ޔޫރަޕްގެ އެކި ގައުމުތަކުގައި ފަލަސްތީނަށް ތާއީދުކޮށް ކުރިއަށްގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން، ގްރީސްގެ ވެރިރަށް އެތެންސްގައި ބޮޑު އެއްވުމެއް ބާއްވައިފިއެވެ.

ގްރީސްގެ އެކި ސިޓީތަކުގައި ހަރަކާތްތެރިވާ އެކްޓިވިސްޓުންނާއި އިންތިޒާމްކުރާ ފަރާތްތަކުން އަންނަނީ "ޑޭ ފޯ ފަލަސްތީން" ނުވަތަ "ޑޭ އޮފް އެކްޝަން" ގެ ނަމުގައި ގަވާއިދުން މިފަދަ ހަރަކާތްތައް ހިންގަމުންނެވެ.

Ad
rt

މި މުޒާހަރާތަކުގެ ބައިވެރިން އާންމުކޮށް އެއްވަނީ އެތެންސްގެ މަރުކަޒީ ސަރަހައްދުތައް ކަމަށްވާ މޮނަސްޓިރާކީ ސްކޮޔަރ، ވިކްޓޯރިއާ ސްކޮޔަރ އަދި ގްރީސްގެ ޕާލަމަންޓް ކުރިމަތީގައި އޮންނަ ސިންޓަގްމާ ސްކޮޔަރަށެވެ. މުޒާހަރާގެ ބައިވެރިން ވަނީ އެތެންސްގައި ހުންނަ އިޒްރޭލު އެމްބަސީއަށާއި ގްރީސްގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ ހަމައަށް ހިނގާލުންތައް ބާއްވާފައެވެ.

ފަލަސްތީނުގެ ހައްގުގައި ގްރީސްގައި ބޭއްވި އެއްވުމެއްގެ ތެރެއިން، ފޮޓޯ: ރޮއިޓާސް

މި ހަރަކާތްތައް އިންތިޒާމްކުރަނީ ގްރީސްގައި ހަރަކާތްތެރިވާ ފަލަސްތީނުގެ ޖަމިއްޔާތަކާއި، ލޯކަލް ގްރާސްރޫޓް ޖަމިއްޔާތަކާއި، ޓްރޭޑް ޔޫނިއަންތަކުގެ އިތުރުން ވާތުފިޔަވީ ސިޔާސީ ޕާޓީތައް ގުޅިގެންނެވެ. މުޒާހަރާގެ ބައިވެރިން ބޮޑަށް ބާރުއަޅަމުންދަނީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވަމުންދާ އުދުވާންތައް ހުއްޓާލުމަށެވެ.

މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ޑިމާންޑްތަކުގެ ތެރޭގައި އިޒްރޭލުން ހިންގާ އަސްކަރީ އޮޕަރޭޝަންތައް ވަގުތުން ހުއްޓާލުމާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަހެއްނެތް ކޮރިޑޯތަކެއް ހުޅުވުން ހިމެނެއެވެ. މީގެ އިތުރުން އިޒްރޭލާ ދެކޮޅަށް އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލުމަށްވެސް ގޮވާލާފައިވެއެވެ.

ފަލަސްތީނުގެ ހައްގުގައި ގްރީސްގައި ބޭއްވި އެއްވުމެއްގެ ތެރެއިން، ފޮޓޯ: އޭޕީ

މުޒާހަރާގެ ބައިވެރިން ވަނީ ގްރީސް އާއި އިޒްރޭލާ ދެމެދު އޮންނަ އަސްކަރީ އަދި ދިފާއީ އެއްބަސްވުންތައް އުވާލުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ. މިފަދަ އެއްވުންތަކުގެ ސަބަބުން ގްރީސްގެ ސަރުކާރުގެ މައްޗަށް އަންނަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ.

މި މުޒާހަރާތަކުގެ ސަބަބުން، ހާއްސަކޮށް ފަތުރުވެރިކަމުގެ މޫސުމުގައި، އިޒްރޭލުގެ ފޮރިން މިނިސްޓްރީން ވަނީ އެގައުމުގެ ރައްޔިތުންނަށް ސަމާލުވުމަށް އިރުޝާދު ދީފައެވެ. އެގޮތުން މުޒާހަރާތައް ކުރިއަށްދާ ސަރަހައްދުތަކަށް ނުދިއުމަށް ދަތުރުފަތުރުގެ އެޑްވައިޒަރީތައް ވަނީ ނެރެފައެވެ.