ފްރާންސުން އުފައްދާ ރަފޭލް މަރުކާގެ 114 ހަނގުރާމަމަތީ މަތިންދާބޯޓު ހޯދުމަށް 35 ބިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމަކަށް އިންޑިއާއިން ތައްޔާރުވަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި އެއްބަސްވުމުގެ ދަށުން ގަންނަ ގިނަ މަތިންދާބޯޓުތައް އުފެއްދުމަށް ހަމަޖެހިފައިވަނީ އިންޑިއާގައެވެ.
ރިޕޯޓްތައް ބުނާގޮތުގައި ފްރާންސުން ހުށަހަޅާފައިވާ ޓެކްނިކަލް އަދި ކޮމާޝަލް ޕްރޮޕޯޒަލްގައިވާ ގޮތުން، ފުރަތަމަ 20 ރަފޭލް މަތިންދާބޯޓު ފޯރުކޮށްދޭނީ ފްރާންސުންނެވެ. އަދި ބާކީ 94 މަތިންދާބޯޓު އިންޑިއާގެ ކުންފުނިތަކާ ގުޅިގެން އިންޑިއާގައި އުފެއްދުމުގެ ފުރުސަތު ދިނުމަށް ވަނީ ހުށަހަޅާފައެވެ. މި އިއްތިހާދުގެ ސަބަބުން އިންޑިއާ ވެގެންދާނީ ރަފޭލް މަތިންދާބޯޓު އުފެއްދުމުގެ މުހިންމު މަރުކަޒަކަށެވެ.
އިންޑިއާގެ ދިފާއީ ވަޒީރުގެ ސެކްރެޓަރީ ރާޖޭޝް ކުމާރު ސިންގް ވަނީ ރޫސީވިލާތުގެ ސޫކޯއި-57 މަތިންދާބޯޓު އިތުރަށް ގަތުމުގެ ވިސްނުމެއް ނެތްކަން ހާމަކުރައްވާފައެވެ. މިއާއެކު، އިންޑިއާގެ ވައިގެ ސިފައިންގެ ފްލީޓު ވަރުގަދަކުރުމަށް އެންމެ އިސްކަމެއް ދެވޭ އޮޕްޝަނަކަށް ރަފޭލް ވަނީ ވެފައެވެ. އިންޑިއާއިން މިހާރުވެސް 36 ރަފޭލް މަތިންދާބޯޓު ބޭނުންކުރަމުންދާއިރު، އޭޕްރީލް 2025 ގައި ވަނީ ކަނޑުގެ ސިފައިންނަށް 26 ރަފޭލް މެރިން މަތިންދާބޯޓު ގަތުމަށް 7.4 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި ދަނޑިވަޅަކީ އުތުރު އެފްރިކާގެ ގައުމުތަކުންވެސް އެގައުމުތަކުގެ ވައިގެ ދިފާއީ ބާރުތައް ވަރުގަދަކުރުމަށް މަސައްކަތް ކުރަމުންދާ ވަގުތެކެވެ. އެގޮތުން މިސްރުން ވަނީ އިތުރު ރަފޭލް މަތިންދާބޯޓު ހޯދައި، އެ ގައުމުގެ ފްލީޓު 54 ބޯޓަށް އިތުރުކުރުމަށް ނިންމާފައެވެ. މިއާއެކު މިސްރު ވެގެންގޮސްފައިވަނީ އެފްރިކާގައި ރަފޭލް މަތިންދާބޯޓު އެންމެ ގިނައިން ބޭނުންކުރާ ގައުމަށެވެ.
އަނެއްކޮޅުން، މޮރޮކޯއިން ދަނީ އެމެރިކާގެ އެފް-35 އަދި ފްރާންސުގެ ރަފޭލް މަތިންދާބޯޓު ގަތުމުގެ ފުރުސަތުތައް ދިރާސާކުރަމުންނެވެ. އަދި އަލްޖީރިއާއިން ވަނީ ރޫސީވިލާތުގެ ފަސްވަނަ ޖީލުގެ ސޫކޯއި-57އީ މަތިންދާބޯޓު ގަތުމަށް ނިންމައި، އެ މަތިންދާބޯޓު ގަންނަ ފުރަތަމަ ބޭރު ގައުމަށް ވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!