ދީނީ ޢިލްމުވެރިންގެ މެދުގައި ބާއްވާ އަހަރީ ބައްދަލުވުން މި ހިނގާ އޮގަސްޓު މަހުގެ 14 ވަނަ ދުވަހު ފެށުމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ. މި ބައްދަލުވުން ކުރިއަށްދާނީ މި މަހުގެ 14 އިން 15 އަށެވެ.

މި އަހަރުގެ ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމަކީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއްވެ، މުހިއްމު ކަންތައްތަކާ މެދު މަޝްވަރާ ކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

Ad
rt

މި ޕްރޮގްރާމް ރަސްމީކޮށް އިފްތިތާޙު ކުރުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތު އޮންނާނީ ހުކުރު ދުވަހުގެ ރޭ 20:30 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

އެގޮތުން މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ އިސްލާމިކް މިނިސްޓްރީގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސަޢުދީ ޢަރަބިއްޔާގެ ކިންގް ފަހަދު ޔުނިވަރސިޓީ އޮފް ޕެޓްރޯލިއަމް އެންޑް މިނަރަލްސްގެ ޕްރޮފެސަރ ޑޮކްޓަރ މުސްފިރު ބިން އަލީ އަލްޤަޙްޠާނީއެވެ.

މި އަހަރުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މިއެވެ. މި ތީމްގެ ދަށުން މި ޒަމާނުގައި ދީނީ ދަޢުވަތު ފެތުރުމާ ގުޅޭގޮތުން ހުރި މުހިއްމު ކަންކަމަށް މަޝްވަރާ ކުރެވޭނެއެވެ.

މި ބައްދަލުވުން ކުރިއަށްދާނީ ތަފާތު އެކި ދަންފަޅިތަކަށް ބަހާލައިގެންނެވެ. އެގޮތުން ބައްދަލުވުމުގެ އެކި ދަންފަޅިތަކުގައި ދީނީ ގޮތުން މުހިއްމު ތަފާތު މަޢުޟޫއުތަކަށް ބަޙުޘް ކުރުމާއި، ބައިވެރިވާ ޢިލްމުވެރިންނަށް މަޢުލޫމާތު ދިނުމުގެ ޚާއްޞަ ސެޝަންތައް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

މިއީ ރާއްޖޭގެ ދީނީ ޢިލްމުވެރިން އެއް ތަނަކުން ބައްދަލުވެ، ދީނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ހުރި މުހިއްމު އެކި މަޢުޟޫޢުތަކަށް ފުޅާ ދާއިރާއެއްގައި ވާހަކަދައްކައި މަޝްވަރާ ކުރުމަށް މަގުފަހިވެގެންދާ މުހިއްމު ބައްދަލުވުމެކެވެ.

ދީނީ ޢިލްމުވެރިންގެ އަހަރީ ބައްދަލުވުން ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އަލުން ބާއްވަން ފަށާފައިވަނީ 2024 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން 2025 ވަނަ އަހަރުވެސް މި ބައްދަލުވުން ވަނީ ކާމިޔާބުކަމާއެކު ބާއްވާފައެވެ.