އީރާނާއި އެމެރިކާއާ ދެމެދު ފަސް މަސް ދުވަހަށް ދެމިގެން ގޮސްފައިވާ ހަނގުރާމަ ހުއްޓާލުމަށް އީރާނާއި އޮމާނުން ހުށަހަޅާފައިވާ އެއްބަސްވުމެއްގެ ދަށުން، ހޮރްމުޒް ކަނޑުއޮޅިން ގަލްފަށް ވަންނަ އުޅަނދުތަކުގެ ފުރިހަމަ ކޮންޓްރޯލް އީރާނަށް ލިބިދާނެ ކަމަށް ''ރޮއިޓާސް'' އިން ރިޕޯޓްކޮށްފިއެވެ.
މިއީ މިހާތަނަށް އީރާނަށް ލިބޭނެ އެންމެ ބޮޑު އެއް ދޫކުރުން ކަމަށް މަސްދަރުތަކުން ބުނެއެވެ.
މި ހުށަހެޅުމާ ގުޅޭގޮތުން އެމެރިކާގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވާކަމަށް އެ ނޫހުން ބުންޏެވެ. ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ ކަނޑުއޮޅި ހުޅުވާލުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށެވެ. ނަމަވެސް، ދުނިޔޭގެ ހަކަތައިގެ ވިޔަފާރީގެ އެންމެ މުހިންމު މަގު އީރާނުގެ ކޮންޓްރޯލްގެ ދަށަށް ދޫކޮށްލުމަށް އެމެރިކާގެ އޮފިޝަލުން މީގެ ކުރިން ވަނީ ދެކޮޅު ހައްދަވާފައެވެ.
މި އެއްބަސްވުމުގެ ދަށުން އީރާނަށް ބާރު ލިބިއްޖެނަމަ، މިއީ ފެބްރުއަރީ މަހު އެމެރިކާ އާއި އިސްރާއީލުން ފެށި ހަނގުރާމައިގެ ނަތީޖާ އީރާނުގެ ކޮޅަށް ބުރަވެގެންދާނެ ކަމެކެވެ. ހަނގުރާމައިގެ ކުރިން މި ކަނޑުއޮޅިއަކީ އެއްވެސް ފީއަކާ ނުލައި ހުރިހާ އުޅަނދުތަކަކަށް ހުޅުވާލެވިފައިވާ ތަނެކެވެ. އީރާނުގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ކާޒިމް ޣަރީބްއާބާދީ ވިދާޅުވީ، އުޅަނދުތައް ދަތުރުކުރާނީ އީރާނުގެ ކަނޑުގެ ސަރަހައްދުން ކަމަށާއި، މިކަމާ ގުޅޭގޮތުން އޮމާނާއެކު އަސާސީ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.
މަސްދަރުތަކާ ހަވާލާދީ ''ރޮއިޓާސް'' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުން ބޭނުންވަނީ ކަނޑުއޮޅިން ދަތުރުކުރާ މުދާ އުފުލާ އުޅަނދުތަކުގެ އަގުން 5 އިންސައްތަ އާއި 7 އިންސައްތައާ ދެމެދުގެ ފީއެއް ނެގުމަށެވެ. ނަމަވެސް އޮމާނުން ހުށަހަޅަނީ 3 އިންސައްތައިގެ ފީއެކެވެ. އެމެރިކާގެ ވިސްނުމަކީ އެއްވެސް ފީއެއް ނުނެގުމެވެ. މީގެ އިތުރުން، އީރާނުން ވަނީ އެމެރިކާއިން އެގައުމަށް ހަމަލާއެއް ދީފިނަމަ، ސަރަހައްދުގެ ހަކަތައިގެ ވަސީލަތްތަކަށް ބަދަލުހިފުމުގެ ހަމަލާދޭނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުނު ފަހުން އީރާނުން 3,400 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވާއިރު، އެމެރިކާގެ 18 ސިފައިން ވަނީ މަރުވެފައެވެ.
ލަސްވެގަސްގައި ބޭއްވި އެއްވުމެއްގައި ޓްރަމްޕް ވިދާޅުވީ، މީހުން މަރަން ބޭނުންނޫން ކަމަށާއި، ބޭނުންވީ އެއްބަސްވުމަކަށް އަންނަންކަމަށެވެ.
"އަހަރެން ބޭނުންވަނީ އެއްބަސްވުމަކަށް އަންނަން، ސަބަބަކީ މީހުން މަރާކަށް ބޭނުމެއް ނޫން" ޓްރަމްޕް ވިދާޅުވެފަވެއެވެ.
ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބާ ކުރިމަތިލާއިރު، އެމެރިކާގެ ރައްޔިތުންގެ ބޮޑު ނުރުހުމެއް މި ހަނގުރާމައަށް އޮތުމުން ޓްރަމްޕަށް ވަނީ ސިޔާސީ ގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!