ދިވެހިރާއްޖޭގައި އަލަށް ގާއިމްކުރުމަށް ނިންމާފައިވާ ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްގީ ކުރުމަށްޓަކައި ހުޅުމާލެ ސަހަރާ ކައިރިން ބިމެއް ހަމަޖައްސައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މާލޭ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވެފައި ވަނީ، ރާއްޖޭގައި ޕޯސްޓްމޯޓަމް ފެސިލިޓީ ތަރައްގީ ކުރުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ސަހަރާ ހުރި ބިމުން އެކަމަށް ބޭނުންވާ ޖާގަ ހަމަޖައްސައިދީފައިވާކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ފެސިލިޓީ ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ ލެވެލް 2 ގެ މެޑިކަލް ޔުނިޓެއްގެ ގޮތުގައެވެ. މި ޔުނިޓުގައި ސްކޭން ކުރުން ފަދަ ޒަމާނީ ވަސީލަތްތައް ގާއިމްކުރެވޭނެ ކަމަށް ވެސް ހަލީމް ފާހަގަކުރަށްވާފަވެއެވެ.
އޭނާ ވިދާޅުވެފައިވާގޮތުގައި މި ޔުނިޓު މެދުވެރިކޮށް މީހުން މަރުވާ ސަބަބު ދެނެގަތުމުގެ އިތުރުން، ޖިސްމާނީ އަދި ޖިންސީ ގޯނާގެ މައްސަލަތައް ތަހުލީލު ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ. މީގެ އިތުރުން ބަންދުގައި ތިބޭ މީހުންނަށް ލިބޭ އަނިޔާތައް ބެލުމާއި، ޝަރުއީ އިންޝުއަރެންސްގެ ބޭނުމަށް އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ހިދުމަތްވެސް މި ފެސިލިޓީން ފޯރުކޮށްދޭނެއެވެ.
މި ހިދުމަތް ރަސްމީކޮށް ފެށުމުގެ ކުރިން ފޮރެންސިކް ޕެތޮލޮޖީގެ ގަވާއިދު އެކުލަވާލައި ގެޒެޓް ކުރުމަށް ވަނީ ނިންމާފައެވެ. މި ފެސިލިޓީގެ ސަބަބުން ދައުލަތުން ކުރާ ހޭދަ ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ބެލެވެއެވެ.
މިހާރުގެ ހާލަތަށް ބަލާއިރު، ރާއްޖެއިން ބޭރަށް ހަށިގަނޑު ފޮނުވައިގެން ޕޯސްޓްމޯޓަމް ހަދަން ކޮންމެ މީހަކަށް ގާތްގަނޑަކަށް 55,000 ރުފިޔާ ހޭދަވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖޭގައި މި ހިދުމަތް ގާއިމްވުމުން މި ހަރަދު ސަލާމަތް ކުރެވި، ތަހުގީގުތަކަށް ބޭނުންވާ މައުލޫމާތު އަވަހަށް ލިބިގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!