ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް ވަދެ، އޯޓީޕީ ކޯޑު ހިއްސާކުރުމުން މަކަރާއި ހީލަތުން އެކައުންޓުން 92،000 ރުފިޔާ އަތުލި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިމަހުގެ 17 ވަނަ ދުވަހު މޯލްޑިވްސް ޕޮލިސް ސާވިސް (އެމްޕީއެސް) އަށް ހުށަހަޅާފައިވާ މިމައްސަލަ އާއި ގުޅޭގޮތުން، ފުލުހުން ބުނި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ޓެލެގްރާމް ގުރޫޕަކުން ދިމާވި މީހަކު ފޮނުވި ލިންކަކަށް އެކައުންޓުގެ ވެރިފަރާތް ވަނުމަށްފަހު، އޭނާއަށް ލިބުނު އޯޓީޕީ ކޯޑު ހިއްސާކުރުމާ ގުޅިގެންނެވެ. އެއާއެކު، އެކައުންޓުން ގޮތް ނޭނގޭ ޓްރާންސެކްޝަނެއް ހިންގައި، އޭނާގެ އެކައުންޓުގައި ހުރި 92،000 ރުފިޔާ މަކަރާއި ހީލަތުން ވަނީ އަތުލާފައެވެ.

Ad
rt

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު، ތަހުގީގުގެ ތެރެއިން ކުރެވުނު މަސައްކަތުން ފައިސާ ޖަމާކޮށްފައިވާ އެކައުންޓުގެ ވެރިފަރާތާއި، އެކަމުގައި ބައިވެރިވި އިތުރު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން 18 އޮގަސްޓު 2024 ގައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި، ފައިންޕާކް، މުޙައްމަދު ފަޒީލް (23އ) އާއި، ގދ. ފިޔޯރީ، ފައިންބީޗް، އަބްޝަރު ރަޝީދު (23އ) އެވެ. މި ދެ މީހުންނަކީ ވެސް މި ސްކޭމް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމުގެ ތުހުމަތު ކުރެވޭ ދެ މީހުން ކަމަށް ފުލުހުންގެ އިދާރާއިން ބުންޏެވެ.

ހައްޔަރުކުރެވުނު ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން، އެ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަދަ ފޭރުމުގެ މައްސަލަތައް ރާއްޖޭގައި އިތުރުވަމުންދާތީ، އާންމުން މިފަދަ ކަންކަމަށް ހޭލުންތެރިވެ ރައްކާތެރިވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް އޮންލައިންކޮށް ކުރެވޭ މުއާމަލާތްތަކުގައި ސަމާލުވުމަށް ފުލުހުން އެދެއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް ވެސް ފުލުހުންގެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.