ސެނެގާލް ގައުމީ ފުޓްބޯޅަ ޓީމުގެ އައު ކޯޗަކަށް ފްރާންސްގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޕެޓްރިކް ވިއޭރާ ހަމަޖައްސައިފިއެވެ.
އޭނާ މި މަގާމަށް ހަމަޖައްސާފައިވަނީ ވަޯލްޑް ކަޕްގެ ގަދަ 32 ގެ ބުރުން ސެނެގާލް ކެޓުމާ ގުޅިގެން މަގާމުން ވަކިކުރި ޕަޕޭ ތިއޯގެ ބަދަލުގައެވެ.
ސެނެގާލްގެ ފުޓްބޯޅަ އިދާރާއިން މިކަން އިއުލާނުކޮށްފައިވަނީ އިންސްޓަގްރާމް މެދުވެރިކޮށެވެ. ނަމަވެސް އުމުރުން 50 އަހަރުގެ ވިއޭރާ އެ ޓީމާއެކު ސޮއިކުރި އެއްބަސްވުމުގެ މުއްދަތާ ބެހޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ފްރާންސާއެކު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ވިއޭރާ ވަނީ އާސެނަލް، އިންޓަ މިލާން، އޭސީ މިލާން އަދި މެންޗެސްޓާ ސިޓީ ފަދަ ޔޫރަޕްގެ ނަން މަޝްހޫރު ކްލަބުތަކަށް ކުޅެ ކާމިޔާބީތައް ހޯދާފައެވެ. ނަމަވެސް، ކޯޗިންގ ކެރިއަރުގައި އޭނާއަށް އެފަދަ ބޮޑު ކާމިޔާބީއެއް އަދި ހޯދިފައެއް ނުވެއެވެ. މީގެ ކުރިން އޭނާ ވަނީ ނިއުޔޯކް ސިޓީ އެފްސީ، ނީސް، ކްރިސްޓަލް ޕެލަސް އަދި ސްޓްރާސްބޯގަށް ކޯޗުކަން ކޮށްދީފައެވެ. އެންމެ ފަހުން އިޓަލީގެ ޖެނޯއާގެ ކޯޗުކަމާ ހަވާލުވެ ރަނގަޅު ފެށުމަކަށް ފަހު، ސެރީ އޭ ގެ އެންމެ ފުލަށް އެ ޓީމު ވެއްޓުމުން އަހަރެއް ނުވަނީސް އޭނާ ވަނީ އެ މަގާމުން ވަކިކޮށްފައެވެ.
ވޯލްޑް ކަޕްގައި ބެލްޖިއަމް އަތުން ސެނެގާލް ބަލިވެ ކެޓީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނެޓަށް ވެފައި ވަނިކޮށް 2-0 އިން ކުރީގައި އޮއްވައެވެ. އަދި ގްރޫޕް ސްޓޭޖުގައި ފްރާންސް އަދި ނޯވޭ އަތުން ބަލިވެ ކެޓުމާ ގާތަށް ވެސް އެ ޓީމު ދިޔައެވެ. މި ނާކާމިޔާބީއާ ގުޅިގެން، 2024 ވަނަ އަހަރު ކޯޗުކަމާ ހަވާލުވި އުމުރުން 45 އަހަރުގެ ޕަޕޭ ތިއޯ އާއި އޭނާގެ ޓެކްނިކަލް ޓީމު ވަކިކުރީ ދެ ހަފްތާ ވެސް ނުވަނީހެވެ.
މި އަހަރު މޮރޮކޯގައި ބޭއްވުނު ބައްރުގެ މުބާރާތުގެ ތަށި ތިއޯގެ އިރުޝާދުގެ ދަށުން ސެނެގާލުން ކާމިޔާބު ކުރި ނަމަވެސް، ފަހުން ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކެފް) އިން ވަނީ އެ ނަތީޖާ ބާތިލުކޮށްފައެވެ. ސެނެގާލުން މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓް (ސީއޭއެސް) އަށް ހުށަހަޅާފައިވާ އިރު، މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!