ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) ގެ ވަޒީފާތައް އަދިވެސް މަދުކުރަންޖެހޭ ކަމަށާއި، އެއްވެސް މަސައްކަތެއް ނުކޮށް ރައްޔިތުންގެ ފައިސާ ލިބޭ ގޮތަށް މީހުން ވަޒީފާގައި ބޭތިއްބުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން ވިދާޅުވެއްޖެއެވެ.
އަޒާން މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ފެނަކަ ބްރާންޗުން ބައެއް ވަގުތީ މުވައްޒަފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ދެކެވެމުން އަންނަ ވާހަކަތަކަށް އަލިއަޅުވާލާ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
މެންބަރު އަޒާން ވިދާޅުވީ، އައްޑޫ ސިޓީގެ ފެނަކަ ޕްރޮޖެކްޓުތަކަށް ކަމަށް ބުނެ ނަގާފައިވާ ބައެއް ވަގުތީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުންތައް ނިމުމަކަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު އޭނާއަށްވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ އައްޑޫ ތަމްސީލުކުރައްވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަޖިލީސް މެންބަރުންނާ މަޝްވަރާކުރުމަށްފަހު ކަމަށް ވިދާޅުވެ، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ފަތުރައްވަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް އަޒާން ތުހުމަތުކުރެއްވިއެވެ.
އޭނާއާ މަޝްވަރާ ނުކުރި ނަމަވެސް، އެފަދަ މަޝްވަރާއެއް ކުރި ނަމަވެސް ލަފާދެއްވާނީ ފެނަކައިގެ މުވައްޒަފުން މަދުކުރުމަށް ކަމަށް އަޒާން ވިދާޅުވިއެވެ. "މަސައްކަތެއް ނުކޮށް، ރައްޔިތުންގެ ފައިސާ ލިބޭގޮތަށް އެއްވެސް ތަނެއްގައި އެއްވެސް ބަޔަކު ތިބުމަކީ އަޅުގަނޑު ގަބޫލު ކުރާ ހަމައެއް ނޫން،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ވާހަކަ މިގޮތަށް ދައްކަވަނީ ފަހުން އިންތިހާބަކަށް ކުރިމަތިލައްވައި ވޯޓު ހޯއްދަވަން ވަޑައިގަންނަވާއިރު، މިއަދު ވަޒީފާ ގެއްލޭ ފަރާތްތަކާ ކުރިމަތިލާން ޖެހޭނެކަން އެނގިހުރެ ކަމަށްވެސް އަޒާން ފާހަގަކުރެއްވިއެވެ.
ފެނަކަ އާއި ސަރުކާރު ހިއްސާވާ އެހެނިހެން ކުންފުނިތަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް މީހުން ވެއްދުމުގެ ސަބަބުން އޭގެ ގެއްލުން ހުރިހާ ރައްޔިތުންނަށް ކުރަމުންދާ ކަމަށް އަޒާން ވިދާޅުވިއެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ޕްރޮޖެކްޓުތައް ހިންގުމަށް ކަމަށް ބުނެ، އެކަށީގެންވާ މަސައްކަތުގެ މަސްއޫލިއްޔަތެއް ނެތި އެތައް ބަޔަކަށް ވަޒީފާ ދީފައިވާ ކަމަށާއި، އޭގެ ސަބަބުން ގައުމަށް އެކި ގޮތްގޮތުން ގެއްލުންވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިކަމުގެ މިސާލެއް ދައްކަވަމުން އަޒާން ވިދާޅުވީ، ކުރިން އުފެއްދުންތެރި މަސައްކަތެއް ކަމަށްވާ މަސްވެރިކަމުގައި އުޅުނު މީހަކު، ކުއްލިއަކަށް މަހަށް ދިއުން ހުއްޓާލައި ފެނަކައިގެ "ސުޕަވައިޒަރަކަށް" ބަދަލުވުމުން މަސްވެރިކަމުގެ ދާއިރާއިން އެކަކު މަދުވާ ކަމަށެވެ. މީގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަމަށް ހިއްސާކުރާ މީހެއްގެ މަސައްކަތް ހުއްޓިގެންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަޒާން އިތުރަށް ވިދާޅުވީ، ފެނަކައިގެ "ސުޕަވައިޒަރުގެ" މަގާމުގައި ހުރެގެން ކުރާ މަސައްކަތުން ގައުމުގެ އުފެއްދުންތެރިކަމަށް އެއްވެސް އިތުރުވުމެއް ނާންނަ ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ މުވައްޒަފުންނަށް މުސާރަ ދޭން ޖެހެނީ ބުރަ މަސައްކަތް ކޮށްގެން ޓެކްސް ދައްކާ އެހެން ރައްޔިތުންގެ ފައިސާއިން ކަމަށާއި، މިއީ އުފެއްދުންތެރިކަމަށް ހިއްސާ ނުކުރާ ވަޒީފާތައް އިތުރުކޮށް ރައްޔިތުންގެ ޓެކްސް ފައިސާ ބޭކާރުކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ކޮންމެ ގޮތަކަށް ބެލިކަމުގައި ވިޔަސް އިންސާފުވެރި އަދި ހަމަޖެހޭ އުސޫލެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފެނަކައަށް މުވައްޒަފުން ވެއްދުމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުގައި، މުވައްޒަފުން ނަގާފައިވާ ގޮތުގެ ތަފްސީލުތައް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މީގެ ފަހުން އެގޮތަށް މުވައްޒަފުން ނުނެގުމަށް އަންގައި، ފެނަކައިގެ ރެކްރޫޓްމެންޓް ޕޮލިސީތައް އިސްލާހުކުރުމަށް އެ ކުންފުންޏަށް އަންގާފައިކަމަށްވެސް އަޒާން ވިދާޅިވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!