އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 'ބޯޑް އޮފް ޕީސް' އިން ޣައްޒާގެ މައްސަލައަށް ހުށަހެޅި 15 ނުކުތާގެ ސުލްހައިގެ ޕްލޭން އިސްރާއީލުން ރަސްމީކޮށް ދެކޮޅުކަން ޢިއުލާންކޮށްފިއެވެ.

އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ފަލަސްތީނުގެ ހަމާސް ޖަމާއަތުން ފުރިހަމައަށް ހަތިޔާރު ބަހައްޓަންދެން އިސްރާއީލުގެ ސިފައިން ޣައްޒާއިން ފޭބުމަށް ދެކޮޅު ހަދާ ކަމަށެވެ.

Ad
rt

އާދީއްތަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދަމުން ނަތަންޔާހޫ ބުނެފައި ވަނީ، އިސްރާއީލުން އެ 15 ނުކުތާގެ ލިޔުން ބަލައެއް ނުގަންނަ ކަމަށެވެ. މިއީ މިދިޔަ މަހު ހަމާސް އިން ތާއީދުކޮށްފައިވާ ޕްލޭނެކެވެ.

ނަތަންޔާހޫ އިތުރަށް ބުނީ، ހަމާސް އިން ހަގީގީ މާނައިގައި ހަތިޔާރު ބަހައްޓަންދެން އިސްރާއީލު ސިފައިން އެ ސަރަހައްދުން ނުފައިބާނެ ކަމަށެވެ.

މި މައްސަލައިގައި އެންމެ ބޮޑު ޚިޔާލުތަފާތުވުމެއް އުފެދިފައިވަނީ ހަތިޔާރު އެޅުން ހުއްޓާލުމާއި ސިފައިން ފޭބުމުގެ ތަރުތީބާ މެދުގައެވެ. ހަމާސް އިން މި ފްރޭމްވޯކް ގަބޫލުކުރީ އިސްރާއީލު ސިފައިން ފޭބުމާއި ހަތިޔާރު ބެހެއްޓުން އެއްވަގުތެއްގައި ހިނގާނެ ކަމަށް ބަލައިގެންނެވެ. ނަމަވެސް، އިސްރާއީލުން ބުނަނީ ހަމާސްގެ ހުރިހާ ލުއި އަދި ބަރު ހަތިޔާރުތައް ހަވާލުކޮށް، ބިންގަރާސްތައް ނައްތާލައި، މުޅިން ހަތިޔާރު ނައްތާލަންދެން 'ޔެލޯ ލައިން' އިން ސިފައިން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، އިސްރާއީލުގެ ދިފާއީ އިސް އޮފިޝަލުން ބޭނުންވަނީ ޣައްޒާގެ ބޯޑަރު ސަރަހައްދުތަކުގެ ކޮންޓްރޯލް ދަމަހައްޓައި، ހަމާސްއަށް އަލުން އަސްކަރީ ގާބިލުކަން ހޯދިޔަނުދިނުމަށްޓަކައި މިނިވަންކަމާއެކު އޮޕަރޭޝަންތައް ހިންގުމުގެ ބާރު ދެމެހެއްޓުމަށެވެ. އަދި އެމެރިކާއިން އުފައްދާފައިވާ ބޯޑް އޮފް ޕީސްގައި ތުރުކީ އާއި ގަތަރު ފަދަ ގައުމުތަކުން އަދާކުރާ ދައުރާ މެދުވެސް އިސްރާއީލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިދިޔަ ހަފުތާގައި ބޯޑް އޮފް ޕީސްގެ ޑައިރެކްޓަރު ނިކޮލައި މިލަޑެނޯވް އާއި ނަތަންޔާހޫ ބައްދަލުކުރެއްވުމަށްފަހު، އެ ބޯޑުން ވަނީ އިސްރާއީލު ސިފައިން ފައިބާނީ ހަމާސްގެ ހަތިޔާރު އެއްކޮށް ނައްތާލުމުން ކަމަށް ބުނެފައެވެ. ނަމަވެސް، ނަތަންޔާހޫ ތަކުރާރުކޮށް ބުނަމުން ދަނީ މިހާރު ހުށަހެޅިފައިވާ ޕްލޭނަކީ އިސްރާއީލުގެ ސަލާމަތީ ކަންކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކަށަވަރުކޮށްދޭ ޕްލޭނެއް ނޫން ކަމަށެވެ.

މިދިޔަ އޮކްޓޯބަރު މަހު ހަމާސްއާއެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އިސްރާއީލުން ދަނީ މެދުކެނޑުމެއްނެތި ޣައްޒާގެ އެކި ސަރަހައްދުތަކަށް ނުރައްކާތެރި ހަމަލާތައް ދެމުންނެވެ. މި އާ ހުށަހެޅުން އިސްރާއީލުން ބޭރުކޮށްލުމާއެކު، ސަރަހައްދުގެ ސުލްހައަށް ކުރެވޭ އުންމީދުތަކަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.