ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވައިގެ ދިފާއީ ނިޒާމަށް މިސައިލްގެ ނުރައްކަލެއް ފާހަގަކުރެވި އެގައުމުގައި ދިރިއުޅޭ މީހުން ސަމާލު ވުމަށް އިންޒާރުގެ މެސެޖު ނެރެފިއެވެ.

އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރި ޕޯސްޓެއްގައިވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

Ad
rt

މި ހާދިސާއާ ގުޅިގެން ޔޫއޭއީގެ އިންޓީރިއާ މިނިސްޓްރީ އާއި ނޭޝަނަލް އިމަޖެންސީ ކްރައިސިސް އެންޑް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންސީއީއެމްއޭ) ގުޅިގެން ވަނީ އާންމުންގެ ފޯނުތަކަށް ސަލާމަތީ އިންޒާރު ފޮނުވާފައެވެ. ވަކިން ހާއްސަކޮށް ދުބާއީ އަދި ޝާރްޖާ ފަދަ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ވަނީ މި އިންޒާރުގެ މެސެޖުތައް ލިބިފައެވެ.

"މިހާރުގެ ހާލަތަށް ބަލައި، މިސައިލްގެ ނުރައްކަލެއް އޮތުމުން، ވީ އެންމެ އަވަހަކަށް ކައިރީގައި ހުރި ރައްކާތެރި އިމާރާތަކަށް ވަދެ ސަލާމަތްތެރިކަން ހޯދާށެވެ." އިންޓީރިއާ މިނިސްޓްރީން ފޮނުވި އިންޒާރުގައި ބުނެފަވެއެވެ.

މިއީ ފާއިތުވި މަސްތަކުގެ ތެރޭގައި އެ ގައުމުގައި މިފަދަ އިންޒާރެއް ދިން ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިދިޔަ ޖޫން މަހު ނުބައި އެލާމެއް އެޅުނު އިރު، ހަގީގީ އިންޒާރެއް އެންމެ ފަހުން ނެރެފައިވަނީ މެއި މަހުގައެވެ.

އެހެންނަމަވެސް، ކުޑައިރުކޮޅެއް ފަހުން ކަމާބެހޭ އިދާރާތަކުން ވަނީ ނުރައްކާ ފިލައިގޮސްފައިވާ ކަމަށް އިއުލާނުކޮށް، އާންމު ހާލަތަށް ރުޖޫއަވެފައިވާ ކަމަށް ބުނެފައެވެ. އަދި މި ހާދިސާގައި ބިމަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ރަސްމީ އެއްވެސް އިދާރާއަކުން ކޮށްފައެއް ނުވެއެވެ.

ޔޫއޭއީގެ ވައިގެ ސަލާމަތީ ކަންކަމުގައި 'ތާޑް' (THAAD) އަދި 'ޕެޓްރިއަޓް' ފަދަ ޒަމާނީ ދިފާއީ ނިޒާމުތައް ބޭނުންކުރަމުން އަންނައިރު، ކަމާބެހޭ ފަރާތްތަކުން ވަނީ ހަމައެކަނި ރަސްމީ މަސްދަރުތަކުން ދޭ މައުލޫމާތަށް އިތުބާރު ކުރުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.