އީރާނާއި އޮމާނާ ދެމެދު ހޮރްމޫޒް ކަނޑުއޮޅީގައި ދަތުރުފަތުރު ކުރުމަށް އާ މަގުތަކެއް ކަނޑައެޅުމުގެ އެއްބަސްވުމަކާ ގާތްވެފައިވީނަމަވެސް، އިސްތިރާތީޖީ ގޮތުން މުހިންމު މި ކަނޑުއޮޅި އަލުން ހުޅުވާނީ އެމެރިކާއިން އީރާނުގެ ބައެއް ޝަރުތުތައް ފުރިހަމަކުރުމުން ކަމަށް އީރާނުން ވަނީ ތަކުރާރުކޮށް ބުނެފައެވެ.
އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރާގްޗީ ވިދާޅުވި ގޮތުގައި، އޮމާނާއެކު ވެވޭ އެއްބަސްވުން މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައެވެ. ނަމަވެސް، އެމެރިކާއިން ދީފައިވާ ގެއްލުންތަކުގެ ބަދަލު ދިނުމާއި، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި، އަދި އަސްކަރީ ބިރުދެއްކުންތައް ހުއްޓާނުލަނީސް ކަނޑުއޮޅި ހުޅުވައިނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކުރުމާއި، ގަލްފް ސަރަހައްދުގައި އޮތް އެމެރިކާގެ ކަނޑުގެ ބްލޮކޭޑް ނައްތާލުމަކީ ވެސް އީރާނުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މިކަމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، އީރާނާއެކު މިހާރު ކުރިއަށްދަނީ "ސެމީ-ނެގޯޝިއޭޝަން" ނުވަތަ ފުރިހަމަ ނޫން މަޝްވަރާތަކެއް ކަމަށެވެ. އީރާނުގެ އިގްތިސާދީ ހާލަތަށާއި އިންފްލޭޝަނަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ އެމެރިކާއިން މިވަގުތު އޮތީ ބަލަން ކަމަށެވެ. އެމެރިކާގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި ގޮތުގައި، އީރާނުން އެމީހުންގެ ވައުދުތައް ފުރިހަމަކުރުމުން އެމެރިކާއިން ވެސް ބްލޮކޭޑް އުވާލާނެއެވެ.
ހޮރްމޫޒް ކަނޑުއޮޅީގެ މައްސަލަ ބޮޑުވެފައިވަނީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން އީރާނުން އެ ސަރަހައްދު ބަންދުކުރުމުންނެވެ. މީގެ އިތުރުން، އީރާނަށް ތާއީދުކުރާ ޔަމަނުގެ ހޫތީން ވެސް ދަނީ ރެޑް ސީ ސަރަހައްދުގައި އުޅަނދުފަހަރަށް ހަމަލާދެމުންނެވެ. އިއްޔެ ހޫތީން ވަނީ ސައުދީ އަރަަމްކޯގެ ޖާޒާން ރިފައިނަރީއަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ. މި ހަމަލާގައި ރިފައިނަރީގައި އަލިފާން ރޯވި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ ވަނީ ނިއްވާލާފައެވެ.
މި ނުތަނަވަސްކަމުގެ ތެރޭގައި ސައުދީ އަރަބިއްޔާއިން ވަނީ ތުރުކީ އާއި ޕާކިސްތާނާއެކު ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ތުރުކީގެ ފޮރިން މިނިސްޓަރު ހާކާން ފިދާން ވިދާޅުވީ މި އިއްތިހާދަކީ ވަކި ގައުމަކާ ދެކޮޅަށް އުފެއްދި އެއްޗެއް ނޫން ކަމަށާއި، މިއީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!