އިންޑޮނީޝިއާގެ އިރުމަތީގައި އޮންނަ ފްލޯރެސް އައިލެންޑް ކައިރިއަށް 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސް، އެ ސަރަހައްދަށް ސުނާމީގެ އިންޒާރު ނެރުމަށްފަހު ފަހުން އެ އިންޒާރު ކެންސަލްކޮށްފިއެވެ.
މި ބިންހެލުން އައިސްފައިވަނީ ރޭ ދަންވަރުގެ ވަގުތެއް ގައެވެ. މި ހާދިސާއާ ގުޅިގެން އިންޑޮނީޝިއާގެ މީޓިއޮރޮލޮޖީ، ކްލައިމަޓޮލޮޖީ، އެންޑް ޖިއޯފިޒިކްސް އެޖެންސީ (ބީއެމްކޭޖީ) އިން ވަނީ ސުނާމީގެ ބިރު އޮތް ކަމަށް ބަލައި ފްލޯރެސް އާއި އެ ސަރަހައްދުގެ ޖަޒީރާ ރަށްތައް ހިމެނޭ ގޮތަށް 22 ސަރަހައްދަކަށް އިންޒާރު ނެރެފައެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި މި ބިންހެލުމުގެ އަސަރުކުރީ އިރުމަތީ ނޫސާ ޓެންގަރާ ޕްރޮވިންސްގެ އެންޑޭ ސިޓީގެ އުތުރު-ހުޅަނގުން 68 ކިލޯމީޓަރު (42 މޭލު) ދުރުގައެވެ. އަދި ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރުގެ ފުނުން ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
މި ބިންހެލުމުގެ ސަބަބުން އިންޑިއާ ކަނޑުގެ ޤައުމުތަކަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މޯލްޑިވްސް މެޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) އިންވެސް ވަނީ ހާމަކޮށްފަ އެވެ. މެޓް އޮފީހުން ބުނިގޮތުގައި ބިންހެލުމުގެ ބާރުމިން ހުރީ 7.6 މެގްނިޓިއުޑްގައެވެ.
ބިންހެލުމަށްފަހު ފުރަތަމަ 45 މިނެޓު ތެރޭގައި 5.5 އިން 6.1 މެގްނިޓިއުޑާ ދެމެދުގެ ބާރުމިނުގައި ހަތަރު އާފްޓާޝޮކެއް އައިސްފައިވެއެވެ. އޭގެތެރެއިން އެންމެ ބޮޑު އާފްޓާޝޮކެއްގެ ބާރުމިނަކީ 6.1 މެގްނިޓިއުޑެވެ.
ބީއެމްކޭޖީން ލަފާކޮށްފައިވާ ގޮތުގައި ސުނާމީގެ ރާޅުތައް އެ ސަރަހައްދަށް ފޯރާނެ ކަމަށް ބެލެވުނީ ރާއްޖެ ގަޑިން ދަންވަރު 3:02 އިން 4:41 އާ ދެމެދުގެ ވަގުތެއްގައެވެ. ނަމަވެސް އިންޒާރު ދިންތާ އިރުކޮޅެއް ފަހުން މިހާރު ވަނީ ސުނާމީގެ ބިރެއް ނެތް ކަމަށް ކަނޑައަޅައި، އެ އިންޒާރު ރަސްމީކޮށް ކެންސަލްކޮށްފައެވެ.
އިންޑޮނީޝިއާ އާއި އެ ގައުމާ ޖެހިގެން އޮންނަ ސަރަހައްދުތަކަކީ ޖަޕާނުން ފެށިގެން އިރުދެކުނު އޭޝިއާއާއި ޕެސިފިކް ކަނޑުގެ ސަރަހައްދަށް ފެތުރިފައިވާ، ބިންހެލުންތައް އާންމުކޮށް އަންނަ "ޕެސިފިކް ރިންގް އޮފް ފަޔާ" ގައި ހިމެނޭ ސަރަހައްދެކެވެ.
މި ސަރަހައްދަކީ މީގެކުރިންވެސް ބިންހެލުންތައް ތަޖުރިބާކޮށްފައިވާ ސަރަހައްދެކެވެ. އެގޮތުން 2021 ވަނަ އަހަރުގެ ޑިސެންބަރު މަހު ހަމަ މި ސަރަހައްދަށް 7.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައި ނަމަވެސް، އެ ފަހަރު ބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް 1992 ވަނަ އަހަރު ފްލޯރެސްއަށް އައި ބޮޑު ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީގެ ސަބަބުން 2،500 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!