ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުން ގުޅިގެން ދިފާއީ އެއްބަސްވުމެއްގައި ހުކުރު ދުވަހު ސޮއިކޮށްފިއެވެ. "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމެންޓް" ގެ ނަމުގައި ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، މި ތިން ގައުމުން ކުރެ ގައުމަކަށް ދެވޭ ހަތިޔާރު އެޅި ކޮންމެ ހަމަލާއަކީ ތިން ގައުމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލުމަށް ވަނީ ނިންމާފައެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަދި ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފެވެ. ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މައްކާގެ އަލް-ސަފާ ގަނޑުވަރުގައި ބޭއްވުނު މައްކާ ޖޮއިންޓް ޑިފެންސް ސަމިޓްގެ ތެރެއިންނެވެ.

Ad
rt

މި ސަމިޓަށް ތުރުކީގެ ރައީސާއި ޕާކިސްތާނުގެ ބޮޑުވަޒީރު ސައުދީއަށް ވަޑައިގެންނެވީ ދެ ހަރަމްފުޅުގެ ހާދިމް ކިންގް ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށެވެ. މައްކާގެ ރޯޔަލް ކޯޓުން މި ބޭފުޅުންނަށް މަރުހަބާ ދެންނެވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ. ސަމިޓްގެ ތެރެއިން ތިން ގައުމުގެ ވެރިން ވަނީ ގައުމުތަކުގެ މެދުގައި އޮތް ގުޅުންތައް މުރާޖައާކުރައްވައި، ގުޅުންހުރި މުހިންމު ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމަކީ ތިން ގައުމުގެ މެދުގައި އޮތް ތާރީހީ ގުޅުމާއި، އިސްލާމީ އެއްބައިވަންތަކަމާއި، އިސްތިރާތީޖީ މަސްލަހަތުތަކުގެ މައްޗަށް ބިނާވެފައިވާ އެއްބަސްވުމެއް ކަމަށެވެ. މީގެ މައިގަނޑު މަގްސަދަކީ ދިފާއީ ދާއިރާއިން އޮންނަ ގުޅުން އިތުރަށް ފުޅާކޮށް، ކުރިމަތިވެދާނެ އުދުވާންތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ތިން ގައުމުގެ ދިފާއީ އެއްބާރުލުން ހުރިހާ ދާއިރާއަކުން ތަރައްގީކޮށް ފުޅާކުރުމަށް ވަނީ ނިންމާފައެވެ. މިއީ ސަރަހައްދީ އަދި ދުނިޔޭގެ ސަލާމަތާއި، ސުލްހައާއި ހަމަޖެހުމަށް ބާރުއެޅުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ތިން ގައުމުން ފާހަގަކުރެއެވެ.

ކުރިމަގުގައި އަމާން އަދި ތަނަވަސް ދުވަސްތަކެއް ހޯދުމަށް މަސައްކަތް ކުރުމާއެކު، މި އެއްބަސްވުމަކީ ގުޅިފައިވާ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ތިން ގައުމުން ވެފައިވާ އިހުލާސްތެރި ވައުދެއް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.