އީރާނުގެ ހަނގުރާމަމަތީ މަތިންދާބޯޓުތައް ވެއްޓުމާ ގުޅިގެން އެ ގައުމުގެ ޕައިލެޓުންތަކެއް ގަތަރުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ގަތަރުން ދޮގުކޮށްފިއެވެ.

ގަތަރުން މިކަން ހާމަކޮށްފައި މިވަނީ ހަނގުރާމައިގެ ކުރީކޮޅު ވައްޓާލި ތިން ޕައިލެޓުން ދޫކޮށްލުމަށް އީރާނުގެ ޖެނެރަލަކު ގޮވާލެއްވުމާ ގުޅިގެންނެވެ.

Ad
rt

ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖިދް އަލް-އަންސާރީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ދޮގުކުރަށްވާފައެވެ. އަދި ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ޑިޕްލޮމެޓިކް ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ މިފަދަ ދަނޑިވަޅެއްގައި މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމުން ހައިރާންވެވަޑައިގަންނަވާކަމަށް ވިދާޅުވެފަވެއެވެ.

"އީރާނުގެ ޕައިލެޓުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް އަޅުގަނޑުމެން ކަނޑައެޅިގެން ދޮގުކުރަން. އަދި ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ޑިޕްލޮމެޓިކް ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ މިފަދަ ދަނޑިވަޅެއްގައި މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ފެތުރުމުން ހައިރާންވަން،" ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަޖިދް އަލް-އަންސާރީ ވިދާޅުވެފަވެއެވެ.

އަލް-އަންސާރީ އިތުރަށް ވިދާޅުވީ، ވެއްޓުނު ބޯޓުތަކުގެ ޕައިލެޓުން ހޯދުމުގެ މަސައްކަތް ގަތަރުގެ ރެސްކިއު ޓީމުތަކުން ފުރިހަމައަށް ކޮށްފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރެއިން ފެނުނު އެއް ޕައިލެޓެއްގެ ހަށިގަނޑު އީރާނާ ހަވާލުކުރުމުގެ ކަންކަން ވިލަރެސްކުރުމަށް އީރާނުގެ ކަމާބެހޭ ފަރާތްތަކާ މުއާމަލާތް ކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ފާއިތުވި އޭޕްރީލް މަހު ހިންގި ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގެ ތަފްސީލު ހިއްސާކުރުމަށް އީރާނުގެ ޓީމަކަށް ގަތަރަށް ޒިޔާރަތްކުރުމުގެ ދައުވަތު ދީފައިވާނެ ކަމަށާއި، ނަމަވެސް މިއަދާ ހަމައަށްވެސް އެ ދައުވަތަށް އީރާނުން ޖަވާބެއް ދީފައިނުވާ ކަމަށް އަލް-އަންސާރީ ފާހަގަކުރެއްވިއެވެ.

ފާރސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުގެ އަސްކަރިއްޔާގެ ޖެނެރަލް މުޙައްމަދު ބާގިރްޒާދާ މީގެކުރިން ވިދާޅުވެފައިވަނީ، ހަނގުރާމައިގެ ތެރޭގައި އެ ގައުމުގެ އެސްޔޫ-24 މަރުކާގެ މަތިންދާބޯޓުތައް ވެއްޓުމުން ތިން ޕައިލެޓަކު ގަތަރުގެ ސިފައިން ދިރިތިއްބައި ހައްޔަރުކޮށްފައިވާ ކަމަށެވެ.