ރާއްޖޭގައި ހިންގާ ރިސޯޓުތަކުން ގާނޫނާ އެއްގޮތަށް ބޭރު ފައިސާ މާރުކުރަމުންދާއިރު، %78 ރިސޯޓުން ޑޮލަރު މާރުކުރުމުގެ ކަންކަން ރަނގަޅަށް ކުރިއަށް ގެންގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ކޮމްޕްލަޔަންސް ރިޕޯޓުން ދައްކައިފިއެވެ.
އެމްއެމްއޭއިން ހާމަކުރި ގޮތުގައި، ބޭރު ފައިސާގެ ގާނޫނުގެ ދަށުން ކަނޑައަޅާފައިވާ ގޮތަށް އެއްވެސް ގޮތަކަށް ބޭރު ފައިސާ މާރުނުކުރާ ރިސޯޓުތަކުގެ ނަންތައް އާންމުކުރުމުގެ މަސައްކަތް މަރުކަޒީ ބޭންކުން މިހާރު ވަނީ ފަށާފައެވެ. ނަން އާންމުކުރި ރިސޯޓުތަކަކީ ރަހާ ރިސޯޓާއި ސައުތު ޕާމް ރިސޯޓް މޯލްޑިވްސްއެވެ. މީގެ އިތުރުން، އެންމެ އެކަށީގެންވާ ގޮތެއްގައި ޑޮލަރު މާރުކުރުމުގެ ކަންތައްތައް ކުރިއަށް ނުގެންދަނީ %20 ރިސޯޓުން ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި %20 ރިސޯޓުތަކުގެ ތެރެއިން ގިނަ ތަންތަނުން އެކި ސަބަބުތަކާ ގުޅިގެން ކޮންސެޝަނެއް ދިނުމަށް އެދިފައިވީ ނަމަވެސް، އެ ފަރާތްތަކުންވެސް ކަނޑައެޅިފައިވާ އުސޫލުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާކުރުމަށް އެމްއެމްއޭއިން ވަނީ ހަނދާންކޮށްދީފައެވެ. އަދި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރަންޖެހޭ ފަރާތްތަކުން ގާނޫނާއި ގަވާއިދާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމަށް މަރުކަޒީ ބޭންކުން އިލްތިމާސްކުރެއެވެ.
ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދުގެ ތެރެއިން މިހާތަނަށް އެމްއެމްއޭގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް އެކަން ކުރުމަށް ފަހު ފުރުސަތު ދޭނެ ކަމަށް އެ އިދާރާއިން ބުންޏެވެ. މީގެ އިތުރުން މެދުފަންތީގެ ވިޔަފާރިތަކަށް ގާނޫނުގެ ތެރެއިން އިތުރު ފުރުސަތުދީ، ކޮމްޕްލަޔަންސް ރަނގަޅުކުރުމަށްޓަކައި އިތުރަށް ހޭލުންތެރިކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އަހަރެއްގެ މައްޗަށް 15 މިލިއަން ޑޮލަރަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ ވިޔަފާރިތަކުގެ ތެރެއިންވެސް ކޮންސެޝަން ހޯދުމަށް އެދިފައިވާ ފަރާތްތައް ހިމެނެއެވެ. އެހެންނަމަވެސް، މި ފަރާތްތަކަށް ގޮތެއް ނިންމޭނީ ގާނޫނަށް އިސްލާހު ގެނެސްގެން ކަމަށްވާތީ، ގާނޫނަށް އިސްލާހު ގެނައުމަށް މިހާރު ވަނީ ހުށަހަޅާފައެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މާރުކުރެވޭ ޑޮލަރުގެ %90 އެމްއެމްއޭއަށް ނަގާއިރު، އޭގެ ތެރެއިން %30 ދިވެހި ބޭންކުތަކަށް އިސްކަންދީގެން ބޭންކުތަކަށް ދޫކުރެއެވެ. މި ފައިސާ ބޭނުންކުރަނީ އާންމުންގެ ޒަރޫރީ ބޭނުންތަކަށާއި، ކާބޯތަކެތި އެތެރެކުރުން ފަދަ ކަންކަމަށް ހޭދަކުރުން ހިމެނެއެވެ. އަދި މި އަދަދުގެ ބޮޑު އިންސައްތައެއް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ ބޭރުފައިސާގެ އެހީތެރިކަން ދިނުމަށް ބޭނުންކުރެވެއެވެ. އެހެންކަމުން ރިސޯޓްތަކުން މާރުކުރެވޭ ޑޮލަރުގެ ސީދާ ފައިދާ އާއި ލާބަ ވިޔަފާރިތަކާއި ރައްޔިތުންނަށް ދަނީ ކުރަމުންނެވެ. މީގެ އިތުރުން އެމްއެމްއޭގައި ބަހައްޓާ ޑޮލަރުގެ ތެރެއިންވެސް ބޮޑުބައި ހޭދަކުރަނީ ގައުމަށް ބޭނުންވާ އަސާސީ މުދަލާއި ގޭހާއި ތެލާއި ބޭސްފަދަ ބާވަތްތައް އިމްޕޯޓްކުރުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!