އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ބެހޭގޮތުން ދުނިޔެއަށް ނަސޭހަތްދިނުން ފްރާންސް ފަދަ ހުޅަނގުގެ ޤައުމުތަކުން ހުއްޓާލަންޖެހޭ ކަމަށް އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އިރާނުގެ ދާޚިލީ ކަންކަމާ މެދު ހުޅަނގުގެ ޤައުމުތަކުން ފާޑުކިޔަމުންދާއިރު، ޣައްޒާގައި ނަސްލު ނައްތާލައި، އިސްރާއީލުން ހިންގާ ލާއިންސާނީ ޖަރީމާތަކަށް އެ ފަރާތްތަކުން ފިޔަވަޅުު ނާޅާކަމަށް ވިދާޅުވަމުންނެވެ.

Ad
rt

އިރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ފްރާންސް ފަދަ ޤައުމުތަކުން އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ބެހޭގޮތުން ދުނިޔެއަށް ނަސޭހަތްދިނުން ހުއްޓާލަންޖެހޭކަމަށް ވިދާޅުވެ އެއީ މުނާފިގުންގެ ގޮތުގައި ސިފަކުރަށްވާފައެވެ.

"ފްރާންސް ފަދަ ޤައުމުތަކުން އިންސާނީ ޙައްޤުތަކާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ބެހޭގޮތުން ދުނިޔެއަށް ނަސޭހަތްދިނުން ހުއްޓާލަންޖެހޭ. މިއީ ފާޅުކަން ބޮޑު މުނާފިޤުކަމެއް،" އަރާގްޗީ ވިދާޅުވެފަވެއެވެ.

އަދި ޣައްޒާގައި އިސްރާއީލުން ހިންގާ ޤަތުލުޢާއްމަށާއި އިރާނާ ދެކޮޅަށް ހިންގާ އުދައްގޫތަކަށް ފްރާންސުން ވާގިވެރިވުމުގެ ސަބަބުން، އަޚްލާޤީ ގޮތުން އެ މީހުންނަށް ލިބިގެންވާ ކަމަށް ދައުވާކުރި ހުރިހާ މަތިވެރިކަމެއް ނެތިގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަރާގްޗީ މިހެން ވިދާޅުވެފައިވަނީ އިރާނުގައި މުޒާހަރާކުރި މީހުންނަށް މަރުގެ އަދަބު ދިނުން ކުށްވެރިކޮށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި މުއާހަދާގެ 20 ޤައުމަކުން ގުޅިގެން ބަޔާނެއް ނެރެފައިވާ ކަމަށް ފްރާންސުން ކަށަވަރުކޮށްދިން ފަހުންނެވެ. އެ ބަޔާނުގައި އެ ޤައުމުތަކުން ވަނީ އިންސާނީ ޙައްޤުތަކަށް މުރާޖައާކުރުމަށާއި، މަރުގެ އަދަބު ދިނުން ހުއްޓާލުމަށާއި، ނާޖާއިޒު ގޮތްގޮތަށް ހައްޔަރުކޮށްފައިވާ މީހުން ދޫކޮށްލުމަށް އިރާނަށް ގޮވާލާފައެވެ.

މި ދަނޑިވަޅުގައި ޣައްޒާގެ މަޝްރަޙު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ. ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހާމަކުރި ގޮތުގައި، އިސްރާއީލުގެ ހަނގުރާމަ ފެށުނީއްސުރެ 9,500 އަށްވުރެ ގިނަ ފަލަސްތީނުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. އޭގެ ތެރޭގައި ސިލްސިލާ ހަމަލާތަކުގައި ސިކުނޑިތަކުގެ ދަށުގައި ތާށިވެފައިވާ މީހުންނާއި ވީނުވީއެއް ނޭނގޭ މީހުން ހިމެނެއެވެ.

އަދި 2025 ވަނަ އަހަރުގެ އޮކްޓޯބަރު 10 ގައި އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއް އަމަލުކުރަން ފެށިނަމަވެސް، އިސްރާއީލު ސައިންސުން ދަނީ ޣައްޒާގެ ތަފާތު ސަރަހައްދުތަކަށް ހަމަލާތައް ދެމުންނެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި އެއްބަސްވުމަށްފަހުވެސް އިސްރާއީލުގެ ހަމަލާތަކުގައި މަދުވެގެން 1,258 ފަލަސްތީނުން މަރުވެ، 4,139 މީހުން ވަނީ ޒަޚަމްވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާއްމުގައި މިހާތަނަށް 73,000 އަށްވުރެ ގިނަ ފަލަސްތީނުން މަރުވެ، 174,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި މި ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އުމްރާނީ ވަސީލަތްތަކުގެ 90 އިންސައްތަ ވަނީ ސިލްސިލާކޮށް ހަލާކުވެފައެވެ.