2016 ވަނަ އަހަރު ތުރުކީއަށް ގެންނަން އުޅުނު ނާކާމިޔާބު ބަޣާވާތުގެ ތެރޭގައި، އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އަވަހާރަކޮށްލަން އުޅުނު ''ފެޓޯ ޓެރަރިސްޓް ގްރޫޕު''ގެ އިސް މެންބަރަކު ތުރުކީގެ ފުލުހުން ހައްޔަރުކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ތުރުކީގެ އިންޓީރިއާ މިނިސްޓްރީއާ ހަވާލާދީ ޓީއާރުޓީ ވޯލްޑުންނެވެ.

އިންޓީރިއާ މިނިސްޓްރީން ހޮނިހިރު ދުވަހު ބުނި ގޮތުގައި، 'ބީކޭ' ގެ ނަމުން އައިޑެންޓިފައި ކުރެވިފައިވާ މި މީހާއަކީ ފެތުހުﷲ ޓެރަރިސްޓް އޯގަނައިޒޭޝަން (ފެޓޯ) ގެ ޔުނިޓެއްގައި ހިމެނޭ މީހެކެވެ. އޭނާއަކީ ޖުލައި 2016 ގެ ބަޣާވާތުގެ ތެރޭގައި މާމަރިސްގައި ހުންނަވަނިކޮށް ރައީސް އުރުދުޣާން އަވަހާރަކޮށްލަން ކުރި މަސައްކަތުގައި ބައިވެރިވި މީހެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

Ad
rt

މިނިސްޓްރީން ހާމަކުރި ގޮތުގައި ހައްޔަރުކުރި މީހާއަކީ ކުރިން ސިފައިންގެ ކެޕްޓަނެއްގެ މަގާމުގައި ހުރި، އަދި ހެލިކޮޕްޓަރު ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރި މީހެކެވެ. އޭނާއަކީ އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެން ހޯދަމުންދިޔަ މީހެއްކަންވެސް މިނިސްޓްރީން ފާހަގަކުރިއެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ސެކިއުރިޓީ ޑައިރެކްޓަރޭޓްގެ އިންޓެލިޖެންސް ޑިޕާޓްމަންޓުން ކޯޑިނޭޓްކޮށްގެން، އަފްޔޯންކަރަހިސާރް އަދި އެސްކިޝެހީރު ޕްރޮވިންސްގެ ފުލުހުންގެ އިންޓެލިޖެންސް ޔުނިޓްތައް ގުޅިގެންނެވެ. މި އޮޕަރޭޝަނުގައި 'ބީކޭ' ފެނިފައިވަނީ އަފްޔޯންކަރަހިސާރް އިން ކަމަށާއި، އޭނާ ހައްޔަރުކުރީ ކައުންޓަރ ޓެރަރިޒަމް ފުލުހުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ތުރުކީގެ އިންޓީރިއާ މިނިސްޓްރީން އިތުރަށް ބުނެފައިވަނީ، ފެޓޯ ޖަމާއަތާއި އެ ޖަމާއަތުގެ އެކި އޮނިގަނޑުތަކާ ދެކޮޅަށް ތުރުކީން ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ.

2016 ވަނަ އަހަރު ފެތުހުﷲ ގުލެންގެ އިރުޝާދުގެ ދަށުން ފެޓޯ އިން ގެންނަން އުޅުނު ބަޣާވާތުގައި 253 މީހުން މަރުވެ، 2,734 މީހުން ޒަޚަމްވެފައިވެއެވެ.