ދުނިޔޭގައި ހަލުވިކަމާއިއެކު ގެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް އަސަރު ކުރާނެތީ، މި ދަނޑިވަޅަކީ މިނިމަމް ވޭޖް ކަނޑައެޅުމަށް އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށް މިނިމަމް ވޭޖް ބޯޑްގެ ރައީސާ މަރިޔަމް ހާލިދާ ވިދާޅުވެއްޖެއެވެ.

ހާލިދާ އެހެން ވިދާޅުވީ މިނިމަމް ވޭޖް ކަނޑައެޅުމާ ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުން މަޖިލީހުން މިރޭ ބޭއްވި ބައްދަލުވުމުގައެވެ.

Ad
rt

އެބައްދަލުވުމުގައި ހާލިދާ ވިދާޅުވީ މިނިމަމް ވޭޖް ބޯޑުގެ ޑިޒިޝަންތައް ނަގާގައި ވަނީ ކޮރޯނާ ވައިރަހުގެ ކުރިން ކަމަށާއި އެކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސޯދަށްވެސް އަސަރު ކުރާ ކަމަށެވެ. އެހެންކަމުން، ވައިރަހުގެ ސަބަބުން އިގްތިސާދަށް ކުރާ އަސަރުތަކަށް ރިއާޔަތް ކުރަން އެދޭ ކަމަށެވެ.

"ކޮރޯނާ ވައިރަސްގެ ސަބަބުން މުޅި ދުނިޔެއަށް އެބަ އިމްޕެކްޓް ކުރޭ. އަދި ރާއްޖެއަށް މާ ބޮޑަށް އިމްޕެކްޓް ކުރާނެ. އެހެން ވީމާ މިކަންކަމަށް މިވަގުތު އެބަ ރިއާޔަތް ކުރަން ޖެހޭ. އެހެން ވީމާ އަޅުގަނޑުމެންނަށް ފެންނަނީ މިއީ އެންމެ ރަނގަޅު ވަގުތެއް ނޫން މިނިމަމް ވޭޖެއް އިމްޕްލިމަންޓް ކުރަން،"

މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތް ކުރައްވާފައިވަނީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހަމަހަމަ ކަމާއެކު ލިބޭ އަދަދެއް ކަނޑައެޅުމަށް ކަމަށާއި، އެގޮތުން، މިނިމަމް ވޭޖް ކަނޑައެޅުމުގެ މަސައްކަތުގައި، ކުރި ދިރާސާތަކުން ވަޒީފާ އަދާ ކުރާ މީހުންނަށް 8،600 އަކީ ދެވޭނެ އަދަދެއް ނޫން ކަމަށް ޔަގީންވި ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ރާއްޖޭގައި ދިރިއުޅުމުގެ ބޭނުންތައް ފުއްދުމަށް 8،600 ރުފިޔާ އަކީ ރަނގަޅު އަދަދެއް ނޫން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށްވެސް އަސަރުތަކެއް ކުރާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، އެންމެ ކުޑަ އުޖޫރައެއް ކަނޑައަޅާއިރު، ސަރުކާރާއި މަޖިލީހުން އެކަންތައްތައް ބެލުން މުހިއްމު ކަމަށެވެ. އެއަށްފަހު ހާލިދާ ވިދާޅުވީ، މިއީ މިނިމަމް ވޭޖް ކަނޑައަޅަން އެންމެ ރަނގަޅު ދަނޑިވަޅެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މިނިމަމް ވޭޖެއް ކަނޑައެޅުމަށްޓަކައި ދިމާވި އެންމެ ބޮޑު ދައްޗަކީ، ޑޭޓާ ލިބުމުގައި ދިމާވި މައްސަލަތައް ކަމަށާއި، ނަމަވެސް ލިބެން ހުރި މައުލޫމާތަކާ އެކު މިނިމަމް ވޭޖް ކަނޑައެޅީ މިނިވަންކަމާ އެކު ކަމަށްވެސް އެބައްދަލުވުމުގައި އޭނާ ވިދާޅުވި އެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން މިނިމަމް ވޭޖެއް ކަނޑައެޅެން ބޭނުންވާ ކަމަށް މިނިސްޓަރު ފައްޔާޒު ވަނީ ވިދާޅުވެފަ އެވެ.