މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ އީސްޓަން ކޮންފަރެންސްގެ އެއްވަނައިގައި އޮތް ދެ ޓީމު ބައްދަލުކުރި މެޗުގައި، ހާނީ މުޚްތާރު ޖެހި ދެ ލަނޑާއެކު 4-1 ގެ ނަތީޖާއަކުން ލިއޮނެލް މެސީގެ އިންޓަ މިއާމީ ބަލިކޮށް ނޭޝްވިލް އެސްސީ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

މިއީ މިދިޔަ އޮގަސްޓް 8 ގައި އުމުރުން 68 އަހަރުގައި މެސީގެ ބައްޕަ ޖޯޖް މަރުވި ފަހުން އޭނާ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން އޮގަސްޓް 12 ގައި ކްލަބް ލިއޯން އަތުން 3-2 އިން މިއާމީ ބަލިވި މެޗުގެ ދެވަނަ ހާފުގައި އޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅުނު ނަމަވެސް، އެ މެޗު ފަށާފައެއް ނުވެއެވެ.

Ad
rt

މެޗުގެ 16 ވަނަ މިނެޓުގައި އެލިއަސް ސާދު ދިން ޕާހަކުން ބޮލުން ޖަހައި ނޭޝްވިލް އަށް ލީޑު ނަގައިދިނީ އެންޑީ ނަޖާރެވެ. މެޗުގެ 23 ވަނަ މިނެޓުގައި މިއާމީއަށް ލިބުނު ޕެނަލްޓީއަކުން އެއްވަރުކުރަން މެސީއަށް ފުރުސަތު ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ނޭޝްވިލްގެ ކީޕަރު ބްރަޔަން ޝްވާކޭ ވަނީ ދިފާއުކޮށްފައެވެ. ރީބައުންސްވި ބޯޅަ ސާޖިއޯ ރެގީލޯން ގޯލުގެ ތެރެއަށް ފޮނުވާލި ނަމަވެސް، ޕެނަލްޓީ ޖެހުމުގެ ކުރިން އޭރިއާ ތެރެއަށް ވަދެފައިވާތީ އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.

ދެވަނަ ހާފު ފެށިގެން 48 ވަނަ މިނެޓުގައި ޓެލަސްކޯ ސެގޯވިއާ ޖެހި ލަނޑުން މިއާމީ އިން މެޗުގެ ނަތީޖާ އެއްވަރުކުރިއެވެ. ނަމަވެސް ހަމަ އެ މިނެޓުގައި ސާދުގެ އެހީތެރިކަމާއެކު މުޚްތާރު ވަނީ ލަނޑެއް ޖަހައި އަލުން ނޭޝްވިލް އަށް ލީޑު ހޯދައިދީފައެވެ. އޭގެ އަށް މިނެޓު ފަހުން، ސޭމް ސަރިޖް އޭނާގެ ފައިގެ ފުންނާބުން ޖެހި ލަނޑާއެކު ނަތީޖާ 3-1 އަށް ބަދަލުވިއެވެ. މިއީ ސަރިޖް މި ސީޒަނުގައި ކާމިޔާބުކުރި 12 ވަނަ ލަނޑެވެ.

މެޗުގެ 62 ވަނަ މިނެޓުގައި މިއާމީގެ ކީޕަރު ރޮކޯ ރިއޯސް-ނޯވޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މުޚްތާރު ވަނީ ނޭޝްވިލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ މެސީ އިންޓަ މިއާމީއާ ގުޅުނު ފަހުން އެ ޓީމުގެ މައްޗަށް ނޭޝްވިލް އިން ހޯދި ދެވަނަ މޮޅެވެ.