މިސްރުގެ އުތުރު އިރުމަތީ ސަރަހައްދުތަކަށް ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ރިކްޓަރ މިންގަނޑުން 5.3 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މިސްރުގެ ލޯކަލް ގަޑިން ފަތިހު 3:00 ހާއިރު އައި މި ބިންހެލުމުގެ އަސަރު ގާހިރާ ހިމެނޭހެން ގިނަ ސަރަހައްދުތަކަކަށް ވަނީ ކޮށްފައެވެ.
ޔޫ.އެސް ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން ބުނި ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ސުއޭޒްގެ އުތުރުން ގާތްގަނޑަކަށް 41 ކިލޯމީޓަރު ދުރަށެވެ. މިއީ އިސްމާއިލިއާ ޕްރޮވިންސް ކައިރި ސަރަހައްދެކެވެ. ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިން ކަމަށް ވާއިރު، ތުރުކީގެ އޭ.އެފް.އޭ.ޑީ އިން ބުނާ ގޮތުގައި ބިންހެލުން އައީ 5.47 ކިލޯމީޓަރުގެ ތިލަ ފުންމިނެއްގައެވެ.
ބިންހެލުން އައި ވަގުތު ގާހިރާ އާއި ސުއޭޒް އަދި އެ ސަރަހައްދުގެ ވަށައިގެންވާ ރަށްތަކުގެ ރައްޔިތުންނަށް ބާރުގަދަ ލޮޅުންތަކެއް އިހުސާސް ކުރެވުނު ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ނުވަތަ އިމާރާތަކަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިސްރުގެ ރެޑް ކްރެސެންޓުންނާއި ކަމާބެހޭ އިދާރާތަކުން ކޮށްފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން މިސްރުގެ ހެލްތު މިނިސްޓްރީ އާއި ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތައް ވަނީ ހައި އެލާޓަށް ގެނެސްފައެވެ. އިތުރު ލޮޅުމެއް އަތުވެދާނެ ކަމަށް ބަލައި، ކަމާބެހޭ ފަރާތްތަކުން ދަނީ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.
މިސްރުގެ މައި ބިމަކީ އާންމުކޮށް މިފަދަ ބާރުގަދަ ބިންހެލުންތައް އަންނަ ސަރަހައްދަކަށް ނުވާތީ، މި ބިންހެލުމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ ބޮޑު ސިހުމެއް ލިބިފައެވެ. ޚާއްސަކޮށް ސުއޭޒް ކެނަލް ސަރަހައްދަށް މި ބިންހެލުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށް ފާހަގަކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!