ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ހާމަކޮށްފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މިއަދު މެދުރާއްޖެތެރެއާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެއެވެ. އަދި މި ސަރަހައްދުތަކުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މެދުރާއްޖެތެރެއާއި ދެކުނަށް ވިއްސާރަ ކުރާއިރު، މެޓް އޮފީހުން ބުނީ މިއަދު ހަވީރު 6:00 އާ ހަމައަށް އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރައި، ގުގުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ދުވަސްވަރު ވައިޖެހޭނެ ކަމަށް ލަފާކުރާ މިސްރާބަށް ބަލާއިރު، އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުންނެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށް ވައިޖެހޭނީ ދެކުނާއި ހުޅަނގުދެކުނުން ކަމަށް މެޓް އޮފީހުން ބުނެއެވެ.
- ވައިގެ ބާރުމިން: މުޅި ރާއްޖެއަށްވެސް އާންމުކޮށް ވައިގެ ބާރުމިން ހުންނާނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.
- ކަނޑުގެ ހާލަތު: ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ނަމަވެސް، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވެގެންދާނެއެވެ.
- ރާޅުގެ އުސްމިން: ކަނޑުތަކުގައި ރާޅުގެ އުސްމިން އުޅޭނީ 3 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ.
މެދުރާއްޖެތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!