ކޮލަމްބިއާގެ އާ ސަރުކާރުން ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ސިޔާދަތީ ބާރު ހިނގާ ތަނެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެން ދުވަހު އެ ގައުމުގެ ހުޅަނގު ސަރަހައްދަށް ރިކްޓަރ މިންގަނޑުން 7.4 ގެ ބާރުގަދަ ބިންހެލުމެއް ވަނީ އައިސްފައެވެ.

Ad
rt

ކޮލަމްބިއާގެ އާ ރައީސް އަބެލާޑޯ ޑި ލާ އެސްޕްރިއޭލާގެ ސަރުކާރުން ގޯލާން ހައިޓްސްއަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތީ 10 އޮގަސްޓް 2026 ގައެވެ. މިއީ ކޮލަމްބިއާއަށް ބާރުގަދަ ބިންހެލުން އައި ދުވަހާ ދިމާވި ނިންމުމެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބިންހެލުން އައި ވަގުތު އިސްރާއީލުގެ ހާރިޖީ ވަޒީރު ގިޑިއޮން ސާރް ވެސް ކޮލަމްބިއާގައި ހުއްޓެވެ.

މި ބިންހެލުން އައީ ކޮލަމްބިއާގެ ހުޅަނގު ސަރަހައްދުގެ ޗޮކޯ ޑިޕާޓްމަންޓްގެ ސަން ހޯސޭ ޑެލް ޕަލްމާ ކައިރިއަށް، 10 އޮގަސްޓް 2026 ވީ ހޯމަ ދުވަހު އެ ގައުމުގެ ގަޑިން 07:34 ގައި (12:34 ޔޫ.ޓީ.ސީ ގައި) އެވެ.

7.4 ގެ ބާރުމިނުގައި އައި މި ބިންހެލުން އުފެދިފައިވަނީ ބިމުގެ އަޑިން ގާތްގަނޑަކަށް 82 އާއި 110 ކިލޯމީޓަރު ދުުރުމިނުގައެވެ. މީގެ ފަހުން 50 އަށްވުރެ ގިނަ ލޮޅުންތައް (އާފްޓަރޝޮކްސް) އައިސްފައިވާއިރު، މި ލޮޅުންތަކުގެ އަސަރު ހުޅަނގާއި މެދުތެރޭގެ ސަރަހައްދުތަކުގެ އިތުރުން އަވަށްޓެރި އިކުއެޑޯ އަދި ޕެނަމާއަށްވެސް ވަނީ ކޮށްފައެވެ.

މި ކާރިސާގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެ، 1,200 އާއި 1,490 އާ ދެމެދުގެ އަދަދަކަށް މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން އެތައް ހާސް ބަޔަކު ވީނުވީއެއް ނޭނގި ގެއްލިފައިވާއިރު، ކަމާބެހޭ ސަރަހައްދީ އިދާރާތަކުން ދަނީ ގެއްލިފައިވާ މީހުންގެ ރަޖިސްޓްރީތައް ބަލައި، އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ބިންހެލުމުގައި ގާތްގަނޑަކަށް 5,000 އަށްވުރެ ގިނަ އާންމުން ދިރިއުޅޭ ގެދޮރަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު، އޭގެ ތެރެއިން 400 އެއްހާ ގެ ވަނީ މުޅިން ސުންނާފަތިވެފައެވެ. އަދި ގިނަ ބުރިތަކަށް ހަދާފައިވާ އެތައް އިމާރާތެއް ވަނީ ބިމާހަމަވެފައެވެ.

މި ބިންހެލުމުގައި ހަ ޑިޕާޓްމަންޓެއްގައި ހުރި 24 އަށްވުރެ ގިނަ ސިއްހީ މަރުކަޒުތަކުގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ކާލީ ސިޓީގައި ހުންނަ ޔުނިވަރސިޓީ ހޮސްޕިޓަލް އޮފް ވެލޭގެ ބައެއް ބައިތައް (ކުޑަކުދިންގެ ވޯޑާއި ހިތުގެ ބަލިތަކަށް ހާއްސަ ވޯޑު ހިމެނޭގޮތަށް) ވަނީ ބައެއް ހިސާބުތަކުން އިނދެޖެހިފައެވެ. މީގެ ސަބަބުން ބަލިމީހުން ތާށިވެ، ކުއްލި ހާލަތުގައި މީހުން ހުސްކުރަން ޖެހުނެވެ.

މި ސަރަހައްދުގެ ވައިގެ ދަތުރުފަތުރު ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު، ޕެރޭރާ، މަނިޒާލެސް، އަރްމީނިއާ އަދި ބުއެނަވެންޗޫރާގެ އެއާޕޯޓުތައް ވަނީ ހަމައެކަނި ރަސްމީ ސިއްހީ އަދި އެހީގެ ހިދުމަތްތަކަށް ހާއްސަކޮށްފައެވެ. ޕެސިފިކް ކަނޑުގެ މައިގަނޑު ބަނދަރުތައް، އޭގެ ތެރޭގައި ބުއެނަވެންޗޫރާ ހިމެނޭގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަދިވެސް ދަނީ ހިދުމަތް ދެމުންނެވެ.

މި ބިންހެލުމާއެކު ކޮލަންބިއާގެ އާ ރައީސް އަބެލާޑޯ ޑެ ލާ އެސްޕްރިއޭލާ ވަނީ މުޅި ގައުމުގައި ކުއްލި ހާލަތު އިއުލާނުކުރައްވައި، ސަލާމަތްކުރުމުގެ މަސައްކަތްތައް ހަރުދަނާކޮށް ވިލަރެސްކުރުމަށްޓަކައި ޔުނިފައިޑް ކޮމާންޑް ޕޯސްޓެއް ގާއިމުކުރައްވާފައެވެ.

ގޯލާން ހައިޓްސް އަކީ މެދުއިރުމަތީގައި އޮތް، އަސްކަރީގޮތުންނާއި ފެނުގެ ވަސީލަތްތަކުގެ ގޮތުން ނުހަނު މުހިންމު ސީރިއާގެ ސަރަޙައްދެކެވެ. މިއީ 1967 ވަނަ އަހަރު ކުރެވުނު ހަނގުރާމައިގައި ސީރިއާ އަތުން އިޒްރޭލުން ހިފާފައިވާ އަދި ފަހުން އިސްރާއީލުގެ ބަޔެއްގެ ގޮތުގައި އެބައިމީހުން އިއުލާނުކޮށްފައިވާ އުސް ބިންތަކެކެވެ.