކުކަން ދެނެގަތުމަށްޓަކައި، ހާސް އަހަރުވީ އީރާނުގެ ދިގު ތާރީޚު ދިރާސާކުރުމަށް ދުޝްމަނުންނަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!