ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮން ކައިރީގައި، ކައިވެންޏަށް ތައްޔާރުވުމުގެ ގޮތުން ހަދަމުންދިޔަ އޭނާގެ އަމިއްލަ ގޭގެ ކައިރީގައި ހުއްޓައި، އިސްރާއީލުގެ ހައްދުފަހަނައެޅި ޖައްބާރު ވަޒަންވެރިން ބަޑިޖެހުމުގެ ސަބަބުން ފަލަސްތީނުގެ 27 އަހަރުގެ ނަރުހެއް މުޅި އުމުރަށް ވާގިނެތިފައިވާކަމަށް ފަލަސްތީނުގެ ނާސިންގ އެންޑް މިޑްވައިފަރީ އެސޯސިއޭޝަނުން ބުނެފިއެވެ.

ދުރާ ގަވަރމެންޓަލް ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ނަރުހެއް ކަމަށްވާ މުޙައްމަދު ނަބީލް އަލް މުތައްވަރުގެ ބުރަކައްޓަށް ބަޑިޖަހާފައިވަނީ ހެބްރޮންގެ އިރުއުތުރުން ސަޢީރުގެ އަލް-އުދައިސާ ސަރަޙައްދުގައި ހުންނަ އައުޓްޕޯސްޓަކުން އައި ހަތިޔާރުއެޅި ވަޒަންވެރިންނެވެ. އެ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަޒަން އެރުމުގެ ސަބަބުން އޭނާގެ ބުރުކަށީގެ ނާރުތަކަށް (ސްޕައިނަލް ކޯޑް) ބޮޑެތި ގެއްލުންތަކެއް ލިބި ދާއިމީ ގޮތެއްގައި ވާގިނެތިފައިވާ ކަމަށެވެ. އަލް މުތައްވަރަށް މިހާރު ހެބްރޮންގެ އަލް-އަހްލީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، އޭނާއަށް ޚާއްޞަ ނިއުރޮލޮޖިކަލް ފަރުވާ ބޭނުންވާ ކަމަށް ވަފާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވެއެވެ.

Ad
rt

ހޮސްޕިޓަލުގައި އޮވެ ވަފާ ނިއުސް އޭޖެންސީއަށް ދިން އިންޓަވިއުއެއްގައި އަލް މުތައްވަރު ބުނީ، މިފަދަ ބޮޑު އަނިޔާއެއް ލިބުނު ނަމަވެސް، ކައިވެނީގެ ކުރިން ނިންމުމަށް މަސައްކަތްކުރަމުންދިޔަ ގޭގައި ދިރިއުޅުމުގެ އަޒުމަށް ބަދަލެއް ނާންނަ ކަމަށެވެ. ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނި ގޮތުގައި ހުކުރު ދުވަހު ވަޒަންވެރިން އަލް-އުދައިސާގެ ގެތަކަށް ހަމަލާދީ އާންމުންނަށް ބަޑިޖެހި ހާދިސާގައި އަނިޔާވި ދެ މީހުންގެ ތެރޭގައި އަލް މުތައްވަރު ހިމެނެއެވެ. މި ހާދިސާގައި ޒުވާން އަންހެނެއްގެ ބޯވެސް ވަނީ ޒަޚަމްވެފައެވެ.

ސަޢީރު މުނިސިޕަލް ކައުންސިލްގެ މެންބަރެއް ކަމަށްވާ އަބްދުﷲ އަބޫ ޚާލިދު ވިދާޅުވި ގޮތުގައި، ހަމަލާދިން މީހުންނަކީ ހެބްރޮންގެ އިރުމަތީގައި ހިފާފައިވާ ފަލަސްތީނުގެ ބިމުގައި އަލަށް ގާއިމުކޮށްފައިވާ އިސްރާއީލު ވަޒަންވެރިންގެ އައުޓްޕޯސްޓަކުން އައި ބައެކެވެ. ފަލަސްތީނުގެ ނާސިންގ އެސޯސިއޭޝަނުން ވަނީ މިއީ ވަކިވަކިން ހިނގާ ހާދިސާއެއް ނޫން ކަމަށާއި، މިއީ ސިއްހީ ޚިދުމަތްތެރިންނާއި ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގާ ފުޅާ އަނިޔާވެރިކަމުގެ ބައެއް ކަމަށް ފާހަގަކޮށްފައެވެ. އަދި އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސް ހިމެނޭހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގުޅައި، ސިއްހީ ޚިދުމަތްތެރިންނަށް ދޭ ހަމަލާތައް ޑޮކިއުމެންޓްކޮށް އިންސާފު ހޯދުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

ހުޅަނގު އައްސޭރީގައި ވަޒަންވެރިންގެ އަނިޔާވެރިކަން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ފަލަސްތީނުގެ އޮފިޝަލުން ހާމަކުރާ ގޮތުގައި 2026 ވަނަ އަހަރުގެ މިހާތަނަށް ވަޒަންވެރިންގެ 1،476 ހަމަލާ ވަނީ ރެކޯޑުކުރެވިފައެވެ. އަދި މިއަހަރުގެ ތެރޭގައި ހުޅަނގު އައްމޭރުގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި ފަލަސްތީނުގެ 87 މީހުން ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން ހުކުރު ދުވަހު ހިނގި އެހެން ހާދިސާއެއްގައި، ބައިތު އުއްމަރުގެ ޖަބަލް އަލް-ޤަރްން ސަރަޙައްދުގައި އަމިއްލަ ބިމުގައި މަސައްކަތް ކުރަން ހުރި ހަމާދާ ކަވާމްލޭހް ނަމަކަށް ކިޔާ މީހެއްގެ ގައިމައްޗަށް ވަޒަންވެރިއަކު ކާރު ދުއްވައި އަނިޔާކުރުމަށްފަހު، އިސްރާއީލު ސިފައިން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.