ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ހާމަކުރާ ގޮތުގައި، ކޮންމެ ދުވަހަކު ހޫނުފެން ބުއިމަކީ ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމެކެވެ. ހެނދުނު ހޭލައިގެން ހޫނު ފެންތައްޓެއް ބުއިމުން ލިބޭ ފައިދާތައް ރަނގަޅަށް އެނގޭނަމަ، އެކަން ދިރިއުޅުމުގެ އާދަޔަކަށް ނުހަދާނެ ހަމަ އެކަކުވެސް ނުހުންނާނެއެވެ. މިފަދަ ކުދިކުދި ކަންކަމަށް ސަމާލުކަން ދީގެން، ދިގު މުއްދަތަކަށް ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެވިދާނެއެވެ.
ހެނދުނު ހުސްބަނޑާ ހުރެ، ހޫނުފެން ނުވަތަ ތާފަނާ ފެން ބުއިމުން ހަޖަމު ކުރުން ރަނގަޅުވެދެއެވެ. ހޫނު ފެނުގެ ސަބަބުން ގޮހޮރުގެ މަަަަަސައްކަތްތައް އަވަސްކޮއްދީ، ކާބޯތަކެތި ފަސޭހައިން ޙަޖަމު ކުރުމަށް އެހީތެރިވެދެއެވެ. ބަރުދަން ލުއި ކުރުމަށް ބޭނުންވާ މީހުން ވެސް ދުވަހުގެ ފެށުމަކަށް ތާފަނާ ފެން ބުއިމުން ހަށިގަނޑުގެ މެޓަބޮލިޒަމް އަވަސްވެ، ސަރުބީ ވިރުވުމަށް ބާރުއަޅާނެއެވެ. މީގެ އިތުރުން ހުސްބަނޑާހުރެ ހޫނުފެން ބުއިމަކީ ބަނޑުހަރުވުމުގެ މައްސަލައަށް އޮތް ޙައްލެއްކަމަށް ޞިއްޙީ މާހިރުން ބުނެއެވެ.
ތާފަނާ ފެންބުއިމުން ހަށިގަނޑުގައި ލޭ ދައުރުވުމުގެ ނިޒާމު ހަލުވި ވެގެން ދެއެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސްތަކަށް އަރާމުލިބި، ލޭގެ ޕްރެޝަރ ކޮންޓްރޯލް ކުރުމަށް އެހީވެދެއެވެ.
ތަދުތަކަށް ލުއި ދިނުމުގައި ހޫނުފެނުގެ ދައުރު ނުހަނު ބޮޑެވެ. ޚާއްސަކޮށް ބަނޑުގައި ރިއްސުމާއި، މަސްތަކުގައި ރިއްސުން އަދި އަންހެނުންގެ ޕީރިއަޑްގެ ދުވަސްވަރު ދަށްބަނޑުގައި އަޅާ ވޭނަށް ހޫނު ފެން ބުއިމުން އަރާމު ލިބޭކަމަށް ތަޖުރިބާކާރުން ބުނެއެވެ. މީގެ އިތުރުން ކެއްސުމާއި އަރިދަފުސް ރޯގާއަށް ވެސް ހޫނުފެނަކީ ލުއިފަސޭހަ ފަރުވާއެކެވެ.
ހޫނުފެން ތައްޔާރު ކުރުމަކީ އުނދަގޫ ކަމެއް ނޫނެވެ. ގިނަ ވަގުތުތަކެއް ހޭދަ ކުރަން ޖެހޭ ކަމެއް ވެސް ނޫނެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. އެއީ މި އާދައަށް ނަފްސު ހާނާލާށެވެ. ބޮޑެތި ބަލިތަކާއި ގޮތް ނޭނގޭ ބަލިތަކުން ވެސް ދިފާޢުވާން ބައެއް ފަހަރު ސާފު ފެންތައްޓެއް ވެސް ފުދެއެވެ.
ކޮންމެ ދުވަހަކު ހޫނު ފެން ބުއިމުގެ ފައިދާތައް ޚުލާޞާކޮށް:
- ކޮންމެ ދުވަހަކު ހޫނުފެން ނުވަތަ ތާފަނާފެން ބުއިމަކީ، ސައިންޓިފިކް ދިރާސާތަކުން ސާބިތުވެފައިވާ ގޮތުގައި ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ ކަމެއް، މައިގަނޑު ފައިދާތަކަކީ ހަޖަމުކުރުމުގެ ނިޒާމަށާއި، ލޭދައުރުވުމަށާއި، އަދި މެޓަބޮލިޒަމް (ހަށިގަނޑުގައި ހަކަތަ އުފައްދައި ބޭނުންކުރާ މިންވަރު) ރަނގަޅުކުރުމަށް އެހީތެރިވެދިނުން،
- ހަޖަމުކުރުމުގެ ނިޒާމު ފުރިހަމައަށް މަސައްކަތްކުރުމަށް އެހީތެރިވެދޭ: ތާފަނާފެނަކީ ހަޖަމުކުރުމުގެ ނިޒާމު ފަސޭހަކޮށްދޭ ގުދުރަތީ ވަސީލަތެކެވެ. މިއީ ފިނިފެނާ އަޅާބަލާއިރު ކާނާ އަވަހަށް ގަދަކޮށް (ހަޖަމުކޮށް)، ހަށިގަނޑަށް ބޭނުންވާ މާއްދާތައް ދަމައިގަތުމަށް މަގުފަހިކޮށްދީ، އަދި ކެއުމަށްފަހު ބަނޑު ފުފުމާއި ވައިވުން ކުޑަކޮށްދޭ އެއްޗެކެވެ.
- ބަނޑުހިކުމުން ދުރުކޮށްދޭ: ބަނޑުހިކުމުގެ މައިގަނޑު ސަބަބަކީ ހަށިގަނޑުން ފެން މަދުވުމެވެ. ހޫނުފެން ބުއިމަކީ ގޮހޮރުގެ ހަރަކާތްތައް އަވަސްކޮށްދީ، ގޮހޮރުގައި ތާށިވެފައި ހުންނަ ނަޖިސް ބޭރުކުރުމަށް އެހީތެރިވެދީ، ގަވާއިދުން ބޮޑުކަމުދިއުމަށް މަގުފަހިކޮށްދޭ ކަމެކެވެ.
- ލޭދައުރުވުން ރަނގަޅުކޮށްދޭ: ހޫނުކަމުގެ ސަބަބުން ލޭހޮޅިތައް ފުޅާވެ (ވެސޯޑައިލޭޝަން)، ހަށިގަނޑުގެ މަސްތަކަށާއި ޓިޝޫތަކަށް ލެޔާއި އޮކްސިޖަން ފޯރުކޮށްދިނުން އިތުރުވެގެންދެއެވެ.
- ނޭފަތާއި ސައިނަސް ބެދުމުން ލުއިކޮށްދޭ: ހޫނުފެނުން އަރާ އާވީގެ ސަބަބުން ނޭފަތުގެ ހޮޅިތަކުގައާއި ނޭވާލާ ނިޒާމުގެ މަތީބައިގައި ޖަމާވެފައި ހުންނަ އަރިދަފުސްތައް ދިޔާވެ، ސައިނަސްގެ ޕްރެޝަރާއި ކަރުތެރެ ފާރުވުމަށް ލުއި ލިބިގެންދެއެވެ.
- މެޓަބޮލިޒަމް އަވަސްކޮށްދޭ: ތާފަނާފެން ބުއިމުން ހަށިގަނޑުގެ އެތެރޭގެ ފިނިހޫނުމިން ވަގުތީގޮތުން މައްޗަށްދެއެވެ. އަދި ހަށިގަނޑު އަލުން ފިނިކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި މެޓަބޮލިޒަމްގެ ދުވެލި ކޮންމެވެސް ވަރަކަށް އަވަސްވެގެންދެއެވެ.
- މަސްތައް ވާންވުމާއި ކުރުގެޅުން ކުޑަކޮށްދޭ: ހޫނުފެނުގެ ހޫނުކަމަކީ ހަށިގަނޑުގެ އެތެރޭގެ މަސްތައް ރިލެކްސްކޮށްދޭ (ދޫކޮށްދޭ) ކަމެކެވެ. މީގެ ސަބަބުން މައްސަރު ކަންތަކުގައި އަޅާ ވޭނާއި، ބަނޑުގެ މަސްތައް ވާންވުމާއި، އަދި ބޮލުގައި ރިއްސުމަށް ލުއި ލިބެއެވެ.
- ހަށިގަނޑުގައި ފެން ހިފެހެއްޓުމާއި ނިއުޓްރިއެންޓްސް ފޯރުކޮށްދިނުން އިތުރުކޮށްދޭ: ހަށިގަނޑަށް އެކަށޭނަ މިންވަރަށް ފެން ލިބުމަކީ ސެލްތަކުގެ މަސައްކަތްތައް ފުރިހަމަވެ، ހުޅުތަކުގެ ދުޅަހެޔޮކަން ދެމެހެއްޓި، އަދި ހަށިގަނޑުގެ ހުރިހާ ގުނަވަންތަކަކަށް ފައިދާހުރި މާއްދާތައް ފޯރުކޮށްދިނުމަށް ކޮންމެހެން މުހިންމު ކަމެކެވެ.
ނޯޓު: މިތަނުގައި "ހޫނުފެން" ކަމަށް ބުނެފައި އެވަނީ ބޯން ފަސޭހަ، ތާފަނާ ހޫނުމިނެއްގައި ހުންނަ ފެނަށެވެ. އާންމުކޮށް 120°F އާއި 140°F (49°C އާއި 60°C) ދެމެދުގެ ހޫނުމިނެވެ. އަނގަ ފިހޭވަރުގެ މާ ހޫނުފެން ބުއިމުން ދުރުހެލިވާށެވެ. ސަބަބަކީ 149°F (65°C) އަށްވުރެ މަތީ ހޫނުމިނުގެ ފެނުގެ ސަބަބުން ކާތަކެތިދާ ހޮޅި ފިހި، އަދި ދުލުގައިވާ ރަހަދެނެގަންނަ ބައިތަކަށް ގެއްލުން ލިބިދާނެތީއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!